އެއާ ފްރާންސުން ފިނި މޫސުމުގައި ރާއްޖެއަށް ޑްރީމް ލައިނާ ބޭނުންކުރަނީ
އެއާ ފްރާންސުން ފިނި މޫސުމުގައި ރާއްޖެއަށް ޑްރީމް ލައިނާ ބޭނުންކުރަނީ

ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސުން މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް، ރާއްޖެއަށް ކުރާ ދަތުރުތަކުގައި ފުރަތަމަ ފަހަރަށް ބޮއިންގެ 9-787 މަރުކާގެ ޑްރީމް ލައިނާ މަތިންދާބޯޓު ބޭނުންކުރަން ނިންމައިފި އެވެ.

އެ އެއާލައިނާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ އެ އެއާލައިނުން ރާއްޖެެއަށް ކުރާ ދަތުރުތަކަށް ގެންނަ ބަދަލުތައް މިދިޔަ ހަފުތާގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ބަދަލާއެކު އަންނަ ނޮވެމްބަރު މަހު އެއްވަނަ ދުވަހުން ފެށިގެން ޕެރިހުގެ ޗާލްސް ޑިގޯލް އެއާޕޯޓުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ ޑްރީމް ލައިނާގެ ބޯޓުތައް ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން ޑިސެމްބަރު ދިހަ ވަނަ ދުވަހުން ފެށިގެން ހަފުތާއަކު ތިން ދަތުރު ކުރާނެ ކަމަށް ވެސް އެ އެއާލައިނާ ހަވާލާދީ ބުނެފައިވެ އެވެ.

އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހުން ފެށިގެންނެވެ. އެ އެއާލައިނުން މި އަހަރުގެ ސީޒަނާ ދިމާކޮށް ބޭނުންކުރީ 312 ސީޓް ހުންނަ ބޮއިން 200-777 މަރުކާގެ ބޯޓެކެވެ. އަދި އެ އެއާލައިނުން ކުރީ ހަފުތާއަކު ދެ ދަތުރެވެ.

އެއާ ފްރާންސުން ރާއްޖެއަށް ދަތުރުކުރަން ބޭނުންކުރަން ނިންމާފައިވާ ޑްރީމް ލައިނާއަކީ އެތެރޭގެ ޖާގަ ތަނަވަސްކޮށް ހަދާފައިވާ އަދި ތެލުގެ ހަރަދު ވެސް ކުޑަ މަތިންދާ ބޯޓެކެވެ. އެ މަރުކާގެ ބޯޓުން އުފުލެނީ 290 މީހުންނެވެ.

ޑްރީމް ލައިނާ މަރުކާގެ މަތިންދާބޯޓެއް މިހާރު ރާއްޖެއަށް އެހެން އެއާލައިނަކުން އޮޕަރޭޓެއް ނުކުރެ އެވެ. ނަމަވެސް އިޓަލީގެ ނިއޮސް އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ވަރަށް މަދުން އެ މަރުކާގެ މަތިންދާބޯޓު ބޭނުންކުރާ ކަމަށްވެ އެވެ.