ފާރިސް އާއި ނާދިރާ ވަކިކުރުން: ދެ ފެކްޝަނުގެ ވެސް އެންމެ ބޮޑު މައްސަލަ
ފާރިސް އާއި ނާދިރާ ވަކިކުރުން: ދެ ފެކްޝަނުގެ ވެސް އެންމެ ބޮޑު މައްސަލަ

ޕީޕީއެމް ދެ ފަޅިވެ، އުފެދިފައިވާ މައްސަލަ ހައްލުކުރަން ރޭ ބޭއްވި ކައުންސިލް ބައްދަލުވުން ނިންމާލަން ޖެހުނީ ޕާޓީން "ވަކިކޮށްފައިވާ" ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އައިމިނަތު ނާދިރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމެވެ. އެ ދެ މެމްބަރުންނާ އެކު ކައުންސިލް ބައްދަލުވުން ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ފެކްޝަންގެ ބޭފުޅުން ނުކުންނެވީ އެވެ.

ފާރިސް އާއި ނާދިރާ ވަކިކުރުން: ދެ ފެކްޝަނުގެ ވެސް އެންމެ ބޮޑު މައްސަލަ
ފާރިސް އާއި ނާދިރާ ވަކިކުރުން: ދެ ފެކްޝަނުގެ ވެސް އެންމެ ބޮޑު މައްސަލަ

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލާގައި ރައީސް ޔާމީނާއި ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ ބޭފުޅުންގެ ވިސްނުން ވަރަށް ތަފާތެވެ. މީގެ ތެރެއިން ރަނގަޅީ ކޮން ފެކްޝަނަކުން ދައްކާ ހުއްޖަތުތަކެއްތޯއާ މެދު ޕާޓީގެ އާއްމު މެމްބަރުންގެ މެދުގައި ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

ފާރިސް އާއި ނާދިރާ ވަކިކުރުން: ދެ ފެކްޝަނުގެ ވެސް އެންމެ ބޮޑު މައްސަލަ
ފާރިސް އާއި ނާދިރާ ވަކިކުރުން: ދެ ފެކްޝަނުގެ ވެސް އެންމެ ބޮޑު މައްސަލަ

ސުލޫކީ ކޮމެޓީ އަށް ފާރިސްގެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލިހުގެ ވޯޓުގައި ދެ ފަހަރެއްގެ މަތިން ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި ކަމަށް ބުނެ އެވެ. ބިޑަކަށް ނުލައި ޓޫރިޒަމްގެ މަސައްކަތްތަކަށް ތަންތަން ދޫކުރަން ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވުމުގެ އިތުރުން މިދިއަ އަހަރު ނައިބު ރައީސް ކަމަށް އަދީބް އައްޔަންކުރަން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް، އޭނާ ވަނީ "ކުއްލިއަކަށް ބޭރަށް ފުރާވަޑައިގެންފަ" އެވެ.

ފާރިސް އާއި ނާދިރާ ވަކިކުރުން: ދެ ފެކްޝަނުގެ ވެސް އެންމެ ބޮޑު މައްސަލަ
ފާރިސް އާއި ނާދިރާ ވަކިކުރުން: ދެ ފެކްޝަނުގެ ވެސް އެންމެ ބޮޑު މައްސަލަ

ޕީޕީއެމުން ނާދިރާ "ބޭރުކުރީ" އޭނާ ސަރުކާރުގައި ހުންނަވައި ރައީސް ޔާމީން ފަޟީހަތްކޮށް، ޕާޓީގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރެއްވި ކަމަށް ބުނެ އެވެ.

ރައީސް ޔާމީނަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވާ ގޮތުގައި ފާރިސް އާއި ނާދިރާގެ އަމަލުތަކަށް ބަލާއިރު ޕާޓީގެ މެމްބަރުންގެ ޝަރުތު ހަމައެއް ނުވެ އެވެ. އެ ދެ މެމްބަރުން ވަކިކުރީ އޮންނަ އުސޫލުގެ ތެރެއިން ސުލޫކީ ކޮމެޓީ އަށް މައްސަލަ ހުށަހަޅައި ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކޮށްގެންނެވެ. އެއީ ސައްހަ ނިންމުމެއް ކަމަށާއި ދެ މެމްބަރުން ޕާޓީން ވަކިކުރަން ޖެހޭނެ ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

އެކަމަކު އެ ދެ މެމްބަރުން ޕާޓީން ވަކިވާނެ ކަމަކަށް ޕާޓީގެ ރައީސް މައުމޫން ގަބޫލުފުޅެއް ނުކުރައްވަ އެވެ.

އެމަނިކުފާނު ވިދާޅުވީ ފާރިސް އާއި ނާދިރާގެ އިތުރުން ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލްއަމީން ވަކިކުރަން ސުލޫކީ ކޮމެޓީ ބޭއްވީ އިޖުރާއަތުތަކާ ހިލާފަށެވެ. ކޮމެޓީގައި ޖުމްލަ ހަތް މެމްބަރުން ތިބެން ޖެހޭއިރު ޕާޓީގެ މެމްބަރުންތަކެއް ވަކިކުރަން ނިންމީ ކޮމެޓީގެ ކޯރަމް ހަމަނުކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގަައި ޕާޓީގެ އެއްވެސް ކޮމެޓީއެއް ނުބާއްވަން އަންގާފައި ވަނިކޮށް ނިންމި އެ ނިންމުން ސައްހައެއް ވެސް ނުވާނެ އެވެ.

އެކަމަކު ސުލޫކީ ކޮމެޓީގެ މުގައްރިރު، އަދި ރައީސް ޔާމީން ފެކްޝަންގައި ހިމެނޭ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ތިން މެމްބަރުން ވެސް ވަކިކުރީ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކުރުމަށް ފަހު ކަމަށެވެ.

ވަކިކުރި ތިން މެމްބަރުންނަށް ޖަވާބުދާރީވުމަށާއި އެ ތިން މެމްބަރުންގެ މަންދޫބުން ކޮމެޓީ އަށް އައްޔަންކުރުމުގެ ފުރުސަތު ވެސް ދިން ކަމަށް ވިދާޅުވި އެވެ.

"ކޮމެޓީ އަށް މައްސަލަ ހުށަހެޅުމާއި ކޮމެޓީ ބޭއްވުމާއި މެމްބަރުން ވަކިކުރަން ނިންމި ނިންމުން ވެސް ސައްހަ. ޕާޓީގެ އެއްވެސް ކޮމެޓީއެއް ކައުންސިލްގެ ހުއްދަ ނެތި ޕާޓީގެ ރައީސަށް ނުހުއްޓުވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރީ،" އަލީ ވަހީދު ވިދާޅުވި އެވެ.

"ތިން މެމްބަރަކު ވަކިކުރަން ނިންމީ ސުލޫކީ ކޮމެޓީގެ ތިން މެމްބަރުންގެ އިއްތިފާގުން."

އެކަމަކު ނާދިރާގެ އިތުރުން ޒައިދު ވެސް ވިދާޅުވީ "ކޮމެޓީން ގޮތެއް ނިންމީ ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ" ކަމަށެވެ. ތިން ގަޑިއިރަކީ ޖަވާބުދާރީވެ، ކޮމެޓީ އަށް މެމްބަރުން އައްޔަންކުރަން އެކަށީގެންވާ ވަގުތު ކަމަށް ގަބޫލުނުކުރައްވާ ކަމަށް ނާދިރާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ޕާޓީ އޮފީހުން ބޭރުގައި ސުލޫކީ ކޮމެޓީ ބާއްވަން ޖެހުނީ ޕާޓީގެ މަސްލަހަތު ހުރި ގޮތުން ޕާޓީ އޮފީހުގައި އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ނުފެންނާތީ އެވެ. މެމްބަރުން ވަކިކުރަން ސުލޫކީ ކޮމެޓީ ބާއްވަން ވަކި ހާއްސަ ތަނެއް އަސާސީ ގަވާއިދުގައި ކަނޑައަޅާފައި ނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސުލޫކީ ކޮމެޓީގެ ނިންމުން ގޯހިއްޔާ، އިސްތިއުނާފް ކޮމެޓީ އަށް ހުށަހެޅުމުގެ ފުރުސަތު ވެސް އެބަ އޮތް،" އަލީ ވަހީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ ސުލޫކީ ކޮމެޓީގެ އެއްވެސް ލިއުމެއް މިހާތަަނަށް ޕާޓީ އޮފީހަށް ފޮނުވާފައި ނުވާ ކަމަށެވެ. ދެ މެމްބަރުންނާ މެދު ގޮތް ނިންމޭނީ ރަސްމީ ލިޔެކިޔުންތައް ފޮނުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު އަލީ ވަހީދު ވިދާޅުވީ ކޮމެޓީގެ ނިންމުންތަކުގެ ރިޕޯޓް ޕީޕީއެމް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ސުލޫކީ ކޮމެޓީގެ ޒިންމާ އަކީ ޕާޓީގެ މެމްބަރުންނާ ގުޅޭ ގޮތުން ހުށަހަޅާ ސުލޫކީ އަދި އަހުލާގީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމެވެ. މިއީ ޕާޓީގެ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުހަލާ އެވެ. މި މަރުހަލާގެ ނިންމުން ގަބޫލުނުކުރާ ނަމަ އިސްތިއުނާފް ކޮމެޓީ އަށް ހުށަހެޅުމުގެ ފުރުސަތު ލިބެ އެވެ.

ސުލޫކީ ކޮމެޓީގައި ހަތް މެމްބަރުން ތިބެން ޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ. އެއީ، ޕާޓީގެ ގައުމީ ޖަލްސާ އިން އައްޔަންކުރާ ފަސް މެމްބަރުންނާއި މައްސަލަ ރައްދުވާ މެމްބަރުންގެ ފަރާތުން ފޮނުވާ ޕާޓީގެ ދެ މެމްބަރުންނެވެ. މި ހަތް މެމްބަރުންނަށް ވެސް ވޯޓު ލެވޭނެ އެވެ. ކޮމެޓީ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ ތިންބައިކުޅަ ދެބައެވެ.

މައުމޫން ވިދާޅުވާ ގޮތުގައި ފާރިސް އާއި ނާދިރާގެ މައްޗަށް ފިޔަވަޅު އެޅި ބައްދަލުވުމުގައި ކޮމިޓީގެ ކޯރަމް ވެސް ހަމައެއް ނުވެ އެވެ. އެކަމަކު ރައީސް ޔާމީން ފެކްޝަނުގެ ބޭފުޅުން ވިދާޅުވަނީ، ކޮމިޓީގެ އަސްލު އަދަދަކީ ފަހެއް ކަމަށާއި ދެ މެމްބަަރުންނަކީ ވަގުތީ ގޮތުން އައްޔަންކުރާ ބައެއް ކަމަށެވެ.

ފާރިސް އާއި ނާދިރާ، ޕީޕީއެމުން ވަކިކުރަން ނިންމީ ކޮމެޓީގެ ތިން މެމްބަރަކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ގަވާއިދު ބުނާ ގޮތުން މެމްބަރެއްގެ މައްސަލައެއް ބަލައި އެކި ފިޔަވަޅު އެޅިދާނެ އެއެވެ. އޭގެ ތެރޭގައި ނަސޭހަތްދިނުމާއި ޖޫރިމަނާކުރުމާއި އިންޒާރުކުރުމާއި ޕާޓީގެ ހަރަކާތްތަކުން ދުރުކޮށްފައި ބެހެއްޓުން ފަދަ ކަންކަން ހިމެނެ އެވެ. ޕާޓީން ވަކިކުރުމަކީ އެ ގަވާއިދުގައި ސުލޫކީ ކޮމެޓީ އަށް ބާރުދީފައިވާ އެންމެ ހަރުކަށި ފިޔަވަޅެވެ.