04 އެޕްރީލް 2018 - 22:54

"އުރީދޫ ނެކްސްޓް"ގެ ނަމުގައި އެ ކުންފުނިން ތައާރަފް ކޮށްފައިވާ ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމް، ވައިބާ މެދުވެރިކޮށް ބޭނުން ކުރެވޭ ގޮތް ހަދައިފި އެވެ.

ވައިބާ މެދުވެރިކޮށް "އުރީދޫ ނެކްސްޓް"ގެ ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް، މިރޭ އުނިމާ ގްރޭންޑް ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، މިއީ އުރީދޫގެ "ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރަށް އިތުރުވެގެން ދިޔަ މުހިންމު ބޮޅެއް ކަމަށެވެ.
ދިވެހިންގެ ތެރޭގައި ވައިބާ ބޭނުން ނުކުރާ މީހަކު މަދުވާނެ ކަން ފާހަގަކުރައްވައި ވިދާޅުވީ މިރެ އިން ފެށިގެން ހުރިހާ އެންމެންނަށް ވެސް "އުރީދޫ ނެކްސްޓް"ގެ ހިދުމަތް ފަސޭހަ ކަމާ އެކު ލިބިގެން ދާނެ ކަމަށެވެ.
"މިއަދުން ފެށިގެން އަޅުގަނޑުމެންގެ އުރީދޫ ނެކްސްޓް ފަސޭހަ ކަމާ އެކު ބޭނުންވާ ހުރިހާ އެންމެންނަށް ވެސް ލިބިގެން ދާނެ،" އާޓިފިޝަލް އިންޓެލިޖެންސް އާއި އަމިއްލަ އަށް ކަންކަން ދަސްކޮށް، ތަރައްގީވާނެ ގޮތަށް މެޝިން ލާނިން ހިމެނޭ ޕްލެޓްފޯމް ވައިބާ އަށް ތައާރަފް ކޮށްދެއްވަމުން ނަޖީބް ވިދާޅުވި އެވެ.
"އުރީދޫ ނެކްސްޓް"ގެ ހިދުމަތް ދޭން ފެށީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ފޭސްބުކް މެސެންޖާ މެދުވެރިކޮށެވެ. އިތުރު ސޯޝަލް މީޑިއާތައް މެދުވެރިކޮށް އެ ހިދުމަތްދޭން ފަށާނެ ކަމަށް އޭރު ވެސް އުރީދޫ އިން އޮތީ ބުނެފަ އެވެ.
އުރީދޫ އިން މި ޕްލެޓްފޯމް ތައާރަފްކުރީ، ޕްރިޕެއިޑް މޯބައިލް މާކެޓަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުންދާ ސިލިކަން ވެލީގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ފާސްޓްފޯވާޑް.އޭއައިއާ ގުޅިގެންނެވެ. އަދި ވައިބާ އަށް އެ ހިދުމަތް ގެނައީ ވެސް އެ ކުންފުންޏާއި ގުޅިގެންނެވެ.
އެ ކުންފުނީގެ ސީޕީއޯ ރޯމިއޯ އެސް. ގަނޭސްކޫ މިރޭ ވިދާޅުވީ، މި ހިދުމަތް ވައިބާ އަށް ތައާރަފް ކުރީ ފޭސްބުކް މެސެންޖާ އިން ހިދުމަތް ހޯދި މީހުން އެ ހިދުމަތް ބަލައިގަނެފައިވާތީ ކަމަށެވެ. އަދި މެސެންޖާ މެދުވެރިކޮށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު އެ ހިދުމަތް ހޯދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އުރީދޫ ނެކްސްޓް"ގެ ހިދުމަތް ލިބޭނީ، އުރީދޫން އާންމުކޮށްފައިވާ ކޯޑް ފޭސްބުކް މެސެންޖާ ނުވަތަ ވައިބާ އިން ސްކޭން ކުރުމުންނެވެ. ކޮންމެ ނެޓްވޯކެއްގައި އުޅުނު ނަމަވެސް މި ހިދުމަތް ހޯދޭއިރު، މި ޕްލެޓްފޯމް މެދުވެރިކޮށް އުރީދޫގެ ހުރިހާ ހިދުމަތެއްގެ މައުލޫމާތު ހޯދޭނެ އެވެ.
އުރީދޫން އާންމުކޮށްފައިވާ ކޯޑް ފޭސްބުކް މެސެންޖާ ނުވަތަ ވައިބާ އިން ސްކޭން ކުރުމުން "އުރީދޫ ނެކްސްޓް"ގެ ޗެޓް ސްކްރީނެއް ހުޅުވޭނެ އެވެ. އެ ޗެޓް ވިންޑޯގައި ރައްޓެހިންނާ ވާހަކަ ދެއްކޭ ގޮތަށް އުރީދޫގެ ހިދުމަތްތައް ހޯދުމަށް ޗެޓްކޮށް، އޮޕްޝަންތައް އިތުރަށް ބަލައި ހެދޭނެ އެވެ.