07 އެޕްރީލް 2018 - 16:45

ސްވިޓްޒަލެންޑްގައި ދިރިއުޅޭ ދިވެއްސެއްގެ އަތުން ފައިސާތަކެއް ހޯދަން ޕޯޗުގަލްގެ ރައްޔިތަކު ރާއްޖޭގައި ކުރި ދައުވާއެއް މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ޕޯޗުގަލްގެ ރައްޔިތެއް ކަމަށްވާ ރިކާޑޯ ޕެރެއިރާ ރާއްޖޭގެ ސިވިލް ކޯޓުގައި ދައުވާކުރީ ސ. ހިތަދޫގެ މީހަކު އޭނާ އަތުން ހޯދާފައިވާ 40،000 ސްވިސް ފްރޭންކް (ހަ ލައްކަ އަށް ވުރެ ގިނަ ދިވެހި ރުފިޔާ) އަނބުރާ ހޯދުމަށެވެ. އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ރިކާޑޯ ދައުވާ ކުރިއިރު، ދިވެހި މީހާ އަދިވެސް އުޅެނީ ސްވިޓްޒަލެންޑްގަ އެވެ.
އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ނިންމީ އެ ކޯޓަށް ހާޒިރުވުމުގެ އަމުރު ދިވެހި މީހާއާ ހަވާލު ކުރަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކުރި މަސައްކަތުން ވެސް އެކަން ކާމިޔާބު ވެފައި ނެތުމުންނާއި އެ މައްސަލާގައި ހިމެނޭ ފައިސާގެ މުއާމަލާތަކީ ސްވިޓްޒަލޭންޑް ބޭންކެއް މެދުވެރިކޮށް ހިނގި މުއާމަލާތެއް ކަމަށް ވާތީ އެވެ.
ކޯޓުގެ ހުކުމުގައި ވަނީ އެ މައްސަލަ ސްވިޓްޒަލޭންޑްގެ ކޯޓަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އަދި ދިވެހި މީހާ ރާއްޖެ އައިސްފައި ވަނިކޮށް، އެ މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ އެ މައްސަލަ ބެލޭނެ ކަމަށް ހުކުމުގައި ވެ އެވެ. އެހެންވެ، މިވަގުތު އެ މައްސަލަ ކޯޓުން ބެލެން ނެތް ކަމަށް ނިންމީ ކަމަށް ހުކުމުގައިވެ އެވެ.
މީގެ ކުރިން މިދިޔަ އަހަރު ވެސް އެފަދަ މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމި އެވެ. އޭރު ނިންމީ އިންޑިއާގެ ރައްޔިތަކު ސްވިޓްޒަލޭންޑްގެ ރައްޔިތަކަށް ރާއްޖޭގައި ވިއްކާލި ބޯޓެއްގެ އަގު އަދާ ކުރުމުގެ ގޮތުން ލިބެންޖެހޭ ދެ ލައްކަ ޑޮލަރާއި ޖޫރިމަނާ ފައިސާ ހޯދުމުގެ މައްސަލަ އެކެވެ.
އެ މައްސަލަ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ސްވިޓްޒަލޭންޑަށް ނިސްބަތްވާ އެ މީހާ ރާއްޖޭގައި ނެތުމުންނެވެ. އެހެން ގައުމުތަކުގެ ރައްޔިތުން ރާއްޖެ އިން ބޭރުގައި ތިއްބައި އެ މީހުން ރާއްޖޭގެ ކޯޓަކަށް ހާޒިރު ކުރުމުގެ ބާރު ލިބޭ މުއާހަދާއެއްގައި ރާއްޖެއިން ސޮއިކޮށްފައި ނެތުމުން، ސްވިޓްޒަލެންޑްގެ މީހާ ސިވިލް ކޯޓަށް ހާޒިރު ކުރެވެން ނެތުމުން ކޯޓުން ނިންމީ އެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.