20 ޖުލައި 2016 - 10:52

މެންޗެސްޓާ (ޖުލައި 20) - މެންޗެސްޓާ ސިޓީގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލުވީ އޭނާގެ ކުރީގެ ކްލަބް ބަޔާން މިއުނިކުން ދިން ވަރަށް ވުރެ ކުޑަ މުސާރަ އަކަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގާޑިއޯލާ ބަޔާނަށް ކޯޗުކޮށްދިނީ އަހަރަކު 15 މިލިއަން ޕައުންޑަށެވެ. ޓީމަށް ހޯދައިދޭ ކާމިޔާބީތަކަށް ބެލުމަށް ފަހު ބޯނަހާ އެކު ވެސް އެންމެ ގިނައިން ލިބެނީ 20 މިލިއަން ޕައުންޑެވެ. އެއީ ތިން މުބާރާތް ކާމިޔާބު ކޮށްފިނަމަ އެވެ.
ސިޓީއާ އެކު ގާޑިއޯލާ ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، އަހަރެއްގެ މައްޗަށް އޭނާގެ މުސާރަ އަކީ 12 މިލިއަން ޕައުންޑެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސިޓީ މިރޭ ކުޅޭ މެޗުގައި ނުކުންނާނީ ގާޑިއޯލާގެ ކުރީގެ ޓީމު ބަޔާން މިއުނިކާ ދެކޮޅަށް އެ ޓީމުގެ ދަނޑުގަ އެވެ. އޭނާ ބުނީ މިއީ ރަހުމަތްތެރިކަމުގެ މެޗެއް ނަމަވެސް ހާއްސަ އިހުސާސެއް ކުރެވޭ ކަމަށެވެ.
"އަބަދުވެސް ކުރީގެ ކްލަބާ ދެކޮޅަށް ނުކުންނައިރު ހާއްސަ އިހުސާސެއް ކުރެވޭ. މިއީ ވާދަވެރި މެޗެއް ނޫން ނަމަވެސް މުހިއްމުކަން ބޮޑު މެޗެއް،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ބަޔާނަކީ އޭނާގެ ކޯޗިން ކެރިއަރުގައި އަބަދުވެސް ހާއްސަވާނެ ޓީމެއް ކަމަށާއި އެ ޓީމާ އެކު ހޭދަކުރި ތިން އަހަރު މަތިން ހަނދާން ނައްތާލަން އުނދަގޫ ކަމަށެވެ.
"ބާސެލޯނާ ދޫކޮށްލުމަށް ފަހު އަހަރެން ބޭނުންވީ އަރާމް ކުރަން. އެކަމަކު ބަޔާނުން ފުރުސަތު ލިބުމުން އަރާމްކުރަން އިތުރު ވަގުތެއް ހޭދަކުރަން އަހަރެން ބޭނުމެއް ނުވި. އެއީ ބަޔާން ފަދަ ބޮޑު ކްލަބެއްގެ ހުށަހެޅުމެއް އާއްމުކޮށް ނުލިބޭނެތީ،" ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ބޭނުންވަނީ ބާސެލޯނާ އާއި ބަޔާނުގައި ހޯދި ކާމިޔާބީ ސިޓީގައި ތަކުރާރު ކުރަން ބޭނުންވާ ކަމަށެވެ.