ވިކްޓަރީން ފަހަތުން އަރައި ގްރީންސްޓްރީޓްސް އަތުން މޮޅުވެއްޖެ
ވިކްޓަރީން ފަހަތުން އަރައި ގްރީންސްޓްރީޓްސް އަތުން މޮޅުވެއްޖެ

ފަހު ވަގުތު އާދަމް އިޝާމް (ސަން) ވައްދާލި ލަނޑާ އެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ ފަހަތުން އަރައި ގްރީންސްޓްރީޓްސް އަތުން 2-1 އިން ވިކްޓަރީ މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު ވިކްޓަރީ ވަނީ ހަ ޕޮއިންޓް ހަމަކޮށް ފަސް ވަނަ އަށް އަރައިފަ އެވެ. އަދި ފަސް ޕޮއިންޓާ އެކު އޮތް ގްރީންސްޓްރީޓްސް ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ.

މެޗުގެ ކުރީކޮޅު ސޮބުލް އިލިއާގެ ގޯލުން ގްރީންސްޓްރީޓްސް އިން ލީޑު ނަގާފައިވަނިކޮށް ދެ ވަނަ ހާފުގައި ވިކްޓަރީ އަށް އެއްވަރުކޮށްދިނީ ސްޕެއިން މިޑްފީލްޑަރު އެންހެލް މުނޯޒެވެ. އެ ޓީމު މޮޅުވި ލަނޑު އިޝާމް ޖެހީ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭ ގްރީންސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފަށް ރެފްރީ އަހުމަދު އަސްލަމް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައިފަ އެވެ. އެއީ އޭނާ ބޯޅައިގައި ޖަހަން ހޫރާލި ފައި ވިކްޓަރީގެ ބަދަލު ކުޅުންތެރިޔާ ހުސެއިން ޝިހުބާންގެ ބުރަކަށްޓަށް އެރުމުންނެވެ. އެއާ އެކު އަދި ޖުމްލަކޮށް ދެ ވަނަ ހާފުގައި ގްރީންސްޓްރީޓްސްގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ވަނީ ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި މިރޭގެ މެޗުގެ ރެފްރީއަކަށް ލިސްޓުގައި މުހައްމަދު ޖާވިޒް ޖަހާފައިވަނިކޮށް ފަހުން އޭނާގެ ބަދަލުގައި އަސްލަމް އެރުވިއިރު އެކަން ނޭގޭ ކަމަށް ބުނެ އެ ޓީމުގެ ބައެއް އޮފިޝަލުން މެޗަށް ފަހު މެޗު ކޮމިޝަނަރު ގާތު މައްސަލަ ޖެއްސި އެވެ.

މިރޭގެ މެޗުގައި ގްރީންސްޓްރީޓްސް އަށް އިލިއާ ލީޑު ނަގައިދިނީ 11 ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ އިބްރާހިމް ރިޒްހާން (ރިޒްކޯ) އަށް ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޮ) ކުރި ފައުލަކަށް އޭރިއާގެ އަރިމަތީ ރޮނގާ ދިމާލުން ލިބުނު ހިލޭ ޖެހުން އިލިއާ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.

މިދިޔަ ސީޒަނުގައި ގްރީންސްޓްރީޓްސްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޔޫކްރޭން މިޑްފީލްޑަރު އިލިއާ 25 ވަނަ މިނެޓުގައި ލީޑު ފުޅާކުރުމާ ގާތަށް ދިޔަ އެވެ. އެކަމަކު އޭނާ ފޮނުވާލި ބާރު ޝޮޓް ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން ސަލާމަތްކޮށްދިނެވެ.

ފުރަތަމަ ހާފުގައި ގްރީންސްޓްރީޓްސްގެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު ރިސްވާން (ފުކޭ) އަނިޔާވެ ބަދަލުކުރަން ޖެހުނެވެ. އަރިމަތިން ކުޅޭ ހަލުވި ކުޅުންތެރިޔާ ނެތުން ވެގެންދިޔައީ އެ ޓީމަށް ކުރިމަތިވި ބޮޑު މައްސަލައެކެވެ.

މި ހާފުގައި ވިކްޓަރީން ގޯލެއް ޖެހުމާ އެންމެ ގާތަށް ދިޔައީ 30 ވަނަ މިނެޓުގަ އެވެ. އަރިމަތިން އޭރިއާ ތެރެއަށް މުނޯޒް ހުރަސްކުރި ބޯޅަ ގޯލަށް ފޮނުވާލަން އެ ޓީމުގެ ތިން ކުޅުންތެރިން ހުސްކޮށް އަރާ ތިބި ނަމަވެސް އެއްވެސް ކުޅުންތެރިޔެއްގެ ފައިގައި ބޯޅަ ލައްވައެއްނުލި އެވެ.

ދެ ވަނަ ހާފުގައި ވިކްޓަރީ ފެނުނީ ކުރިއަށް ވުރެ ވަރުގަދަކޮށެވެ. އެގޮތުން 60 ވަނަ މިނެޓުގައި އެ ޓީމުގެ ޕެޑްރޯ ފޮނުވާލި ހަމަލައެއް ހުރަސް ދަނޑީގައި ވެސް ޖެހުނެވެ. އޭގެ ތިން މިނެޓު ފަހުން އެ ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. ހިލޭ ޖެހުމަކުން މުނޯޒް ގޯލަށް ފޮނުވާލި ބޯޅަ ވަނީ ގްރީންސްޓްރީޓްސްގެ ކީޕަރު ސާޖީ މަރަޑިން ހިފި ފަހުން އަތުން ދޫވެގެންނެވެ.

ވިކްޓަރީން އެއްވަރުކުރުމާ އެކު ގްރީންސްޓްރީޓްސް އިން އަނެއްކާ ވެސް ނުރައްކާކުރަން ފެށި އެވެ. އެގޮތުން 80 ވަނަ މިނެޓުގައި އިލިއާ ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅަ ވިކްޓަރީގެ ކީޕަރު މަތަކޮށް ފޮނުވާލި ވަގުތު ޔޫކްރޭން ފޯވާޑް ރޮލޭންޑް ރަސެލް ހުހަށް ހުރެ ފޮނުވާލުމުން ވިކްޓަރީގެ ޑިފެންޑަރަކު ބްލޮކްކުރީ އެވެ. އަދި 82 ވަނަ މިނެޓުގައި އެ ޓީމުގެ ސެންޓްރަލް ޑިފެންޑަރު އޮލޭ ޔެފިމްޝުކް ކުރިއަށް އަރައި، މަގާމަށް ވުރެ ކުރީގައި ހުރި ވިކްޓަރީގެ ކީޕަރު ބޯމަތިން ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ކިރިޔާ އެވެ.

އޭގެ ފަހުން ވިކްޓަރީން ކުރިއަށް ދިޔަ ބޯޅައިގައި 86 ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގި އެވެ. އިބްރާހިމް ހަމްދާން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އިޝާމް އޭރިއާ ތެރެއިން ޖެހުމުން ވަނީ ގޯލުގެ މަތީ ކަނަށެވެ.

ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ އޭނާގެ ޓީމަށް ބޭނުންވި ގޮތަށް ނުކުޅެވުނު ކަމަށާއި އެކަމަކު ލީޑު ލިބިފައި އޮއްވާ ވިކްޓަރީން އެއްވަރުކުރި ހިސާބުން ކުޅުންތެރިންގެ އިތުބާރު ގެއްލި ފޯރި ކެނޑުނު ކަމަށެވެ. ސުޒޭން ބުނީ ފުކޭ ބާލަން ޖެހުމުން އޭގެ އަސަރުކުރި ކަމަށާއި އޭނާގެ ޓީމުން އަރިމަތިން ހަލުވި ކުޅުންތެރިން ބޭނުންކޮށްގެން ކުޅޭއިރު އޭނާ ނެތުމުން ގެއްލުންތަކެއްވި ކަމަށެވެ.

މެޗުގެ ފަހު ބައިގައި ގްރީންސްޓްރީޓްސްގެ ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީގެ މައްސަލަ ޖެއްސިއިރު ސުޒޭން ބުނީ ރެފްރީން ފަހަތުން ދުވެގެން އެއްވެސް ނިންމުމެއް އެއްވެސް ތަނެއްގައި ބަދަލުވެފައިނުވާ ކަމަށެވެ.

"އެހެން ނޫނަސް ކުޅުމަށް ކޮންސެންޓްރޭޓްކޮށްގެން މަސައްކަތްކުރި ނަމަ އޭގެ ފައިދާކުރީސް،" ސުޒޭން ބުންޏެވެ.

ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބުނީ މެޗުގެ 70 މިނެޓު ކުޅުނީ ގްރީންސްޓްރީޓްސް އިން ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އޭނާގެ ޓީމުން މި ހޯދި މޮޅާ އެކު ވަރަށް ހިތްހަމަޖެހިފައިވާ ކަމަށާއި ކުޅުންތެރިން މަސައްކަތްކުރި ކަމަށް ބުންޏެވެ.