05 އެޕްރީލް 2018 - 13:15

މަނާމާ (އެޕްރީލް 5) - ބަހުރޭނުން ދާދި ފަހުން ފެނުނު ތެލުގެ ރިޒާވުން 80 ބިލިއަން ފީފާގެ ތެޔޮ ނެގޭނެ ކަމަށް އެ ގައުމުން އިއުލާންކޮށްފި އެވެ.
ބަހުރޭނުގެ ތެލާ ބެހޭ ވަޒީރު ޝެއިޚް މުހައްމަދު ބިން ޚަލީފާ އަލް ޚަލީފާ ވިދާޅުވީ ތެޔޮ ވަޅު ފެނިފައި ވަނީ އެ ގައުމުގެ ހުޅަނގުން ވަރަށް ތިލަ ސަރަހައްދަކުން ކަމަށެވެ. ތެޔޮ އުފައްދާ މައިގަނޑު ގައުމެއް ކަމަށްވާ ސައުދީ އަރަބިއާއާވީ ފަޅިން ފެނުނު ތެޔޮ ވަޅު 2،000 އަކަ ކިލޯ މީޓަރު (772 އަކަ މޭލު) ގެ ސަރަހައްދެއް ކަވަރު ކުރާ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
ބަހުރޭނުގެ ގައުމީ ތެޔޮ ކުންފުނި ބަޕްކޯގެ މެނޭޖަރު ޔަހުޔާ އަލް އަންސާރީ ވިދާޅުވީ އަލަށް ފެނުނު ތެޔޮ ވަޅުން ތެޔޮ ނެގޭނެ ކަމަށް ބެލެވެނީ ފަސް ވަރަކަށް އަހަރު ދުވަހު ތެރޭ ކަމަށެވެ.
ތެޔޮ އުފައްދާ ގައުމުތައް ކަމަށްވާ ސައުދީ އާއި އީރާނާ މެދުގައި އޮންނަ ބަހުރޭނަކީ ގަލްފުގައި އެންމެ މަދުން ތެޔޮ އުފައްދާ ގައުމެވެ. އެ ގައުމުން 1932 އަހަރު ފެނުނު ބަހުރޭން އޮއިލް ފީލްޑުން ދުވާލަކު މިހާރު އުފެއްދެނީ 50،000 ފީފާގެ ތެލެވެ.
ޝއިޚް މުހައްމަދު ވިދާޅުވީ 10-20 ޓްރިލިއަން ކިއުބިކް ފޫޓުގެ ގުދުރަތީ ގޭސް ވެސް ބަހުރޭނުން ފެނިފައިވާ ކަމަށެވެ.
ބަހުރޭނަކީ ތެޔޮ އެކްސްޕޯޓް ކުރާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކުގެ މެންބަރެއް ނޫނެވެ. ބަހުރޭން ވެސް ހިމެނޭ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކުން ދުވާލަކު 17 މިލިއަން ފީފާ ތެޔޮ އުފައްދަ އެވެ. މިއީ ދުނިޔޭގައި އުފައްދާ ތެލުގެ 18 ޕަސެންޓް ނުވަތަ އޯޕެކުގެ ގައުމުތަކުން އުފައްދާ ތެލުގެ 55 ޕަސެންޓެވެ.