08 އެޕްރީލް 2018 - 07:15

ދާދި ފަހުން ސިންގަޕޫރްގައި މަނީޝް މަލްއުތުރާ ބޭއްވި ފެޝަން ޝޯއެއްގައި ބަތަލާ ކަރީނާ ކަޕޫރާ އެކު، ޒުވާން އެކްޓަރު ކަރްތިކް އާރިޔަން ފެނުމާ އެކު ގިނަ ބަޔަކު ބުނެފައި ވަނީ މިއީ ބޮޑު ސްކްރީނުން ވެސް އެކުގައި ބަލައިލަން ވަރަށް ޝައުގުވެރި ޖޯޑަކަށް ވާނެ ކަމަށެވެ.
ކަރީނާ އާއި ކަރްތިކް އެކުގައި ނަގާފައިވާ ފޮޓޯތަކަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ އެ ދެ ތަރިން ހިމަނައިގެން ފިލްމެއް ހަދަން ވެސް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމަށް ބުނެފަ އެވެ.
ފިލްމް "ޕިޔާރް ކާ ޕަންޗްނާމާ" އިން 2011 ގައި ބޮލީވުޑަށް ނުކުތް ނަމަވެސް ދާދި ފަހަކާ ޖެންދެން ކަރްތިކްއަކީ އެހާ މަޝްހޫރު ތަރިއެއް ނޫނެވެ. އެކަމަކު މި އަހަރު ރިލީޒްކޮށް، 100 ކްރޯޑް ކުލަބުން ވެސް މި އަހަރުގެ މިހާތަނަށް ޖާގަ ހޯދި މަދު ފިލްމްތަކުގެ ތެރޭގައި ކަރްތިކްގެ އެންމެ ފަހުގެ ފިލްމް "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ހިމެނުމާ އެކު އޭނާގެ ތަރި ވަނީ ވަރަށް ބޮޑަށް ވިދާލައިފަ އެވެ. ކަރީނާއާ އެކު ރޭމްޕްގައި ހިނގާލަން ވެސް ފުރުސަތު ލިބުނީ މި ފިލްމުން ކަރްތިކް ހޯދި މަޝްހޫރުކަމާއި މަގުބޫލުކަމާ އެކުގަ އެވެ.
އެހެންވެ އޭނާ މިހާރު ބުނަނީ ކެރިއަރު އުންމީދީ ދިމާއަކަށް މިސްރާބު ޖަހާފައިވާ ކަމުގެ ސިގްނަލްތައް މިހާރު ލިބެން ފަށާފައިވާ ކަމަށެވެ. އަދި ގިނަ ހުށަހެޅުންތަކެއް ވެސް ލިބެމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މިއާ އެކު ކަރްތިިކްގެ އެންމެ ބޮޑު އެއް ހުވަފެނަކީ ކަރީނާއާ އެކު ފިލްމެއް ކުޅުމެވެ.
"ކާކުބާ އެ ފުރުސަތު ބޭނުން ނުވާނީ؟ ގައިމު ވެސް އަހަރެން ވަރަށް ބޭނުން ކަރީނާއެކު ފިލްމެއްގައި މަސައްކަތްކޮށްލަން. އުންމީދު ކުރަން އެ ފުރުސަތު ލިބޭނެ ކަމަށް،" 29 އަހަރުގެ އެކްޓަރު ބުންޏެވެ. "އެ ދުވަހަކުން ވަރަށް އުފާވާނެ."
އޭނާ ބުނި ގޮތުގައި ކަރީނާ ފަދަ ވަރުގަދަ ބަތަލާއެކު، ރޭމްޕްގައި ހިނގާލަން ފުރުސަތު ލިބުމަކީ ނަސީބުވެރިއަކަށް ނޫނީ ނުލިބޭނެ ކަހަލަ ފުރުސަތެކެވެ.
"އެއީ އަބަދު ވެސް އަހަރެން ހަނދާނުގައި ބަހައްޓާނެ ކަމެއް،" ކަރްތިކް ބުންޏެވެ.