07 އެޕްރީލް 2018 - 07:20

އެކްތާ ކަޕޫރްގެ ޑިޖިޓަލް ޕްލެޓްފޯމް އޮލްޓް ބަލާޖީ އަށް އަނެއްކާ ވެސް ވަރަށް ތަފާތު އަދި މަޖާ ވެބް ސީރީޒެއް އަންނަން ތައްޔާރުވެއްޖެ އެވެ. މި ފަހަރު ޒުވާނުންނާ މާ ބޮޑަށް ވެސް ގުޅޭ ކަހަލަ ކޮންސެޕްޓަކަށް ހަދާފައިވާ ސިލްސިލާއެކެވެ.
"ގަލްތީ ސެ މިސް-ޓެކް" ގެ ނަން ދީފައިވާ މި ވެބް ސީރީޒަކީ އަލަށް ކައިވެނިކުރާ ޒުވާން ދެމަފިރިއަކު ޓެކްނޮލޮޖީ އަށް ދެވި ހިފާފައިވާ ގޮތް، މަޖާ ގޮތަކަށް ގެނެސްދޭ ސިލްސިލާއެކެވެ. މީގެ ނަން ނަގާފައި މި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި، ރަންބީރް ކަޕޫރާއި ކެޓްރީނާ ކެއިފްގެ ފިލްމް "ޖައްގާ ޖާސޫސް" ގެ ލަވަ "ގަލްތީ ސެ މިސްޓޭކް" އިންނެވެ.
އިންޑިއާގެ އެންމެ މަޝްހޫރު ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނީތާ ހަސަންދާނީ އާއި މަޝްހޫރު ޓީވީ ހޯސްޓް/އެކްޓަރު ރިތުވިކް ދަންޖާނީ ލީޑް ރޯލް ކުޅެފައިވާ "ގަލްތީ ސެ މިސް-ޓެކް" އޮލްޓް ބަލާޖީން ސްޓްރީމްކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. މީގެ ޓްރެއިލާ ވެސް މިހާރު ބެލުންތެރިންނަށް ދޫކޮށްލައިފައިވާ އިރު، މިއީ ވަރަށް މަޖާ އެއްޗަކަށް ވާނެ ކަމަށް މިހާރު ވެސް ބެލެވެ އެވެ.
އަނެއްކޮޅުން އަނީތާ އާއި ރިތިކްގެ މި ޖޯޑަކީ ވެސް އަދި ބެލުންތެރިންނަށް އަލަށް އެކުގައި ފެނިގެން ދާނެ ޖޯޑަކަށްވާތީ ވެސް މިއީ "ގަލްތީ ސެ މިސް-ޓެކް" ގިނަ ބަޔަކު އިންތިޒާރު ކުރާނެ ކަމެކެވެ.
ޒީޓީވީގެ "ޕަވިތުރަ ރިޝްތާ" ފަދަ މަދު ސިލްސިލާތައް ކުޅެފައިވާ އަދި ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ ރިއަލިޓީ ޝޯ "އިންޑިިއާސް ނެކްސްޓް ސްޕަސްޓާ" ގެ އެއް ހޯސްޓް ރިތުވިކް ބުނީ އޭނާ އެނބުރި ވެބް ސީރީޒަކުން އަންނަ އިރު ބެލުންތެރިންނަށް މީތި ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އޮލްޓް ބަލާޖީން މިހާރު ގެނެސްދޭ އިތުރު ވެބް ސީރީޒްތަކުގެ ތެރޭގައި "ކެހެނޭ ކޯ ހަމްސަފަރް ހޭ"، "ހަގް ސޭ" އަދި "ކަރްލޭ ތޫ ބީ މުހައްބަތު" ހިމެނެ އެވެ.