07 އެޕްރީލް 2018 - 07:16

މީގެ ތިން އަހަރު ކުރިން މަރުވި، އިންޑިއާގެ ކޮލްކަތާގެ އުމުރުން ދުވަސްވީ އަންހެނެއްގެ ހަށިގަނޑު ކުނި ނުވާ ގޮތަށް "މަމިފައިޑްކޮށްގެން" ފްރިޖެއްގެ ތެރޭގައި ގެންގެޅުނިކޮށް ފަޅާއަރައި، އެ އަންހެން މީހާގެ ފިރިމީހާ އާއި ފިރިހެން ދަރިފުޅު ފުލުހުން ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ.

އެންޑީޓީވިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންހެން މީހާގެ ހަށިގަނޑު ފެނުނީ ފިރިހެން ދަރިފުޅު މަސައްކަތްކުރާ ތަނެއްގެ ތެރޭގައި ހުރި ޑީފްރިޖެއްގެ ތެރެއިންނެވެ. ހަށިގަނޑުއޮތީ ތަފާތު ކެމިކަލްތައް ބޭނުންކޮށްގެން، ކުނި ނުވާ ގޮތަށް ހަދައިފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އަންހެން މީހާގެ ހަށިގަނޑުގެ އެތެރޭގެ ބައެއް ގުނަވަންތައް ވެސް ހުރީ ނަގައިފަ އެވެ.

އެކަން ކުރީ ފިރިހެން ދަރިފުޅު ކަމަށާއި ހަށިގަނޑު މި ގޮތަށް ގެންގުޅުނީ ކޮން ސަބަބަކާ ހުރެކަން ސާފު ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ތަހުގީގު ކުރަމުން އަންނާތީ ފުލުހުން އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން ލެދަ ޓެކްނޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ އަދި އުމުރުން 50 އާ ގާތްވެފައިވާ ފިރިހެން ދަރިފުޅު ސުބަރްތާ މަޖުމްދަރު ދިޔައީ މަންމަ މަރުވި ފަހުން ވެސް ކޭޝްކާޑް ބޭނުންކޮށްގެން، އަންހެން މީހާގެ އެކައުންޓްގައި ހުރި ޕެންޝަން ފައިސާ ނަގަމުންނެވެ.
މި މައްސަލާގައި ކޮލްކަތާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ނިލަންޖަން ބިސްވާސް ވިދާޅުވީ އަންހެން މީހާ މަރުވި ފަހުން ވެސް އޭނާގެ ޕެންޝަން އެކައުންޓް "އެކްޓިވްވެފައި" ހުރީ ކީއްވެތޯ ބެލުމަށް އެކައުންޓް އޮތް ބޭންކާ ގުޅޭ ތަހުގީގެއް ވެސް ކުރަމުން އަންނަ ކަމަށެވެ.
އަންހެން މީހާ މަރުވިކަން އެނގުނު ނަމަވެސް، ހަށިގަނޑަށް އާއިލާ އިން ހެދި ގޮތެއް ނޭނގިގެން ކަންބޮޑުވެފައި ތިބި ބައެއް އަވަށްޓެރިން އެންޑީޓީވީ އަށް ކިޔައި ދިން ގޮތުގައި އެ އާއިލާއަކީ އެއްގޮތަކަށް ވެސް މީހުންނާ ވާހަކަ ދައްކައި ގުޅުން ބާއްވާ ބައެއް ނޫނެވެ. ވަކިން ހާއްސަކޮށް ސުބަރްތާ ދުވަހަކު ވެސް އަވަށްޓެރިއަކާ އަނގައިން ނުބުނާ ކަމަށް އެ މީހުން ބުންޏެވެ.
އަންހެން މީހާ މަރުވެގެން ޖަނާޒާ ވެސް ނުބާއްވާތީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ވެސް، އަންހެން މީހާގެ ފިރިމީހާ ސީދާ ޖަވާބެއް ދީފައި ނުވާ ކަމަށްވެ އެވެ. ނަމަވެސް އޭގެ ތިން އަހަރު ފަހުން އަންހެން މީހާގެ ހަށިގަނޑު ފްރިޖެއްގެ ތެރެއިން ފެނުނުކަން އެނގުމާ އެކު، އަވަށްޓެރިން މިހާރު ތިބީ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ.