04 އެޕްރީލް 2018 - 11:44

ލަންޑަން (އޭޕްރިލް 4) – ޕްރިމިއާ ލީގުގެ ކްލަބްތަކުން މިދިޔަ އަހަރު އޭޖެންޓުންނަށް 211 މިލިއަން ޕައުންޑް ހޭދަކޮށްފި އެވެ.
މިއީ ކުރީ އަހަރާ ބަލާއިރު 37 މިލިއަން ޕައުންޑުގެ އިތުރުވުމެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ 1 އިން މި އަހަރުގެ ޖެނުއަރީ 31 އަށް ހިނގައިދިޔަ ޓްރާންސްފާތަކަށް ބަލައި އިނގިރޭސި އެފްއޭ އިން ހާމަކުރި މައުލޫމާތު ދައްކާ ގޮތުގައި އޭޖެންޓުންނަށް އެންމެ ބޮޑު ހަރަދެއްކުރީ ލިވަޕޫލުންނެވެ. އެއީ 26.8 މިލިއަން ޕައުންޑެވެ. ދެ ވަނައިގައި އޮތް ޗެލްސީން 25.1 މިލިއަން ޕައުންޑް ހޭދަކުރި އެވެ. މެންޗެސްޓާ ސިޓީން 23.5 މިލިއަން ޕައުންޑް ހަރަދުކުރިއިރު މެންޗެސްޓާ ޔުނައިޓެޑުން ކުރީ 18 މިލިއަން ޕައުންޑެވެ.
މި ލިސްޓުގެ އެއް ވަނައިގައި އޮތް ލިވަޕޫލުން ވަނީ މިދިޔަ އަހަރުގެ ޖޫން ޓްރާންސްފާގައި މިސްރުގެ ތަރި މުހައްމަދު ސަލާހް 42 މިލިއަން ޔޫރޯ އަށް ގަތެވެ. އަދި 75 މިލިއަން ޕައުންޑުގެ އަގަކަށް މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް ގެނަ އެވެ.
ފުޓްބޯޅަ ޓްރާންސްފާތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ބަޔަކީ އޭޖެންޓުންނެވެ. ހާއްސަކޮށް ޑިމާންޑް ބޮޑު ކުޅުންތެރިންގެ ޓްރާންސްފާތަކުގައި އޭޖެންޓުން ވަރަށް ބޮޑު އަދަދެއް ނަގަ އެވެ. އެގޮތުން 2016 ވަނަ އަހަރު ޔުވެންޓަސް އިން ދުނިޔޭގެ ރެކޯޑް އަގަކަށް ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލީ ޑީލުގެ ތެރެއިން ޕޮގްބާގެ އޭޖެންޓް މިނޯ ރިއޯލާ އަށް ޔުވެންޓަސް އިން 27 މިލިއަން ޔޫރޯ ދެއްކި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އޭޖެންޓް ފީ އެފްއޭގައި ރަޖިސްޓްރީކުރާނީ އޭޖެންޓުގެ މުސާރައަށްވާ އަދަދަށެވެ. އެކަމަކު ކުޅުންތެރިންގެ އިމޭޖް ރައިޓްސް ލިބިފައިވާ ކުންފުންޏަށް ލިބޭ ފައިސާ އިން ބަޔެއް އޭޖެންޓުން ދެ އެވެ.
އިނގިރޭސި ވިލާތުގެ އެންމެ މަތީ ފަސް ޑިވިޝަނުގެ ކްލަބްތަކުން މިދިޔަ އަހަރު އޭޖެންޓުންނަށް 257 މިލިއަން ޕައުންޑް ހޭދަކޮށްފައިވެ އެވެ. މިއީ 2016./2017 އާ ބަލާއިރު 37 މިލިއަން ޕައުންޑުގެ އިތުރުވުމެކެވެ. އެންމެ މަދުން ހޭދަކުރީ 112 ޕައުންޑް ހޭދަކުރި، ނެޝަނަލް ލީގު ކްލަބުގެ އަލްޑާޝޮޓުންނެވެ.