މިއީ އާދައިގެ ބައްތިއެއް ނޫން
މިއީ އާދައިގެ ބައްތިއެއް ނޫން

އާންމުކޮށް މި ގެންގުޅޭ ޓޯޗަކީ އަނދިރި ތަނެއްގައި އާދައިގެ ބޭނުމަކު ގެންގުޅެލަން ކަމުދާ އެއްޗެކެވެ. އެކަމަކު އެއަށްވުރެ އަލިގަދަ ކުރަންޏާ، އާދައިގެ ބެޓެރީން ދިއްލާ ބައްތިއަކުން ނުފުދިދާނެއެވެ.

ސްޓްރީމްލައިޓް ބްރޭންޑުގެ މައިކްރޯސްޓްރީމް ތްރީ އޭ ޓޯޗަކީ އާންމުކޮށް މީހުން ބޭނުންކޮށް އުޅޭ ބާވަތުގެ ޓޯޗެކެވެ. މީގެ ވެސް މިހާރު އުފައްދައިގެން އުޅެނީ މައިކްރޯސްޓްރީމް ޔޫއެސްބީއެވެ. ސައިޒުން 4 އިންޗި ހަމަނުވާ މި ޓޯޗު ރީތިކޮށް ޖީބަށް ޖަހާލެވެއެވެ. ތޮފީގައި ވެސް އަޅުވާލަންވީ އެވެ.

މައިކްރޯސްޓްރީމް ޔޫއެސްބީ ފަރުމާކޮށްފައިވަނީ ދެ ފެންވަރަކަށް ދިއްލޭ ގޮތަށެވެ. ގަދަ ދިއްލުމުގައި ދޮޅު ގަޑިއިރު ބޭނުންކުރެވެއެވެ. ކުލަ ފަނޑުކޮށް ދިއްލައިގެން ބޭނުންކުރެވޭނީ ތިން ގަޑިއިރާއި ބައެވެ. މި ބައްތި ޗާޖުކުރަން ހޭދަވަނީ ހަތަރު ގަޑިއިރެވެ. ޗާޖުވަމުންދާކަން އަންގައިދެނީ ބައްތީގެ ފުލުގައި ދިއްލޭ ރަތްބޮކިންނެވެ. ފެހިކުލައަށް ބަދަލުވުމުން އެހެރީ ބޭނުންކުރެވޭ ވަރަށް ޗާޖުވެފައެވެ.

މި ޓޯޗު އެއް މީޓަރު މަތިން ވެއްޓުނަސް ހަލާކުނުވާނެކަން ވަނީ ކަށަވަރުކޮށްފައެވެ. ފެން ވަނުވުމުގެ ހާސްކަމެއް ވެސް ނެތެވެ. ޗާޖުކުރަންވީމާ ކަރަންޓަށް ޖަހާ ޕޯޓުގެ، ރައްކާތެރި މައުދަނު ފޮތި ކަހާލައިގެން ޗާޖުކުރަންވީއެވެ. މައިކްރޯ ޔޫއެސްބީ ޕޯޓަކަށް ނުވަތަ ޕްލަގް ޕޮއިންޓަކަށް ޖަހައިގެން ވެސް މި ޓޯޗު ޗާޖުކުރެވޭނެއެވެ.

މައިކްރޯސްޓްރީމް ޔޫއެސްބީއަކީ ވަލުތެރޭގަ އާއި މާކަނޑަށް ނުކުމެ އުޅޭއިރު ވަރަށް ކަމުދާނެ އުފެއްދުމެކެވެ.