މަދޫރީގެ "ބަކެޓް ލިސްޓް" ގައި ރަންބީރް ކަޕޫރްގެ ހާއްސަ ފެނިލުމެއް
މަދޫރީގެ "ބަކެޓް ލިސްޓް" ގައި ރަންބީރް ކަޕޫރްގެ ހާއްސަ ފެނިލުމެއް

މަދޫރީ ޑިކްސިޓްގެ ފުރަތަމަ މަރާޓީ ފިލްމް އަންނަ މަހުގެ 25 ގައި ރިލީޒް ކުރަން ނިންމާފައިވާ އިރު، މި ފިލްމްގެ ހާއްސަ ފެނިލުމަކުން ރަންބީރް ކަޕޫރް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރާ އެކު "ޕްރޭމް ގްރާންތު" އާއި "ޔާރާނާ" ފަދަ ފިލްމްތައް ކުޅެފައިވާ މަދޫރީއަކީ އަބަދުވެސް ރަންބީރްގެ ވަރަށް ބޮޑު ފޭނެކެވެ.

އެހެންވެ "ބަކެޓް ލިސްޓް" ގެ ޓީމުން ފިލްމްގެ ހާއްސަ ފެނިލުމަކަށް ރަންބީރްގެ ކިބައިން އެދުމާ އެކު، އޭނާ އެކަމަށް ވަގުތުން އެއްބަސްވި ކަމަށް ރިޕޯޓްތައް ބުންޏެވެ. އެކަމަކު ފިލްމްގައި މަދޫރީއާ އެކު ރަންބީރު ފެންނާނެތޯ ނޫންތޯ ބަލައިލަން ޖެހޭނީ ފިލްމް ސިނަމާގައި އަޅުވަންދެން އިންތިޒާރުކޮށްލާށެވެ.

މީގެ ކުރިން ރަންބީރްގެ ފިލްމެއްގައި މަދޫރީ ވެސް ވަނީ އޭނާއާ އެކު ހާއްސަ ލަވައެއް ކުޅެފަ އެވެ. އެއީ 2013 ގައި ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ރަންބީރާއި ދީޕިކާ ޕަދްކޯން ކުޅުނު ކާމިޔާބު ފިލްމް "ޔެ ޖަވާނީ ހޭ ދީވާނީ" އެވެ.

އެ ފިލްމްގެ "ގަރްގާ" ލަވައިގައި ރަންބީރާ އެކު މަދޫރީގެ ފަރި ހަރަކާތްތައް ފެނިގެން ދެ އެވެ.

ތޭޖާސް ޕްރަބާ ވިޖޭ ޑިއޯސްކަރް ޑައިރެކްޓްކޮށްފައިވާ "ބަކެޓް ލިސްޓް" ހިންދީ އޯޑިއަންސަށް ގެނެސް ދޭނީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުންނެވެ. އެ ސްޓޫޑިއޯގެ ފުރަތަމަ ޓްރިލޮޖީ "ބްރައްމަސްތުރާ" ގެ މަސައްކަތް ރަންބީރް މިހާރު ކުރަމުން އަންނަ އިރު، މަދޫރީ ވެސް ވަނީ ކަރަން ޕްރޮޑިއުސް ކުރާ ފިލްމަކަށް ސޮއިކޮށްފަ އެވެ.

"ބަކެޓް ލިސްޓް" ގެ ހާއްސަ ފެނިލުމަކަށް ރަންބީރު އެއްބަސްވި އިރު، މީގެ ކުރިން ވެސް އޭނާ ވަނީ ފިލްމެއްގައި މިފަދަ ގޮތަކަށް ފެނިލައިފަ އެވެ. އެއީ 2014 ގައި ރިލީޒް ކުރި އާމިރް ހާން "ޕީކޭ" ގަ އެވެ. އެ ފިލްމް ނިންމައިލީ ރަންބީރުގެ އޭލިއަން ކެރެކްޓާ ބެލުންތެރިންނަށް ދޫކޮށްލަމުންނެވެ.