04 އެޕްރީލް 2018 - 16:08

ޑާކާ (އެޕްރީލް 4) - ރޮހިންޖާ ރެފިއުޖީން ދިރިއުޅޭ ބަންގްލަދޭޝްގެ ކޭމްޕްތަކަށް މިއަންމާގެ މިނިސްޓަރެއް ޒިޔާރަތް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިކަން ހައްދުފަހަނަޅައި ދިއުމުން ބަންގްލަދޭޝް އަށް ހަތް ލައްކައެއްހާ ރެފިއުޖީން ހިޖުރަކުރި ފަހުން މިއަންމާގެ މިނިސްޓަރަކު ކޭމްޕްތަކަށް ޒިޔާރަތް ކުރާ ފުރަތަމަ ފަހަރެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނީ މިއަންމާގެ ސޯޝަލް ވެލްފެއާ މިނިސްޓަރުގެ ދަތުރުގެ ޕްރޮގްރާމް މުޅިން ނުނިމޭ ކަމަށެވެ.
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގި ޖަރިމާތައް އެމެރިކާ އާއި އދ. އިން ސިފަކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ދަރަޖައިގަ އެވެ. މިއަންމާ ސިފައިން ވަނީ މުސްލިމްގެ ގެދޮރުގައި އަލިފާން ޖަހައިފަ އެވެ.
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގި އިރު މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ ހިމޭނުން ހުންނެވުމުން އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ.