ބަތާއި ތަރުކާރީ ނޫނީ ނުކެވޭ މީހެއް
ބަތާއި ތަރުކާރީ ނޫނީ ނުކެވޭ މީހެއް

ކޮންމެ ދުވަހަކު އެކައްޗެއް ކާން ޖެހޭ ނަމަ ފޫހިވާނެ ވަރު ނިކަން ވިސްނައިލާށެވެ. އެކަމަކު އިނގިރޭސިވިލާތުގެ، ވެޑިން ވެއިލް ޑިޒައިނަރެއް ކަމަށްވާ ސޯފީ ވިިލިއަސް، 25، އަށް މި ފޫހިކަމުގައި އުޅުން ނޫން ގޮތެއް ނެތެވެ. އޭނާ އަށް އަބަދު ވެސް އަދި ކޮންމެ އިރަކު ވެސް ކާން މި ޖެހެނީ ބަތާއި ތަރުކާރީ އެވެ. އެ ނޫން އެއްޗެއް ކައިފި ނަމަ، އޭނާގެ ފުރާނަ އަށް ނުރައްކާވެ އެވެ.

ބަތާއި ތަރުކާރީ ނޫނީ ނުކެވޭ މީހެއް
ބަތާއި ތަރުކާރީ ނޫނީ ނުކެވޭ މީހެއް

ސޯފީ އަށް ތަޖުރިބާކުރަން ޖެހިފައި މި ވަނީ އެހާ އާންމު ނޫން ބައްޔެއް ކަމަށްވާ، ހަށިގަނޑުގެ ޓިޝޫތަކަށް ދިމާވާ އެލާޒް-ޑެންލޮސް ސިންޑްރޯމް (އީޑީއެސް) އާއި ހިތަށް ދިމާވާ ޕޯސްޗްރަލް އޮތޯސްޓެޓިކް ޓެކިކިއާކާޑިއާ ސިންޑްރޯމް (ޕޮޓްސް) އެވެ.

އީޑީއެސްއަކީ ކޮންމެ 150،000 މީހުންގެ ތެރެއިން އެކަކަށް ދިމާވާ މަސަލައެކެވެ.

މި ބަލީގެ ސަބަބުން، ކެވޭ އެއްޗެހިން އެލާޖިކް ޝޮކް ޖެހި، މީހާގެ ފުރާނަ އަށް ނުރައްކާ ކުރުވަ އެވެ. ހާއްސަކޮށް، އެއްގަމު މަހާއި ކަނޑު މަހުގެ ބާވަތްތަކާއި ކިރު އެކުލެވޭ ތަކެތި ކެއުމުން ދިމާވާ ނުރައްކާތައް ބޮޑުވެ އެވެ.

ސޯފީ އީޑީއެސް އާއި ޕޮޓްސްގެ ޝިކާރަކަށްވެފައިވާކަން އެނގުނީ 2016 ގަ އެވެ. އެކަމަކު ކުރިން ހަމަ އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ ސޯފީ އަށް ސިއްހީ މައްސަލަތައް މާ ބޮޑަށް ދިމާވާން ފެށީ 2014 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާއަކީ ހަމަ ގަވައިދުން ކަސްރަތުކޮށް ހަދާ އަދި ރައްޓެހިންނާ އެކު ބޭރު ތެރެއިން ވެސް ކައި އުޅުނު މީހެކެވެ.

އެކަމަކު ފަހުން ސިއްހީ މައްސަލަތައް ދިމާވެ، ދުވާލަކު މަދުވެގެން ހަތް ފަހަރު އެލާޖިކް ޝޮކް ޖެހެ އެވެ. މިކަމުގެ ސަބަބުން އޭނާ އަށް އެއްވެސް އެއްޗެއް ނުކެވެ އެވެ.

"އޭރުއްސުރެން ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކަމުން ދިޔަ ނަމަވެސްއަހަންނަށް ދިމާވެގެން އުޅޭ ސިއްހީ މައްސަލައަކީ ކޮބައިކަން ދެނެގެވުނީ މީގެ ދެ އަހަރު ކުރިން،" ސޯފީ ބުންޏެވެ. "މިހާރު ވަރަށް އުނދަގޫ ދިރިއުޅުމެއް އުޅެން ޖެހިފައި މި ވަނީ."

އޭނާ ބުނި ގޮތުގައި ބަލީގެ ފަރުވާ އަށް ދުވާލެއްގެ މައްޗަށް 60 ގުޅަ ބޭސް ވެސް ކާން ޖެހެ އެވެ.

"މި ބަލި އަހަންނަށް ޖެހުނު ފަހުން މިހާރު ކެވޭ ހަމައެކަނި އެއްޗަކީ ބަތާއި ތަރުކާރީ. އެ ނޫން އެއްޗެއް ކައިފި ނަމަ އަހަރެންގެ ތުންފަތާއި އެކި ތަންތަން ދުޅަވެ، މުޅި މީހާ ހަރާބުކޮށްލާ،" ސޯފީ ބުންޏެވެ.

މީގެ އިތުރުން އަތްވާއި ގަދަ އަޑުތަކަކީ ވެސް ސޯފީގެ ސިއްހަތަށް ހުރި ނުރައްކާތަކެވެ.