85 ޕަސެންޓް ރިސޯޓްގެ އާމްދަނީ އިތުރުވި: އެމްއެމްއޭ
85 ޕަސެންޓް ރިސޯޓްގެ އާމްދަނީ އިތުރުވި: އެމްއެމްއޭ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، ރާއްޖޭގެ 85 ޕަސެންޓް ރިސޯޓަށް ލިބުނު ޖުމްލަ އާމްދަނީ އިތުރުވި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި ސާވޭއަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކުން އާއްމުކުރި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ބިޒިނަސް ސާވޭގައި ބުނެފައި ވަނީ އެ ކުއާޓަރުގައި ކުރި ސާވޭގައި ހިމެނި 85 ޕަސެންޓް ރިސޯޓަށް ލިބުނު އާމްދަނީ އިތުރުވި އިރު، 75 ޕަސެންޓް ރިސޯޓަށް ލިބުނު ބުކިން ވެސް އޭގެ ކުރީ ކުއާޓަރަށް ވުރެ އިތުރުވި ކަމަށެވެ.

އެމްއެމްއޭގެ ސާވޭ އިން ދައްކާ ގޮތުން ފަހު ކުއާޓަރުގައި އެނދު ވިއްކި އަގު 92 ޕަސެންޓް ރިސޯޓުތަކުން ވަނީ ބޮޑު ކޮށްފައިވެ އެވެ.

އަހަރުގެ ފަހު ކުއާޓަރުގައި ހިމެނޭ ނޮވެމްބަރު، ޑިސެމްބަރު މަހަކީ ޓޫރިޒަމްގެ ހައި ސީޒަންގައި އެންމެ ބާރު ބޮޑު ދުވަސްވަރެވެ. އަދި އެ ދުވަސްވަރު އާއްމުކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އާދަޔާ ހިލާފަށް އިތުރުވެ އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރިސޯޓުތަކަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް މިދިޔަ ފެބްރުއަރީ ފަސް ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން، ރިސޯޓުތަކަށާއި ގެސްޓް ހައުސްތަކަށް އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވި އެވެ.

ނަމަވެސް އެމްއެމްއޭގެ ސާވޭ އިން ލަފާކުރާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ރިސޯޓުތަކުގެ ޖުމްލަ އާމްދަނީ އާއި ބުކިން ވެސް އިތުރުވާނެ އެވެ.

އެމްއެމްއޭގެ ސާވޭގައި މައުލޫމާތު އެއްކުރި 56 ޕަސެންޓް ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އެ ކުއާޓަރުގައި އިތުރު ނުވި ނަމަވެސް 38 ޕަސެންޓް ރިސޯޓުގައި އިތުރުވެފައިވާ ކަމަށް ދައްކަ އެވެ. އަދި 50 ޕަސެންޓް ރިސޯޓުގައި ވިޔަފާރިކުރުމަށް ކުރި ހަރަދު އިތުރުވެފައިވެ އެވެ. އޭގެ އިތުރުން 56 ޕަސެންޓް ރިސޯޓުން މުވައްޒަފުންނަށް ކުރި ހަރަދު ވެސް އިތުރުވި ކަމަށް ސާވޭ އިން ދައްކަ އެވެ.

އެ ސާވޭ އިން ދައްކާ ގޮތުގައި ފަހު ކުއާޓަރުގައި 50 ޕަސެންޓް ރިސޯޓުގެ މާލީ ހާލަތު ވެސް ރަނގަޅުވެފައިވެ އެވެ. އަދި ބާކީ ހުރި 50 ޕަސެންޓް ރިސޯޓްތަކުގެ މާލީ ހާލަތަށް ބަދަލެއް ނާންނަ ކަމަށް ވެސް ބުނެފައިވެ އެވެ.