ގާސިމްގެ މައްސަލަ ނެތް ކޯޓެއް މި ސަރަހައްދަކު ވެސް ނެތް: ފަލާހް
ގާސިމްގެ މައްސަލަ ނެތް ކޯޓެއް މި ސަރަހައްދަކު ވެސް ނެތް: ފަލާހް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަކީ ދަރައި ހުސްވެފައި ހުންނެވި ބޭފުޅެއް ކަމަށާއި އޭނާގެ މައްސަލައެއް ނެތް ކޯޓެއް މި ސަރަހައްދުގައި ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހީމް ފަލާހް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމާ އެކު ޕީޕީއެމުން މިރޭ ލ. ގަމުގައި "މިތިބޫ ރައީސް ޔާމީނާ އެކު" ގެ ނަމުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ގާސިމަކީ ސަރުކާރަށް އެތައް މިލިއަން ރުފިޔާއަކުން ދަރާފައި ހުންނެވި ބޭފުޅެއް ކަމަށެވެ.

"ގާސިމްގެ [ދަރަނީގެ] މައްސަލަ ނެތް ކޯޓެއް މި ސަރަހައްދަކު ނެތް. އިންޑިއާ ކޯޓްތަކާއި ލަންކާ ކޯޓްތަކުގައި ވެސް އޭނަގެ މައްސަލަތައް އެބަހުރި. ރާއްޖޭގެ ކޯޓްތައް މިހިރީ އޭނަގެ މައްސަލަތަކުން ބަރާވެފައި،" ފަލާހު ވިދާޅުވި އެވެ.

"[މި މައްސަލަތަކާ ހެދި] ގާޒީންނަށް ޗުއްޓީ ނެގޭކަށް ނެތް. މީނާ ދައްކަން އެބަ އޮތް އެތައް ސަތޭކަ މިލިއަން ޑޮލަރެއް. [އެކަމަކު] އެއްޗެހި ހޭދަކޮށްގެން ރައްޔިތުން އުފައްދާފައި އޮތް ސަރުކާރެއް ވައްޓާލަން މަސައްކަތް މި ކުރަނީ. އަޅުގަނޑު ދަންނަވާލަން އޮތީ އެކަމެއް ނުވާނޭ."

ފަލާހް ވިދާޅުވި ގޮތުގައި ގާސިމްގެ އެފަދަ މައްސަލަތަކެއް ހުރުމުން މިހާރު މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ އިސް ވެރިންނަށް ގުޅުއްވައިގެން އަލުން، ޕީޕީއެމްއާ އެކު މަސައްކަތް ކުރައްވާށެވެ. އެކަމަކު ޕީޕީއެމުން އެ ފުރުސަތެއް ނުދޭނެ ކަމަށާއި ޕީޕީއެމްގެ މެމްބަރުން ގާސިމް ބަލައި ނުގަންނާނެ ކަމަށް ވިދާޅުވި އެވެ.