21 ޖުލައި 2016 - 11:14

ލަންޑަން (ޖުލައި 21) - ޗެލްސީ އަށް ގެންނަން ބޭނުންވާ ކުޅުންތެރިންގެ ނަން މީޑިއާގައި ހާމަނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާސޭ އަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ އާއި ލެސްޓާގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އެ ޓީމަށް ގެނެސްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޗެލްސީން އަންނަނީ ރެއާލް މެޑްރިޑްގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ އާއި ބެންފީކާ އަށް ކުޅޭ ސްވިޑަންގެ ޑިފެންޑަރު ވިކްޓަ ލިންޑެލޮފް އަދި ނަޕޯލީގެ ސެނެގާލް ޑިފެންޑަރު ކަލިދޫ ކުލިބަލީ ގެންނަން މަސައްކަތް ކުރަމުންނެވެ.
ކޮންޓޭ ބުނީ ޗެލްސީން އަންނަނީ އިތުރު ކުޅުންތެރިންނަށް ފާރަލަމުންކަމަށާއި ކުޅުންތެރިންގެ ނަންތައް ހާމަކުރަން ބޭނުންނުވާ ކަމަށެވެ.
"ގެންނަން ބޭނުންވާ ކުޅުންތެރިންނާ މި އަންނަނީ އެ ކްލަބްތައް މެދުވެރިކޮށް މަޝްވަރާކުރަމުން. މިއީ އަހަރެން ދެކޭގޮތުގައި ވަރަށް ވިސްނައިގެން ކުރަން ޖެހޭކަމެއް. ކުޅުންތެރިން ހޯދުމަކީ ވަރަށް ވާދަވެރިކަން ބޮޑުވެފައި އޮތް ކަމެއް. މީޑިއާގައި މި ވާހަކަތައް ދެއްކުމަކީ އަހަރެންނަށް އެންމެ ރަނގަޅު ގޮތެއް ނޫން،" ކޮންޓޭ ބުންޏެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީ ކުޅުނު ފުރަތަމަ މެޗުން ރެޕިޑް ވިއޭނާ އަތުން ބަލިވި ނަމަވެސް އެ ޓީމު ކުޅުނު ދެ ވަނަ މެޗުން ރޭ ވަނީ 3-0 އިން އާރްޒެޑް ޕެލެޓްސް އަތުން މޮޅުވެފަ އެވެ.