ރާއްޖެ އަށް އޮތް ޗައިނާގެ ނުފޫޒާ މެދު ކަންބޮޑުވޭ: އެމެރިކާ
ރާއްޖެ އަށް އޮތް ޗައިނާގެ ނުފޫޒާ މެދު ކަންބޮޑުވޭ: އެމެރިކާ

ޗައިނާ އިން ރާއްޖެ އަށް ނުފޫޒު ފޯރުވާތީ އެކަމާ ކަންބޮޑުވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްްޓްއޭޝިއާ ޖޯ ފެލްޓާ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ އެމެރިކާ ކަންބޮޑުވާ ފަދަ ހާލަތެއް ކަމަށެވެ.

ޗައިނާއިން ރާއްޖޭގެ ބިންތައް އަތުލަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން ކުރި ސުވާލުގެ ޖަވާބުގައި ޖޯ ފްލެޓާ ވިދާޅުވީ ޗައިނާގެ ނުފޫޒު ރާއްޖެ އަށް އޮތް މިންވަރުން އިންޑިއާ ވެސް ކަންބޮޑުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެއީ އިންޑިއާގެ ބެކްޔާޑް. އަހަރުމެންނަށް އެނގޭ އިންޑިއާ ކަންބޮޑުވާކަން. (ރާއްޖޭގެ ހާލަތާ މެދު) ކަންބޮޑުވޭ. އަހަރުމެން ބަލާނަން ކުރިއަށް އޮތް ތަނުގައި ވަމުންދާ ގޮތް. އެއީ އަހަރެމެންގެ ޑިފެންސް ސްޓްރެޓެޖީގައި އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް،" ޖޯ ފްލެޓާ ވިދާޅުވި އެވެ.

އެކަމަކު، ޗައިނާ އިން ބިންތައް އަތުލަމުންދާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކުރެ އެވެ. އަދި ޗައިނާ އަށް ރަށްތަކެއް ދީފައިވާ ކަމަށް ދެކެވޭ ވާހަކަ ވެސް ސަރުކާރުން ދޮގުކުރެ އެވެ.

ޖޯ ފްލެޓާ ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދާއި ޕެސިފިކް ކަނޑުގެ ސަރަހައްދަކީ ހުޅުވާލެވިފައި އޮތް މިނިވަން ސަރަހައްދަކަށް ވާން އެމެރިކާ ބޭނުންވާ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާއިން ހިންގާ ބައެއް ހަރަކާތްތަކާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ-ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ރާއްޖޭގެ ތަރައްގީގެ ގިނަ ކަންކަމަށް އެ ގައުމުން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ރާއްޖެ-އިންޑިއާގެ ގުޅުން ވަނީ ގޯސްވެފަ އެވެ.

ރާއްޖެއާ ބެހޭ ގޮތުން އިންޑިއާ އިން އެންމެ ފަހުން ނެރުނު ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒުކޮށް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް ގޮވާލައިފަ އެވެ. ރާއްޖޭގެ ގާނޫނުއަސާސީއަށް ފުރިހަމައަށް އަމަލުކޮށް، ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމު ފުރިހަމަކަމާ އެކު ހިންގުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.