04 އެޕްރީލް 2018 - 12:32

ގައުމީ ވޮލީބޯޅަ ޓީމުގެ އާ ސްކޮޑުގައި ތިބި ކުޅުންތެރިންގެ ކިބައިގައި ތަފާތެއް ދެކޭ ވަރުގެ ހިތްވަރު އެބަހުރި ކަމަށް ޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނެފި އެވެ.
މި ފަހަރު ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ ލޯންގޭ އެވެ. ލޯންގޭ އަންނަނީ މެދުކެނޑުމެއްނެތި 2004 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުންނެވެ. މި މަހު ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތަށްދާ ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސިއިރު، މިއީ ލޯންގޭގެ ކެޕްޓަން ކަމުގެ ދަށުގައި ޓީމު ނުކުންނަ ތިން ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2010 އާއި 2015 ވަނަ އަހަރު ވެސް ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.
"ވަރަށް އުފާވިދެން ގައުމީ ޓީމުގެ ކެޕްޓަންކަން ލިބުނީމަ. އަލަކަށް ނޫން މިއީ. އެކަމަކު ވެސް ހާއްސަކޮށް މި ފަހަރު ލިބުމުން ހިތްހަމަ ޖެހޭ،" ލޯންގޭ ބުންޏެވެ.
މިއީ ފަހަކަށް އައިސް ނިސްބަތުން މުބާރާތަކަށްދާ އެންމެ ޒުވާން ސީނިއާ ވޮލީބޯޅަ ޓީމެވެ. މިދިޔަ އޮކްޓޫބަރު މަހު ގައުމީ ޓީމުގެ ކޯޗުކަމާ އަލުން ހަވާލުވުމަށް ފަހު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ޓީމުގެ ޕްރެކްޓިސް ފެށީ މިދިޔަ ޖެނުއަރީ މަހުގަ އެވެ.
މި ފަހަރުގެ ޕްރެކްޓިސްގައި އެންމެ ބޮޑު ތަފާތެއް ފެނިގެންދިޔަ އެއް ކަމަކީ އެހެން ފަހަރުތަކާ ހިލާފަށް ކުޅުންތެރިންގެ ހާޒިރީ ރަނގަޅުވުމެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނާ ގޮތުގައި މި ފަހަރު ކުޅުންތެރިން ވަނީ ހާޒިރީން 98 ޕަސެންޓް ދައްކައިފަ އެވެ.
ލޯންގޭ ބުނީ މި ފަހަރު ޓީމުގެ އެންމެ ބޮޑު ހިތްވަރަކީ ރަނގަޅު އަހުލާގު ކަމަށެވެ.
"ޓީމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. މިހާތަނަށް ރާއްޖޭގައި ނެގި އެންމެ ޑިސިޕްލިން އެންމެ ރަނގަޅު ޓީމޭ (ވޮލީ ޓީމު) ބުނެވޭނީ މި ފަހަރު މިއީ. ޒުވާން ކުޅުންތެރިން ތިބީމައެއް ނޫން. ހުރިހާ ކަމެއް ވެސް ކުޅުންތެރިން ވަރަށް ކުރާ ހިތުން ކުރާތަން ފެނުނު މި ފަހަރު. ކުޅުންތެރިން އަހުލާގު ރަނގަޅުވެގެން ކާމިޔާބީއާ ހަމައަށް ދެވޭނީ. މިކަން އެބަޖެހޭ ވަރަށް ބޮޑަށް އާލާކުރަން. ފުރަތަމަ މި ސްޓެޕް (ފިޔަވަޅު) އެބަޖެހޭ ގިރާކުރަން. އެކަން ކޮށްގެން މެޑަލް އަކާ ހިސާބަށް ދެވޭނީ،" ލޯންގޭ ބުންޏެވެ.
ޓީމުގައި އާ ކުޅުންތެރިން ވެސް ހިމެނޭތީ މި ފަހަރު ކެޕްޓަނެއްގެ ޒިންމާ ލޯންގޭ އަށް ބޮޑެވެ. އެހެން ނަމަވެސް އެކަން ވެސް އުނދަގޫވާނެ ކަމަށް ނުބެލެވެ އެވެ.
"ކެޕްޓަނަކަށް ވުމުގެ ކުރިން ވެސް އަޅުގަނޑު ބުނާ ހުރިހާ އެއްޗެއް ގަބޫލުކުރޭ. އެއީ ކުރިއަށްދާން ވަރަށް ބޮޑު ހިތްވަރެއް. ހުރިހާ ކުދިން ވެސް އެއް ގޯލަކަށް މި މަސައްކަތް ކުރަނީ،" ލޯންގޭ ބުންޏެވެ.
ގައުމީ ޓީމުގެ ފިޓްނަސް ކަންތައްތައް ބެލެހެއްޓުމަށް މިދިޔަ އަހަރު ވީއޭއެމުން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް ހަމަޖައްސައިފަ އެވެ. ހާނިމްގެ އިރުޝާދާ އެކު ރަނގަޅު ފިޓްނަސް ޓްރެއިނިން އެއް ލިބުމަކީ ހުރިހާ ކުޅުންތެރިންނަށް ވެސް ލިބިގެންދިޔަ ބޮޑު ލުޔެއް ކަމަށް ލޯންގޭ ބުންޏެވެ.
"މި ފަހަރު ފިޓްނަސް ޓްރެއިނަރެއް ލައިގެން ވަރަށް ރަނގަޅަށް ދިޔައީ. އެހެން ފަހަރުތަކުގައި ގައުމީ ޓީމަށް ވަރަށް ނުލިބޭނެ ފިޓްނަސް ޓްރެއިނަރުން. އެކަމު މި ފަހަރު އެކަން ވެއްޖެ. ވަރަށް ބުރަކޮށް ވަރަށް ހާޑް (އުނދަގޫ) ޓްރެއިނިންތަކެއް ދިޔައީ. އޭގެ ތަފާތު ވެސް މި ފަހަރު ކުޅުންތެރިންގެ ފަރާތުން އެބަފެނޭ،" ލޯންގޭ ބުންޏެެވެ.
މި މަހު 19 އިން 26 އަށް އޮންނަ ސެންޓްރަލް ޒޯން މުބާރާތަށް ދިއުމުގެ ކުރިން އަންނަ ހުކުރު ދުވަހު ގައުމީ ޓީމު ފުރާނީ ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ތައިލެންޑަށެވެ.
ސެންޓްރަލް ޒޯނުގައި ވާދަކުރާނީ މެދުތެރެ އޭޝިއާ އާއި ދެކުނު އޭޝިއާ ސަރަހައްދުގެ ޓީމުތަކެވެ.