07 އެޕްރީލް 2018 - 12:48

ޗާންދަނީ މަގުގައި ހުންނަ ރޮމްބަސް ފިހާރަ ފަޅާލައި، އެތަނަށް ގެއްލުން ދިނުމަށް ފަހު ވައްކަން ކޮށްފި އެވެ.
ފަހުގެ ޓްރެންޑްތަކުގެ އަންނައުނާއި ގަހަނާ އާއި ބޫޓު ފަދަ ތަކެތި ވިއްކުމަށް މަޝްހޫރު ރޮމްބަސް ފިހާރަ އިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ފިހާރަ ފަޅާލާފައި ވަނީ ރޭ ދަންވަރު 3:00 ހާއިރު ކަމަށެވެ. އޭނާ ބުނީ ގާތްގަނޑަކަށް 35،000ރ. ގެ ގެއްލުމެއް ފިހާރަޔަށް ދީފައިވާ ކަމަށެވެ. ފިހާރައަށް ވަދެފައި ވަނީ މަރުތޭލަކުން ޖަހައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހުގައި ކަމަށާއި އެލާމް ސިސްޓަމަށް ވެސް ގެއްލުން ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
"ރޭ ދަންވަރު ތިނެއް ޖަހަން އުޅެނިކޮށް، ހަތަރު މީހަކު އެކަން ކުރީ. ފިހާރައަށް ވަނީ އެކަކު. އަނެއް ތިން މީހުން ތިބީ ދުރުގައި ބަލަހައްޓައިގެން،" އޭނާ ބުންޏެވެ.
އޭނާ ބުނީ ފިހާރަޔަށް ގެއްލުން ދިނުމުގެ އިތުރުން، ފިހާރައިގައި ހުރި ފައިސާތަކަކާއި ގަހަނާތަކެއް ވެސް ވަގަށް ނަގާފައިވާ ކަމަށެވެ. ވައްކަމުގެ މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެކަމަކު، މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގައި މީހަކަށް ހަމަލާ ދިނުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.