20 ޖުލައި 2016 - 10:49

ލަންޑަން (ޖުލައި 20) - ލެސްޓާ ސިޓީގެ މިޑްފީލްޑަރު ރިޔާދު މާރޭޒް ބޭނުންވަނީ އެ ޓީމުގައި މަޑުކުރަން ކަމަށް ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.
މާރޭޒް ހޯދުމަށް ޕްރިމިއާ ލީގުގެ އާސެނަލާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީގެ އިތުރުން ސްޕެއިނުގެ ބާސެލޯނާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރަނިއޭރީ ބުނީ މާޒޭޒް ލެސްޓާގައި ހުރީ އުފަލުން ކަމަށެވެ.
"ލެސްޓާގައި ތިބި ހުރިހާ ކުޅުންތެރިން ވެސް ތިބީ އުފަލުން. މާރޭޒް ވެސް ހުރީ އުފަލުން. އޭނާ ބޭނުންވަނީ ލެސްޓާގައި މަޑުކުރަން. އަންނަ ސީޒަނުގައި ވެސް އޭނާ ފެންނާނީ މި ޓީމުން." އެކުވެރިކަމުގެ މެޗެއްގައި ރޭ އޮކްސްފޯޑް އަތުން 2-1 އިން މޮޅުވި މެޗަށް ފަހު ރަނިއޭރީ ބުންޏެވެ.
މިދިޔަ ސީޒަނުގައި ލެސްޓާ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު މާރޭޒް ވަނީ 17 ލަނޑު ޖަހައިފަ އެވެ. ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ވެސް މާރޭޒަށެވެ.
ލެސްޓާ އަށް މިދިޔަ ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ޗެލްސީ އަށް ބަދަލުވި ނަމަވެސް ޓީމުގެ މުހިއްމު އަނެއް ދެ ކުޅުންތެރިން ކަމަށްވާ ޖޭމީ ވާޑީ އާއި ވެސް މޯގަން ވަނީ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ލެސްޓާ އިން ވަރަށް އަވަހަށް މާރޭޒަށް ވެސް އާ އެއްބަސްވުމެއް ހުށަހަޅާނެ އެވެ. އުމުރުން 25 އަހަރުގެ މާރޭޒް ލެސްޓާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އެބައޮތެވެ.
އަލްޖީރިއާ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ މާރޭޒް ލެސްޓާ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ފްރާންސްގެ ލެ ހާވްރޭ އިން 350،000 ޕައުންޑަށެވެ.