05 އެޕްރީލް 2018 - 16:30

ވޮޝިންޓަން (އެޕްރީލް 5) - އެމެރިކާ ސިފައިން ސީރިއާގައި ތިބޭ ނަމަ އެކަމަށް ހިނގާ ޚަރަދު ސައުދީ ސަރުކާރުން ދައްކަން ޖެހޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އައިއެސް ބަލިކޮށްލުމުގެ މަސައްކަތް އެމެރިކާ އިން މި ވަނީ ފުރިހަމަކޮށްފައި،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "އެމެރިކާ ސިފައިން ސީރިއާގައި އިތުރަށް ތިބޭ ނަމަ އެ ކަމަށް ހިނގާ ޚަރަދު ސައުދީ ސަރުކާރުން ދޭން ޖެހޭނެ."
ޓްރަމްޕާއި ސަައުދީ ރަސްގެފާން ސަލްމާން މިދިޔަ ހޯމަ ދުވަހު ވަނީ ވަރަށް ގިނަ މައްސަލަތަކާ ގުޅޭ ގޮތުން ފޯނުން މަޝްވަރާ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި މެދުއިރުމަތީގެ މައްސަލަ ވެސް ހިމެނެ އެވެ. ނަމަވެސް ސީރިއާގައި ތިބޭ އެމެރިކާ ސިފައިންނަށް ސައުދީން އެއްވެސް ޚަރަދެއް ކުރުމާ ގުޅޭ ގޮތުން ދެ ލީޑަރުން މަޝްވަރާ ކުރައްވާފައި ނުވާ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.
އޮހާޔޯގައި މިދިޔަ ހަފުތާގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ސީރިއާގައި ތިބޭ އެމެރިކާ ސިފައިން އަނބުރާ ގެންނަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
"ސީރިއާ އަށް ކަމެއް ކޮށްދެންޏާ އެ ކަމެއް ކުރަނީ ވަރަށް ގިނަ ސަބަބުތަކާ އެކު. އެކަމަކު އެއީ ވަރަށް ޚަރަދު ބޮޑު ކަމެއް. މީގެ އިތުރުން އެ ކަމުގެ ފައިދާ އެމެރިކާ އަށް ވުރެ ބޮޑަށް ކުރަނީ އެހެން ގައުމުތަކަށް،" ޓްރަމްޕް ވިދާޅުވެފައިވެ އެވެ.