ޔުރޮޕާ ލީގުގެ އަގު ދަށެއް ނޫން: ވެންގާ
ޔުރޮޕާ ލީގުގެ އަގު ދަށެއް ނޫން: ވެންގާ

ލަންޑަން (އޭޕްރީލް 5) - ޔުރޮޕާ ލީގުގައި މިހާރު ވާދަކުރާ ޓީމުތަކާއި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު މިއީ އަގު ދަށް މުބާރާތެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އާސެނަލް ނުކުންނާނީ ރަޝިއާގެ ސީއެސްކޭއޭ މޮސްކޯއާ ދެކޮޅަށެވެ.

"އަހަރެން ދެކޭ ގޮތުގައި ޔުރޮޕާ ލީގުގެ ލެވެލް މަތިވެއްޖެ. މިހާރު މި މުބާރާތުގައި އޮތް ޓީމުތަކަށް ބަލާއިރު ނޫނީ މުބާރާތުން ވަކިވެދިޔަ ޑޯޓްމަންޑް ކަހަލަ ޓީމުތަކަށް ބަލާއިރު މި މުބާރާތުގެ ފެންވަރު އެނގިގެންދޭ. މި މުބާރާތް މިހާރު ވަރަށް އުނދަގޫ،" ވެންގާ ބުންޏެވެ.

"މި މުބާރާތް ކާމިޔާބު ކޮށްގެން ޗެމްޕިއަންސް ލީގަށް ކޮލިފައިވެވޭތީ ވެސް ގިނަ ޓީމުތަކަށް މި މުބާރާތް މުހިއްމު ވެއްޖެ."

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ދޮރު އާސެނަލަށް ވަނީ ބަންދުވެފަ އެވެ. ޗެމްޕިއަންސް ލީގަށް އަލުން ކޮލިފައިވާން އާސެނަލަށް އޮތް ފުރުސަތަކީ ޔުރޮޕާ ލީގު ކާމިޔާބު ކުރުމެވެ.

"ވިސްނުން ބަދަލުވެއްޖެ. މިހާރު ލީގުތަށް ވަރަށް ވާދަވެރި. ކޮންމެ ކޮންމެ ޓީމަކަށް ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދަން އުނދަގޫ. އޮޓަމެޓިކަލީ އެ އޮންނަ ޖާގަތަކަށް ވާދަކުރެވޭނީ ވަރަށް މަސައްކަތުން. އެހެންވެ އެހެން ޓީމުތަކުން އެބަޖެހޭ ޔުރޮޕާ ލީގަށް ބޮޑަށް ފޯކަސް ކުރަން،" ވެންގާ ބުންޏެވެ.

މިރޭގެ މެޗުގައި ޓީމުގެ ފުރަތަމަ އެގާރައިގައި އާސެނަލުން އެ ޓީމަށް ކުޅޭ ފްރާންސްގެ ފޯވާޑް އަލެކްސެންޑަ ލަކަޒޭޓް ބޭނުންކުރާނެ ކަމަށް ވެންގާ ވަނީ ބުނެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ސްޓޯކް ސިޓީ އަތުން އާސެނަލް މޮޅުވި މެޗު ބަލަން ދިޔައީ ނިސްބަތުން އާސެނަލްގެ މަދު ސަޕޯޓަރުންތަކެކެ އެވެ. ވެންގާ ބުނީ ސަޕޯޓަރުން ދަނޑު ފުރާލާވަރުގެ ކުޅުމެއް ދެއްކުމަކީ ޓީމުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެ ޒިންމާއާ މި ވަގުތު ހަވާލުވެ ހުރެ އެކަން ފުރިހަމަ ކުރަން އޭނާ ފުރިހަމަ އަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެންގާ ބުންޏެވެ.

އާސެނަލާއި ސީއެސްކޭއޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:05 ގަ އެވެ.