04 އެޕްރީލް 2018 - 12:31

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ޕީޕީއެމްގެ ޖަގަހަ އަށް، މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ މީހަކު ވަދެ އެ ޖަގަހައިގެ ސްޓޭޖަށް ޕެޓްރޯލް އަޅައި ވަނީ ރޯކޮށްލައިފަ އެވެ. އޭގެ ސަބަބުން ސްޓޭޖާއި ޕޯޑިއަމްގެ އިތުރުން މޭޒެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށް ބަންދުކޮށްފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރި ދުވަހެއް އަދި އޭނާގެ އެހެން މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ޕީޕީއެމުން ތުހުމަތު ކުރަނީ އެއީ އިދިކޮޅު މީހުން ކުރިކަމެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެއީ އެ ފަރާތްތަކުގެ ބޮލުގައި އެޅުވުމަށް ޕީޕީއެމުން އަމިއްލަ އަށް ކޮށްގެން އުޅޭ ކަމެކެވެ.
ޕީޕީއެމް ޖަގަހަ އަކީ ގާޑުން ބައިތިއްބައިގެން، 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ތަނަކަށް ވުމާއި އެ ތަނުގައި ސީސީޓީވީ ހަރުކޮށްފައި ހުންނާތީ އެއީ ޕީޕީއެމްގެ ތެރެއިން އެހީތެރިކަން ލިބިގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.