06 އެޕްރީލް 2018 - 10:06

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ޓައިގާ ޝްރޮފްގެ އެކްޝަން ފިލްމް "ބާގީ 2" ބޮކްސް އޮފީހުގައި، ކުޑަ ދުވަސްކޮޅެއްގެ ތެރޭ ބޮޑު އާމްދަނީއެއް ހޯދައި 100 ކްރޯޑް ކުލަބުން ވެސް ޖާގަ ހޯދައިފި އެވެ.
މި އަހަރުގެ މިހާތަނަށް، ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ވެސް ހޯދި ފިލްމްގެ ޝަރަފު އޮތީ އޮތީ "ބާގީ 2" އަށެވެ. ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" ފަހަތަށް ޖައްސާލައި، "ބާގީ 2" ވަނީ ހުކުރު ދުވަހު އެކަނި ވެސް 25.10 ކްރޯޑް ރުޕީސް ހޯދައިފަ އެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ފިލްމް 100 ކްރޯޑް ކުލަބަށް ވަނީ ރިލީޒް ކުރިތާ އެންމެ ހަ ދުވަހުގެ ތެރޭގައިކަމެވެ. ފިލްމަށް މިހާތަނަށް ވަނީ 105 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް އިންޑިއާ އިން ލިބިފަ އެވެ. އަދި އިންޑިއާ އިން ބޭރުގެ މާކެޓްތަކާ އެކު ފިލްމްގެ ޖުމްލަ އާމްދަނީ މިހާރު ވަނީ 130 ކްރޯޑް ރުޕީސް އަށް ވުރެ މައްޗަށް ޖެހިފަ އެވެ.
"ބާގީ 2" ވެގެން ގޮސްފައި ވަނީ ޓައިގާގެ ފުރަތަމަ 100 ކްރޯޑް ކުލަބް ފިލްމަށް ވެސް މެ އެވެ.
މި އަހަރު މިހާތަނަށް އެ ފިލްމާ އެކު 100 ކްރޯޑް ކުލަބުން ޖާގަ ހޯދީ "ޕަދްމާވަތު" ގެ އިތުރުން ލަވް ރަންޖަންގެ ރޮމޭންޓިކް ކޮމެޑީ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އެވެ.
ޓައިގާގެ ވަރުގަދަ އެކްޝަންތަކާ އެކު "ބާގީ 2" ބޮކްސް އޮފީހުގައި ވަރުގަދަކަން ދައްކަމުން އަންނަ އިރު، ޓައިގާގެ އެކްޓިން އަށް އަކްޝޭ ކުމާރާއި ރިތިކް ރޯޝަން ފަދަ އެކްޓަރުން ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އެ މީހުން ސިފަކުރި ގޮތުގައި ބޮލީވުޑްގެ އާ އެކްޝަން ހީރޯއަކީ މިހާރު ޓައިގާ އެވެ.
އަނެއްކޮޅުން ފިލްމަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު މެދުއުޑުގައި ހުރި ޒުވާން އެކްޓަރު ބުނީ އޭނާ ހުރީ އިހުސާސް ކުރެވެނީ ހުވަފެނެއްގައި އުޅެވޭހެން ކަމަށެވެ.
ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކޮށް، އަހުމަދު ހާން ޑައިރެކްޓްކޮށްފައިވާ "ބާގީ 2" ތިން ވަނަ ބައި ވެސް ގެނެސް ދޭނެކަން، ފިލްމް ރިލީޒް ކުރުމުގެ ކުރިން އޮތީ އިއުލާންކޮށްފަ އެވެ. މީގެ ފުރަތަމަ ބައި ޓައިގާ އާއި ޝްރަދާ ކަޕޫރާ އެކު 2016 ގައި ގެނެސް ދިނީ ޝަބީރު ހާނެވެ. ޓައިގާއާ އެކު ދެވަނަ ބައިގެ ބަތަލާގެ ރޯލް ކުޅެފައި ވަނީ އޭނާގެ ލޯބިވެރިޔާ ޑިޝާ ޕަޓްނީ އެވެ.
"ބާގީ" އަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ލިބުނީ ޖުމްލަ 126.96 ކްރޯޑް ރުޕިސް އެވެ.