ސައުދީގެ ފުރަތަމަ ސިނަމާ މި މަހު 18 ގައި ހުޅުވަނީ
ސައުދީގެ ފުރަތަމަ ސިނަމާ މި މަހު 18 ގައި ހުޅުވަނީ

ރިޔާޒް (އެޕްރީލް 5) - ވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހު ތެރޭ ސައުދީ އަރަބިއާގައި ހުޅުވާ ފުރަތަމަ ސިނަމާ މި މަހު 18 ވަނަ ދުވަހު ވެރިރަށް ރިޔާޒުގައި ހުޅުވަން ނިންމައިފި އެވެ.

ސައުދީގައި ސިނަމާ ހިންގުމުގެ ލައިސަންސް އެންމެ ފުރަތަމަ ދިނީ އެމެރިކާގެ އޭއެމްސީ އެންޓަޓެއިންމެންޓަށެވެ. ސައުދީ ރަސްމީ މީޑިއާ އިން ބުނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭ ސައުދީގެ 15 ސިޓީއެއްގައި 40 އަށް ވުރެ ގިނަ ސިނަމާ ހުޅުވަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

އޭއެމްސީ އެންޓަޓެއިންމަންޓް އިން ޑިސެމްބަރު މަހު ވަނީ ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑާ އެކު ސިނަމާ ހިންގުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

"ސިނަމާ ހިންގުމުގެ ލައިސަންސް ދޫކުރުމަކީ އާޓިސްޓުންނަށް ލިބިގެންދާނެ އިތުރު ފުރުސަތެއް،" އިންފޮމޭޝަން މިނިސްޓަރު އައްވާދު އަލައްވާދު ވިދާޅުވި އެވެ. "ސައުދީގެ މާކެޓް ވަރަށް ބޮޑު. އާބާދީގެ ގިނަ ބަޔަކު ބޭނުންވޭ އެ މީހުން ބަލަން ބޭނުންވާ ފިލްމުތައް އަމިއްލަ ގައުމުގައި ތިބިގެން ބެލޭނެ ގޮތެއް."

ސައުދީގައި ސިނަމާ ހިންގުމުގެ ހުއްދަ ދީފައި ވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އާ އިގްތިސާދީ ސިޔާސަތުގެ ދަށުންނެވެ. ތެލަށް ބަރޯސާވުން ކުޑަ ކުރުމުގެ ގޮތުން މުހައްމަދު ވަނީ ވިޝަން 2030 ގެ ނަމުގައި ޕްރޮގްރާމެއް ފައްޓަވައިފަ އެވެ.

ސައުދީ އަރަބިއާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ) އިން ވަނީ މި އަހަރުތެރޭ 5،000 އަށް ވުރެ ގިނަ ފެސްޓިވަލާއި ކޮންސެޓް ބާއްވާނެ ކަމަށް ބުނެފަ އެވެ.