ކޮސްޓާ ޗެލްސީގައި މަޑުކުރާނެ: ކޮންޓޭ
ކޮސްޓާ ޗެލްސީގައި މަޑުކުރާނެ: ކޮންޓޭ

ލަންޑަން (ޖުލައި 20) - ޗެލްސީގެ ސްޕެއިން ފޯވާޑް ޑިއޭގޯ ކޮސްޓާ އަންނަ ސީޒަނުގައި ވެސް އެ ކްލަބުގައި ދެމި ހުންނާނެ ކަމަށާއި އޭނާ އަކީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށް ޗެލްސީގެ އާ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ފޯވާޑް، ގެންދަން އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑުން އަންނަނީ މަސައްކަތްކުރަމުންނެވެ.

"ކޮސްޓާ މަޑުކުރާނެ އަހަރެމެންނާ އެކު. އޭނާ އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން. ޓީމުގެ ކުޅުންތެރިންނާއި އަދި އަހަންނާ އެކު މަސައްކަތްކުރަން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައި،" ކޮންޓޭ ބުންޏެވެ. "އޭނާ އަކީ އަހަރެންގެ ޕްލޭނަށް މުހިއްމު ކުޅުންތެރިއެއް."

ކޮންޓޭގެ ކޯޗުކަމުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާގެ ރެޕިޑް ވިއޭނާ އަތުން 2-0 އިން ބަލިވިއިރު ކޮސްޓާ ވަނީ އެ މެޗުގައި ކުޅެފަ އެވެ.

ޗެލްސީގެ ކޯޗުކަމާ އކޮންޓޭ ހަވާލުވުމަށް ފަހު ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ ގެނެސްފައިވާއިރު، އިތުރު ފޯވާޑަކަށް އެޓީމުން އަންނަނީ ފާރަލަމުންނެވެ.