05 އެޕްރީލް 2018 - 11:28

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ 88 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ ޔުނިވާސިޓީން ބުނީ ދެ ވަނަ ޓާމުގައި މާލެއާ އެކީ އެކި ރަށްރަށުގައި ހުރި ކެމްޕަސްތަކުން 4635 ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށެވެ. ނަމަވެސް ފޯމު ބަލައިގަންނަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހެވެ.
އަންނަ ޖުލައި މަހު ފަށާ ކޯސްތަކުގެ ތެރޭގައި ޓީޗިންނާއި ނާސިންނާއި ޝަރީއާ އެންޑް ލޯ، އިންޖީނިއަރިން އަދި ނޫސްވެރިކަން ފަދަ ކޯސްތައް ހިމެނެ އެވެ. އެއީ ފައުންޑޭޝަނުން ފެށިގެން ސެޓްފިކެޓް ލެވެލް، ޑިޕްލޮމާ، ޑިގްރީ، މާސްޓާޒް އަދި ޕޯސްޓް ގްރެޖުއޭޓް ލެވެލްގެ ކޯސްތަކެވެ.
ކޯސްތަކަށް ޖާގަ ދިނުމުގައި އިސްކަން ދޭނީ އެކަމަށް ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން 14 ވަނަ ދުވަހެވެ.
ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ އެމްބީބީއެސް ކޯސް ވެސް އެމްއެންޔޫ އިން ފަށާނެ އެވެ. ނަމަވެސް އެ ޕްރޮގްރާމަށް ކުރިމަތިލާކަށް އަދި އިއުލާނެއް ނުކުރެ އެވެ.
އެމްއެންޔޫގައި މިހާރު ވެސް އެކި ޕްރޮގްރާމްތަކުން 9،000 އެއްހާ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.