މި މަސައްކަތް ހުއްޓާލާނީ ޔާމީންގެ ނަމުގެ ކުރީގައިވާ "ރައީސް" ކަނޑާލާފައި: ޝާހިދު
މި މަސައްކަތް ހުއްޓާލާނީ ޔާމީންގެ ނަމުގެ ކުރީގައިވާ "ރައީސް" ކަނޑާލާފައި: ޝާހިދު

ގައުމު އިސްލާހުކުރަން މިހާރު ފަށާފައިވާ މަސައްކަތް ހުއްޓާލާނީ އަބްދުﷲ ޔާމީންގެ ނަމުގައި ކުރީގައިވާ "ރައީސް" ކަނޑާލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެެއްޖެ އެވެ.

ހއ. އިހަވަންދޫގައި އެމްޑީޕީން އަލަށް ހެދި "ކައްވާލި ޖަގަހަ" ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ޖަހަމުންދާ އިސްލާހުގެ ވިންދު އަންނަނީ ބާރުވަމުން ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން. އަޅުގަނޑުމެންގެ ހިތުގައި މިނަގާފައިވާ ދިދައަކު އިތުރަކަށް ތިޔަ ބޭފުޅުންނަކަށް އަތްޕުޅު އަޅުއްވައިގެން ނުތިއްބެވޭނެ. އަޅުގަނޑުމެން މި މަސައްކަތް ހުއްޓާލާނީ ރައީސް އަބްދުﷲ ޔާމީންގެ ނަމުގެ ކުރިޔަށް އެއޮތް ރައީސްކަން ކަނޑާލާފައި،" އޭނާ ވިދާޅުވި އެވެ.

"މިހާރު ރައީސް އަބްދުﷲ ޔާމީންގެ ނަން ބޯޑުގައި އަޅުވާފައި ހުރީ 'އެކްސްޕަޔާޑް'."

ޝާހިދު ވިދާޅުވީ ރާއްޖެގައި މިހާރު ހިންގަނީ އިސްލާމް ދީނާ ހިލާފު ޖަރީމާތަކެއް ކަމަށާއި މި އަނިޔާވެރިކަމުގެ ކުރިމަތީގައި ރައްޔިތުން ބޯނުލަނބާނެކަން ރައީސް ޔާމީނަށް އެނގެންވެއްޖެ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު ހިމެނޭ ގޮތަށް އެތައް ސިޔާސީ ލީޑަރުން ޖަލަށް ލާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވަން އެބަ ޖެހޭ ޓިނުކޮޅު ގެންދިޔަސް، ހޮޅިތައް ވަގަށް ގެންދިޔަސް، ކޮންމެ ކަމެއް ކުރިޔަސް، އަޅުގަނޑުމެންގެ މިއަޑު ކަނޑުވައެއް ނުލެވޭނޭ. އިސްލާހުގެ އަޑު ދިވެހިރާއްޖެއިން ފިލުވައެއް ނުލެވޭނެ،" ޝާހިދު ވިދާޅުވި އެވެ.

އަލަށް ހުޅުވި ޖަގައަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެ ޖަގަހަ ފުލުހުން ރޫޅާލިތަނާ 24 ގަޑިއިރުގެ ތެރޭގައި އަލުން ހުޅުވިއިރު، އެތަައް ރަށެއްގައި ހުރި ޖަގަހަތައް ރޫޅާލި ކަމަށެވެ.

"ބަލަ ކައްވާލާ ކޮންމެ އެއްޗަކަށް ދޭތި އެބަ އަރައޭ މައްޗަށް. ބައްލަވާ މި އިހަވަންދޫއަކީ ނަމޫނާއެއް. މިވަރުގެ ހިތްވަރުގަދަ ރައްޔިތުން މިތިބީ ރާއްޖޭގައި އެންމެ އުތުރުން ފެށިގެން އެންމެ ދެކުނާ ހަމަޔަށް ނުކުމެ އަތުކުރި އޮޅާލައިގެން ސަފުތައް ރުކުރުވާލައިގެން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހަކާ ބައްދަލުވިޔަސް، ފޯނެއް ކޮށްލިޔަސް އަހަނީ "އަބްދުﷲ ޝާހިދު ކޮން އިރަކުންތޯއޭ.." ކަމަށެވެ. ޝާހިދު އެ އިޝާރާތްކުރައްވަނީ ވެރިކަން ބަދަލުވަނީ ކޮން އިރަކުންތޯ ގިނަ ބަޔަކުކުރާ ސުވާލަށެވެ.

"މިއީ ސުވާލަކީ ކޮން އިރަކުންތޯއޭ. ބައްލަވާ ރާޅު މިއޮތީ ނިކަން ރަނގަޅަށް ނަގާ ބޮޑުކޮށްފައި. މި ބިންދާލާކަށް ލަހެއް ނުވާނެ. ރައްޔިތުން ސާބިތުކަމާއެކު ތިއްބަވާ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ އެތައް މިތަނުން އުފުލެމުންދާ ދިދަތައް މިސާލަކަށް ބަލަން ޖެހޭ ކަމަށެވެ.

"ރުއްރުކުގެ ކުރިންނާއި ބޮޑެތި ނިކަގަހުގެ މަތިންނާއި ފަރުތަކުގައި ޖަހާފައިވާ ބައްތިތަކުން ވެސް އިސްލާހުގެ ދިދަ ވިހުރެމުން އެހެރަ ދަނީ. ނުކުމެ ވަޑައިގަންނަވާ އަޅުގަނޑު މިދަންނަވަނީ ކެރިވަޑައިގަންނަވަންޏާ އެ ދިދަތައް ބާލުއްވާ. ކަނޑާ ވައްޓާލާ ކޮންމެ ރުކަކަށް ދެ ރުކުގައި ދިދަ ނަގާނެ،" ވަރަށް ފޯރީގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވި އެވެ.