ކުޑަކުއްޖެއްގެ ދިރިއުޅުން ބަދަލުކޮށްލީ ބުޅަލެއް
ކުޑަކުއްޖެއްގެ ދިރިއުޅުން ބަދަލުކޮށްލީ ބުޅަލެއް

ސްކޫލްތަކުގައި ކުދިންނަށް ބުލީ ކުރުމަކީ ވަރަށް އާންމުވެފައި އޮތް މައްސަލައެކެވެ. އެމެރިކާގެ އޮކްލަހޯމާގެ ސްކޫލެއްގެ ގްރޭޑް 2 ގައި ކިޔަވާ މެޑެން ހަމްފްރީސް، 7، ވެސް ބުލީގެ ޝިކާރައަކަށްވި އެވެ.

ކުދިން ސްކޫލްގައި އޭނާ އަށް މަލާމާތްކޮށް، ދިމާކުރަނީ ދެ ލޮލުގެ ދެ ކަޅި ދެ ކުލައިގައި ހުންނާތީ އާއި މަތީތުންފަތުގައި ހުންނަ އައިބުކަމަކާ ހެދި އެވެ. މެޑެންގެ އެއް ލޮލުގައި ހުންނަނީ މަޑު ނޫކުލަ އެވެ. އަނެއް ލޮލުގައި މަޑު ފެއްސެވެ. އެހެންވެ ސްކޫލްގައި މެޑެންއާ ދިމާއަށް ކުދިން "ތިއީ ވަރަށް ހުތުރު ކުއްޖެކޭ އަދި "ހަންޑިއެކޭ" ފަދަ ބަސްތައް ބޭނުންކޮށް ހަދަ އެވެ.

މެޑެންގެ މަންމަ ކްރިސްޓީނާ ހެމްޕްރީސް، ޕީޕަލް އަށް ކިޔައި ދިން ގޮތުގައި ސްކޫލްގައި ބުލީކުރާލެއް ބޮޑުކަމުން ކޮންމެ ދުވަހަކު ވެސް ދަރިފުޅު ސްކޫލުން އަންނަނީ ވަރަށް ބޮޑު މާޔޫސްކަމަކާ އެކުގަ އެވެ. އަދި ދަރިފުޅުގެ މި ހާލަތު ފެނުމުން ހިތް ހަލާކުވާ ކަމަށް އޭނާ ބުންޏެވެ.

"މެޑެންގެ ނުތިބޭ ރައްޓެހިންނެއް ވެސް. އޭނާއާ އެކު ކުޅޭނެ ކުއްޖަކު ވެސް ނުވޭ. ވަރަށް ދެރަވޭ ދަރިފުޅުގެ ސިފައާ ހެދި ބުލީގެ ޝިކާރަކައަކަށްވުމުން،" 11 އަހަރާއި 9 އަހަރުގެ އިތުރު ދެ ފިރިހެން ކުދިން ވެސް ތިބި ކްރިސްޓީނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދަރިފުޅުގެ ހާލާތާ މެދު ފިރިމީހާ ބްރެޑް ހަމްފްރީސް އާއި މުޅި އާއިލާ ވެސް ބޮޑު ހިތްދަތި ކަމެއްގައި ތިއްބައި، އެ މީހުންގެ މޫނުމައްޗަށް ހިނިތުވުން ގެނުވީ ސޯޝަލް މީޑިއާގެ ތެރެއިން ފެނުނު ބުޅަލެއްގެ ފޮޓޯއަކުންނެވެ. އެއީ މީގެ ދެ ހަފުތާ ކުރިންނެވެ.

މިނެޒޯޓާގައި އެޑަޕްޝަންގެ ހިދުމަތްދޭ މެންޑިން ސްޕިރިޓްސް އެނިމަލް ރެސްކިއު ކިޔާ ތަނެއްގައި އޮތް ބުޅަލަކީ މެޑެން ގޮތަށް ދެ ލޯ ދެ ކުލައިގައި ހުރި، ތުންފަތް ވެސް އައިބުވެފައިވާ ބުޅަލެކެވެ.

"އެ ބުޅަލުގެ ފޮޓޯ ފެނުމާ އެކު އަހަންނަށް ގަބޫލު ކުރެވުނު މެޑެން އަށް އެ ބުޅާ ހޯދައި ދެވިއްޖެ ނަމަ އޭނަގެ އެކެނިވެރިކަމާއި މާޔޫސް ކަމަށް ހެޔޮ ބަދަލެއް ގެނެސް ދޭނޭ. އެހެންވެ ބޭނުންވީ ބުޅާ ގެއަށް ގެންނަން،" ކްރިސްޓީނާ ބުންޏެވެ.

އެކަމަކު އާއިލާގެ މާލީ ހާލަތު ހުރި ގޮތުން އެ މީހުންނަށް އެ ބުޅާ އެޑޮޕްޓް ކުރަން މިނެޒޯޓާއާ ހަމައަށް ދެވޭނެ ތަނަވަސް ކަމެއް ނެތެވެ. ނަސީބަކުން އެ ފުރުސަތު ފަހިވީ ރައްޓެހިންތަކެއް ހިންގައިދިން ފަންޑް ރެއިޒިން ކެމްޕޭނަކުން ލިބުނު ފައިސާ އިންނެވެ.

އެ ހިސާބުން "މޫން" ކްރިސްޓާގެ އާއިލާގެ މެމްބަރަކަށްވީ އެވެ.

"މޫންއާ ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެން ވެސް މެޑެން އާއި މޫންގެ މެދުގައި ވަރަށް އާދަޔާހިލާފު ގާތް ގުޅުމެއް އުފެދިއްޖެ. ދަރިފުޅުގެ މޫނުމަތިން މިހާރު އުފާވެރިކަމާއި ހިނިތުންވުން ފެނުނީމަ އުފަލުން ގޮސް ފެންކަޅިވޭ،" މެޑެންއާ އެއްގޮތް ސިފަތަކެއް ހުރި ބުޅަލެއްގެ ސަބަބުން ދަރިފުޅަށް އައި ބަދަލު ހިއްސާ ކުރަމުން ކްރިސްޓީނާ ބުންޏެވެ.

އޭނާ ކިޔައި ދިން ގޮތުގައި އާއިލާގެ ތެރޭގައި މޫން އަބަދު ވެސް އެންމެ ގާތްކަން ބާއްވަނީ މެޑެންއާ އެވެ. އަދި ބުޅާ ކުޅެން ވެސް ހަމަ ބޭނުން ވަނީ މެޑެންއާ އެކުގަ އެވެ.

"ދުވެފައި ގޮސް މެޑެންގެ އުނގަށް ނޫނީ މޫން ނާރާނެ. އެހާ ވެސް ގުޅުން ބަދަހިވެއްޖެ." ކްރިސްޓީނާ ބުންޏެވެ.

މޫން އާއިލާގެ މުހިއްމު ބަޔަކަށްވުމުން މެޑެން ވެސް މިހާރު ހުންނަނީ ވަރަށް އުފަލުންނެވެ.

"އަހަރެން ވަރަށް ލޯބިވޭ މޫން ދެކެ. އަބަދު ވެސް އަހަންނާ އެކު ކުޅެން މޫން ބޭނުން ވަނީ." ޕީޕަލް އަށް މެޑެން ބުންޏެވެ. "އަދި މޫން ވަރަށް ވަރަށް ބަސް އަހާ."

ކްރިސްޓީނާ މިހާރު ވަނީ "މެޑެން އެންޑް މޫން" ގެ ނަމުގައި އިސްޓަގްރާމް އެކައުންޓެއް ވެސް ހުޅުވައި ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އޭނާ ސާބިތުކޮށް ދޭން ބޭނުން ވަނީ އައިބު ކަމެއް ހުއްޓަސް އެއީ އެކަހެރިކޮށްލަން ޖެހޭ ބައެއް ނޫންކަމެވެ.