06 އެޕްރީލް 2018 - 20:00

ސްރީ ލަންކާގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ސްކޫލެއްގެ ޕްރިންސިޕަލަކާއި ސީއެޗުއެސްއީގެ ޓީޗަރެއްގެ އިތުރުން އެހެން ދެ މީހަކު ޒަހަމްވެއްޖެ އެވެ.
ނޫރަލިޔާ އިން ވެރިރަށް ކޮލަމްބޯ އަށް ދިޔަ މަގުމަތީގައި ވޭނެއް ބަހެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ތެރޭގައި ދ. އަތޮޅު ސްކޫލްގެ ޕްރިންސިޕަލް ހާލިދު އަބްދުﷲ އާއި ސީއެޗްއެސްއީގެ ލީޑިން ޓީޗަރު އައިމިނަތު ޒާހިރާ ހިމެނެ އެވެ. އޭގެ އިތުރުން ލަންކާގެ ޓީޗަރަކު ވެސް ޒަހަމްވި އެވެ.
ހާލިދު އާއި އައިމިނަތު ޒާހިރާގެ ބޯ ވަނީ ފެޅިފަ އެވެ. އެ މީހުންނަށް ލަންކާގެ ކަރަނަވެލަ ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
މި އެންމެން ދަތުރުކުރި ވޭން ދުއްވަން އިން ލަންކާ ޑްރައިވަރުގެ ފައި ވަނީ ބިނދިފަ އެވެ.
ދެ ދިވެހިންގެ އިތުރުން އޭގައި ލަންކާގެ ތިން ޓީޗަރަކު ވެސް ތިއްބެވެ. އެ މީހުން ކޮލަމްބޯ އަށް ދަތުރުކުރަމުން ދިޔައީ ލަންކާގައި ހަދަމުން އަންނަ ތައުލީމީ ދާއިރާގެ ކޯހެއްގައި، ކެންޑީގެ ސްކޫލަކަށް ޒިޔާރަތްކުރުމަށް ފަހު އެވެ.
ހާލިދު އާއި އައިމިނަތު ޒާހިރާގެ ބޯ ވަރަށް ބޮޑަށް ފެޅިފައިވާކަމަށް ވެ އެވެ. އެއީ ފުރާނައަށް ނުރައްކާވާރުގެ އަނިޔާއެއްކަން ނުވަތަ ނޫންކަން އަދިއެއް ނޭނގެ އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވީ ދެ ދިވެހިންގެ ހާލު ބަލައި، އެހީތެރިވާން އެމްބަސީގެ ބަޔަކު މިހާރު ވަނީ ފޮނުވައިފައި ކަމަށެވެ.