"ޑެޑްޕޫލް" ގެ ފިޔާތޮށި ސޫޓް ގަނެވިދާނެ، އެހީވެވެނީ ކެންސަރަށް
"ޑެޑްޕޫލް" ގެ ފިޔާތޮށި ސޫޓް ގަނެވިދާނެ، އެހީވެވެނީ ކެންސަރަށް

ވަރަށް ހާއްސަ ކަމެއްގެ ތެރެއިން، ފިލްމް "ޑެޑްޕޫލް" ގައި ރަޔަން ރެނޮލްޑްސް ބޭނުން ކުރާ ވައްތަރުގެ ސޫޓެއް މިހާރު ނީލަމެއްގައި ގަނެލެވި ދާނެ އެވެ. "ޑެޑްޕޫލް" ގައި އޭނާ ކުޅޭ ކެރެކްޓާގައި ފެންނާނީ ކަޅާއި ރަތް ކުލަ އެކުލެވޭ ސޫޓެއްގަ އެވެ.

އެކަމަކު ނީލަމުގައި މި ވިއްކާލަނީ ރަތް ކުލައިގެ ބަދަލުގައި ފިޔާތޮށި ކުލަ ހިމެނޭ ސޫޓެކެވެ. ރަމްޒުކޮށް ދެނީ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތެވެ. މި ފިޔާތޮށި ސޫޓް ނީލަމުގައި ވިއްކައިލަނީ ކެންސަރާ ދެކޮޅަށް ހިލޭ ސާބަހަށް މަސައްކަތްކުރާ އޮމޭޒުން ހިންގާ ކެމްޕޭނަކަށް އެހީވުމުގެ ގޮތުންނެވެ.

ސޫޓް ގަންނަން 10-5،000 ޑޮލަރާ ދެމެދަށް ވެސް އަގު ކިޔޭނެ އެވެ. އެކަމަކު 10،000 ޑޮލަރުން މަތީގެ އަގެއް ހުށަހަޅާ މީހަކަށް އިތުރު ހަދިޔާތަކެއް ވެސް ލިބޭނެ އެވެ. އޭގެ ތެރޭގައި ފިލްމްގެ ތަރިން ސޮއިކޮށްފައިވާ ޕޯސްޓަރާއި ރެނޮލްޑްސްގެ ކެރެކްޓާ ވޭޑް ވިލްސަން/ޑެޑްޕޫލްގެ ވޮއިސްމެއިލް މެސެޖް ހިމެނެ އެވެ.

ފިޔާތޮށި ސޫޓް ވިއްކާލަން އެއާ ބެހޭ ގޮތުން ރަޔަން ދީފައިވާ ހާއްސަ ވީޑިއޯ މެސެޖްގައި ބުނީ ފަހަރުގައި މި ސޫޓަކީ މާ ބޮޑު ބޭނުމެއް ނުހިފޭ އެއްޗަކަށް ވެދާނެ ކަމަށެވެ. އެކަމަކު ނީލަމުގައި ބައިވެރިވެގެން މާލީ ގޮތުން އެ ފޯރުކޮށް ދެވެނީ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީއެއް ކަމަށް ބުންޏެވެ.

"ޑެޑްޕޫލް 2" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 16 ގަ އެވެ. ނީލަމުގައި ސޫޓް ކާމިޔާބު ކުރާ މީހަކު، ފިލްމް ބަލަންދާ އިރުމ ސޫޓް ލައިގެން ދިއުމަކީ ވެސް ކުރެވިދާނެ ކަމެއް ދޯ އެވެ؟