05 އެޕްރީލް 2018 - 16:11

ސައޮ ޕޯލޯ (އެޕްރީލް 5) - ކޮރަޕްޝަނުގެ ކުށުގައި ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ނިމެން ދެން އޭނާ ޖަލަށް ނުލާ ބެހެއްޓުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ލޫލާއާ ދެކޮޅަށް މިއަދު ނިންމައިފި އެވެ.
ބްރެޒިލްގެ އެންމެ މަތީ ކޯޓުގެ 11 ފަނޑިޔާރުގެ ހަނި އަޣުލަބިއްޔަތުން އިއްވި ހުކުމާ އެކު ބްރެޒިލްގައި ކުރިން ދެ ދައުރު ރައީސްކަން ކުރެއްވި ލޫލާ ވަރަށް އަވަހަށް ޖަލަށްލާނެ އެވެ. އިސްތިއުނާފް ނިމެންދެން ދޫކޮށްލާފައި ބެހެއްޓުމަށް ލޫލާގެ ފަރާތުން ހުށަހެޅި މައްސަލާގައި 10 ގަޑިއިރަށް ދެމިގެން ދިޔަ ޝަރީއަތަށް ފަހު 5-5 އިން ފަނޑިޔާރުންގެ ނިންމުން ހަމަހަމަވުމުން އުއްތަމަ ފަނޑިޔާރު ނިންމެވީ ލޫލާ ޖަލުގައި ބެހެއްޓުމަށެވެ.
ލޫލާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ބްރެޒިލްގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ކޮރަޕްޝަނުގެ މައްސަލަގަނޑެއްގައި ރިޝްވަތުގެ ގޮތުގައި އެޕާޓްމަންޓެއް ދިން ކަމަށް ބުނާ މައްސަލަ އެވެ. ލޫލާ ވަނީ މި ތުހުމަތު ދޮގު ކުރައްވައިފަ އެވެ. އަދި އެއީ ސިޔާސީ ގޮތުން އުފައްދާފައިވާ މައްސަލައެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. ލޫލާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފައި ވަނިކޮށެވެ.