07 އެޕްރީލް 2018 - 09:17

މެންޗެސްޓާ (އޭޕްރީލް 7) - މެންޗެސްޓާ ސިޓީ އަށް މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓުގެ ޕައުލް ޕޮގްބާ އާއި މިހާރު އާސެނަލަށް ކުޅެމުން އަންނަ ހެންރިކް މިކިތާރްޔަން އޮފާކުރި ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިކިތާރްޔަން ޖެނުއަރީ މަހު އާސެނަލަށް ބަދަލުވީ ޔުނައިޓެޑުން އަލެކްސިސް ސަންޗޭޒް ގަތް ޑީލުގެ ތެރެއިންނެވެ.
މިކިތާރްޔަން އާއި ޕޮގްބާގެ އޭޖެންޓަކީ މިނޯ ރައިއޯލާ އެވެ. އޭނާ އަކީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ އޭޖެންޓެވެ. ދާދި ފަހުން ރައިއޯލާ ވަނީ ގާޑިއޯލާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ގާޑިއޯލާ އަކީ ވަރަށް ނުލަފާ މީހެއް ކަމަށް ރައިއޯލާ ބުނެފައިވެ އެވެ.
އެކަމާ ގުޅޭގޮތުން ގާޑިއޯލާއާ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން އޭގެ އަށް އޭނާ ވަނީ ޖަވާބުދީފަ އެވެ.
"އަހަރެން މިއީ ވަރަށް ގޯސް މީހެއް ވަރަށް ނުލަފާ މީހެއް މިއީ އޭނަ (ރައިއޯލާ) އަހަރެން ވާހަކަ ވެސް ނުދައްކާ މީހެއް ދެކޭ ގޮތް. އެކަމަކު އަހަންނަށް ނޭނގޭ ކީއްވެ ކަމެއް މީގެ ދެ މަސް ކުރިން އޭނާ މިކިތާރްޔަން އާއި ޕޮގްބާ އަހަރެމެންނަށް ހުށަހެޅީ. އަހަންނަކީ އެހާ ގޯސް މީހެއް ނަމަ އޭނަ (ރައިއޯލާ) ޖެހޭނެ ކުޅުންތެރިން އަހަރެންގެ ކިބައިން ސަލާމަތްކުރަން،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާގެ ވާހަކަތަކާ ގުޅިގެން ޕޮގްބާ ވަނީ ޓްވީޓެއްގައި އެއީ ދޮގެއް ކަމަށް ދޭހަވާ އިބާރާތުން އޭނާގެ ޝުއޫރު ފާޅުކޮށްފަ އެވެ.
ޕޮގްބާ 2016 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވީ 89 މިލިއަން ޕައުންޑަށެވެ. އޭރު ގާޑިއޯލާ ބުނީ ސިޓީ އަތުގައި ޕޮގްބާ ގަންނަން އެ ވަރުގެ ހޭދައެއް ކުރާނެ ފައިސާ ނެތް ކަމަށެވެ.
ރައިއޯލާ އާއި ގާޑިއޯލާއާ މެދު މައްސަލަ ޖެހުނީ އިބްރަހިމޮވިޗާއި ގާޑިއޯލާ ދެމެދުގައި ބާސެލޯނާގައި ހިނގާދިޔަ ކަންތައްތަކަށް ފަހު އެވެ.