07 އެޕްރީލް 2018 - 00:04

ސަރުކާރުން މިހާރު ހިނގަމުންގެންދާ ވައްކަމާއި އަނިޔާވެރިކަން ނުހުއްޓުވައިފި ނަމަ އެންމެން ނެތި ހިނގައިދާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިރޭ ވިދާޅުވެއްޖެ އެވެ.
އިހަވަންދޫގައި ބޭއްވި އިދިކޮޅު ފަރާތްތަކުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ އަނިޔާވެރި ވެރިކަން ހުއްޓުވުމުގެ މަސައްކަތް ކުރިން ނުކުރުމުގެ ނަތީޖާ ވެސް މިހާރު ފެންނަމުންދާ ކަމަށެވެ.
އެގޮތުން ފުލުހުންގެ ކުރީގެ އިސް ވެރިންނާއި ސިފައިންގެ ބައެއް އިސް އޮފިސަރުންނާއި. ބައެއް ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނާއި އުއްތަމަފަނޑިޔާރު ފަދަ ބޭފުޅުން ވަނީ އަނިޔާވެރިކަމުގެ ޝިކާރައަކަށް ހަދާފައި ކަމަށް ވިދާޅުވި އެވެ.
"މިކަން ފުޅާވަމުން ގޮސް މިހާރު މިވަނީ އަޅުގަނޑުމެންގެ ތެރެއިން ހިތަށް ތަސައްވުރު ވެސް ނުކުރެވޭ ހިސާބަށް މިކަންކަން ގޮސްފައި،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަލީ ވިދާޅުވީ ރައީސް ޔާމީނަށް މިހާރު ތާއީދުކުރާ ބަޔަކު ނުފެންނަ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ވެސް ވާގިދޭ ބަޔަކު އުޅޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މި އަނިޔާވެރިކަމަށް މަދަދުދީ މި އަނިޔާވެރިކަމަށް އެއްބާރުލުންދޭ ފަރާތްތަކެއް އެބަތިބި. އެ ފަރާތްތައް އެބަޖެހޭ އެކަން ހުއްޓާލަން. އަޅުގަނޑުމެން ދައްކާ ވާހަކަ އަޑުއަހާކަށް ނޫންވީ. ކޮބައިތޯ އެބޭފުޅުންގެ ތެރޭގައި ތިބި ކޮމިޝަނަރުކަން ކުރެއްވި ވެރިން،" މިހާރު ޖަލުގައި ތިއްބެވި ކުރީގެ ފުލުހުންގެ ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި އަހުމަދު އަރީފަށް އިޝާރާތްކުރައްވައި ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ވެރިކަންކުރެއްވި އެތައް ބޭފުޅަކު ޓެރަރިސްޓުންނަށް ހަދައި ޖަލަށްލާފައިވާ ކަމަށެވެ.
"ކޮބައިތޯ ތިބޭފުޅުންގެ ލަދު. އަޅުގަނޑު ހަމަ އެ ސުވާލުކޮށްލަން ބޭނުންވޭ ހާއްސަކޮށް ފުލުހުންނާއި ސިފައިންގެ ފަރާތުން. މިކަމުގެ ތެރެއިން އިބުރަތް ލިބިގަންނަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ކުރިން މަގުމަތިން މީހުންގެ މޫނަށް ޕެޕަ ސްޕްރޭ ޖެހި ބައެއް މީހުން މިހާރު ތިބީ ޖަލުގައި ކަމަށެވެ. އެކަމަކު އެ މީހުންގެ ދިފާއުގައި ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ އެ މީހުންގެ ދިފާއުގައި އަނިޔާވެރިކަމުން ސަލާމަތްކޮށްދިނުމަށްޓަކައި މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވި ގޮތުގައި ދައުލަތުގެ ވަކީލުންގެ ގޮތުގައި މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބެވި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ބައެއް މީީހުންގެ އިތުރުން މި އަނިޔާވެރިކަމުގައި ބައެއް ފަނޑިޔާރުން ވެސް ބައިވެރިވުމަކީ ހިތާމައެކެވެ.
"އެ ބޭފުޅުންގެ ތެރެއިން މީގެ ކުރިން އެގޮތަށް ކަންތައްތައް ކުރެއްވި ބޭފުޅުންގެ ނިމުން އައިސްހުރީ ކިހިނެއްތޯ؟ ކޮން ގޮތަކަށްތޯ އެ ބޭފުޅުންނާ މެދު ކަންކަންކުރެވިފައި ހުރީ. އެހެންވީމަ މި އަނިޔާވެރިކަމަށް އެއްބާރުލުންދީ ތާއީދުކޮށް މިކަމަށް މަދުދޭ ހުރިހާ ފަރާތްތަކުން އިބުރަތް ލިބިގަންނަން ޖެހޭ،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ ފަރާތްތަކުން ގުޅިގެން މި އަނިޔާވެރިކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި މިކަމުގައި ވާގިވެރިވާ ހުރިހާ އެންމެން ހިފާހައްޔަރުކޮށް، މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.