07 އެޕްރީލް 2018 - 09:21

މިއުނިކް (އޭޕްރީލް 7) - ބަޔާން މިއުނިކްގެ ސަޕޯޓަރުންގެ ބަޔަކަށް އެ ޓީމުގެ ކޯޗު ޔުޕް ހެއިންކެސް ނޭނގުނު ކަމަށް އޭނާ ބުނެފި އެވެ.
މަޝްހޫރު ކޯޗު ހެއިންކެސް އަލުން ބަޔާނާ ހަވާލުވީ މިދިޔަ އޮކްޓޫބަރު މަހުގަ އެވެ. އޭނާ އަކީ އެ ޓީމުގެ ތާރީހުގައި އައި އެންމެ ކާމިޔާބު ކޯޗެވެ. އަދި އޭނާ ވަނީ ޔޫރަޕްގެ ގިނަ ކްލަބްތަކަށް ފާއިތުވި 35 ވަރަކަށް އަހަރުތެރޭ ކޯޗުކޮށްދީފަ އެވެ. އޭގެ ތެރެއިން 20 އަށް ވުރެ ގިނަ އަހަރު އޭނާ ހޭދަކުރީ ޖަރުމަނުގެ ކްލަބްތަކުގަ އެވެ.
މިރޭ އޯގްސްބާގާ ދެކޮޅަށް ކުޅޭ މެޗަށް ބަޔާން ޓީމު ކޭމްޕް ކޮށްފައި ތިބި ހޮޓަލުގެ ލިފްޓުގެ ތެރެއިން ބަޔާންގެ ސަޕޯޓަރުންގެ ބަޔަކާ ހެއިންކެސްއާ ބަައްދަލުވި ވާހަކަ އޭނާ ވަނީ މީޑިއާއާ ހިއްސާކޮށްފަ އެވެ.
"މިއަދު ދުވަސްވީ ދެމަފިރިއަކާ އަހަންނާ ލިފްޓުން ދިމާވި. އެތަނުން އެކަކަށް އަހަރެން އަތުގައި ބަޔާންގެ ލޯގޯ ޖަހާފައި ހުރި ދަބަހެއް ފެނުމުން އަހާލި ތިއީ ބަޔާންގެ ސަޕޯޓަރެއްދޯ އޭ. އަހަރެން ބުނީ އާ އެކޭ،" ހެއިންކެސް ބުންޏެވެ.
އެކަމާ ގުޅިގެން ނޫސްވެރިންގެ ހެއިންކެސްއާ ސުވާލުކުރީ ދުވަސްވީ ބަޔަކަށް ވުމުން އޭނާ ނޭނގުމަކީ ވެދާނެ ކަމެއް ކަމަށެވެ. ހެއިންކެސް ބުނީ މިއީ އޭނާ އަށް ތަފާތު މާނަ އެއް ނެގުނު ކަމެއް ކަމަށެވެ.
"ހަގީގަތުގައި މި ވާހަކައިން އަހަންނަށް ނެގުނީ އެހެން މާނައެއް. އަހަރެން ކުޅުނީ ވެސްޓް ޖާމަނީ ޓީމަށް. ތަފާތު ދެއްކިފައިހުރީ ކޯޗުކަން ކޮށްދިން ޓީމުތަކުގައި. މި ކަމުން އެނގުނީ ކުޅުމާއި ކޯޗިންގައި ހުރި ތަފާތު. ހަގީގަތުގައި ކުޅުންތެރިން ކުރާ ކަންތައް ހަނދާނުގައި ހުރޭ. އެކަމަކު ކޯޗިންގައި މުޅިން ތަފާތު،" ކުރިން ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ހޯދި ހެއިންކެސް ބުންޏެވެ.
މި ސީޒަނަށް ފަހު ބަޔާން ކޯޗުކަމުގައި ދެމިހުރުމާ މެދު ގޮތެއް ނިންމާފައިނުވާ ކަމަށާއި ބޭނުންވަނީ ފުޓްބޯޅައިން އަނެއްކާ ވެސް ބްރޭކެއް ނެގުމަށް ކަމަށް ހެއިންކެސް ވަނީ ބުނެފަ އެވެ.