ޖޯން އަބްރަހަމް އާއި ކްރިއާޖް އެންޓަޓައިންމަންޓް "ޕްރަމަނޫ" ގެ މައްސަލާގައި ހަނގުރާމަ ކުރަނީ
ޖޯން އަބްރަހަމް އާއި ކްރިއާޖް އެންޓަޓައިންމަންޓް "ޕްރަމަނޫ" ގެ މައްސަލާގައި ހަނގުރާމަ ކުރަނީ

ހަނގުރާމައެއްގެ ވާހަކަ ކިޔައިދޭ ޖޯން އަބްރަހަމްގެ ފިލްމް "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" ރިލީޒް ކުރަން މިހާރު އެތަކެއް ތާރީހެއް އިއުލާންކޮށްފައި ވަނިކޮށް، އެ ފިލްމް އުފެއްދި ޖޯން އަބްރަހަމްގެ ޖޭއޭ އެންޓަޓައިންމަންޓްސް އާއި ކްރިއާޖް އެންޓަޓައިމަންޓާ ދެމެދު ހަނގުރާމައެއް ފެށިއްޖެ އެވެ.

ޖޯން އަބްރަހަމް އާއި ކްރިއާޖް އެންޓަޓައިންމަންޓް "ޕްރަމަނޫ" ގެ މައްސަލާގައި ހަނގުރާމަ ކުރަނީ
ޖޯން އަބްރަހަމް އާއި ކްރިއާޖް އެންޓަޓައިންމަންޓް "ޕްރަމަނޫ" ގެ މައްސަލާގައި ހަނގުރާމަ ކުރަނީ

ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ގައި ރިލީޒް ކުރަން ނިންމި ފިލްމް ރިލީޒް ކުރަން އެންމެ ފަހުން ނިންމި ތާރީހަކީ މި މަހުގެ 6 ވަނަ ދުވަހެވެ. ނަމަވެސް ޖޯން މިހާރު ވަނީ "ޕަރްމަނޫ" ރިލީޒް ކުރާނީ އަންނަ މަހުގެ 11 ގައި ކަމަށް ބުނެފަ އެވެ.

މި ފިލްމްގެ މައްސަލާގައި ޖޯން އާއި ކްރިއާޖާ ދެމެދު މައްސަލަ ހޫނުވީ، ކްރިއާޖާ އެކު ހަދާފައިވާ އެއްބަސްވުމާ ޖޭއޭ އިން ހިލާފުވެފައިވާ ކަމަށް ބުނުމެވެ. އެ ސްޓޫޑިއޯ އިން ބުނީ ފިލްމް ޕްރޮމޯޓްކޮށް، ފިލްމް ރިލީޒްކޮށް ދިނުމުގެ ޒިންމާތަކާ ހަވާލުވެފައި ވަނީ ކްރިއާޖުން ކަމަށް ވިޔަސް، އެތަނަށް ނޭނގި ޖޭއޭ އާއި ޖޯން އަމިއްލަ އަށް ނިންމުންތައް ނިންމަމުންދާ ކަމަށެވެ.

އެހެންވެ އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ފިލްމްގެ މައްސަލާގައި ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ވެސް ކުރާނެ ކަމަށް ކްރިއާޖުން ބުންޏެވެ. އެ ސްޓޫޑިއޯގެ ޕްރޮޑިއުސަރު ޕްރޭނާ އަރޯރާ ބުނި ގޮތުގައި "ޕަރްމަނޫ" ގެ ކަންކަން ޖޯން އަށް އެކަންޏަކު ނުނިންމޭނެ އެވެ. އަދި އެއީ ކްރިއާޖްގެ ވެސް ހިއްސާއަކަށްވާތީ ހައްގުގެ ދިފާއުގައި މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

ޖޯން އާއި ޑަޔާނާ ޕެންޓީ ލީޑް ރޯލް ކުޅެފައިވާ ފިލްމް އަންނަ މަހުގެ 11 ގައި ރިލީޒް ކުރަން ޖޭއޭ އިން ނިންމީ ވެސް، މައްސަލަ ހޫނުވެފައި ވަނިކޮށެވެ. ޖޯން މިހާރު ބުނަނީ "ޕަރްމަނޫ" ދެން ރިލީޒް ކުރާނީ ކްރިއާޖްގެ އެއްވެސް ހިއްސާއެއް ނެތި ކަމަށެވެ. އޭނާ ތުހުމަތު ކުރި ގޮތުގައި އެގްރިމަންޓާ ހިލާފުވި ކަމަށް ކްރިއާޖުން ބުނާ އިރު، އެ މީހުން ވެސް އެއްބަސްވި ގޮތަކަށް އަމަލެއް ނުކުރެ އެވެ.

ޖޯން ތުހުމަތު ކުރި ގޮތުގައި ކްރިއާޖްގެ ހަމައެކަނި ވިސްނުމަކީ ފައިސާ އެވެ. އަދި އެ ތަނުގައި ތިބީ ފައިސާއާ ހެދި އުޅޭ ބައެއް ކަމަށް ބުނެ ވަނީ ޕްރޭނާ އަށް ބަހުގެ ހަމަލާތަކެއް ވެސް ފޮނުވައިފަ އެވެ.

އެއަށް ރައްދު ދެމުން ޕްރޭނީ ބުނީ ޕްރޮޑިއުސަރެއްގެ ޒިންމާ އެ މީހުންނަށް އެނގޭ ކަމަށާއި ޖޯންގެ ބަހުރުވަ ވެސް މިހާރު ވަރަށް ހަޑި ކަމަށެވެ.

"ކުރިން އޭނަ ދެއްކި ސިފަ އާއި މިހާރު އެ ދައްކާ ސިފަ ވަރަށް ތަފާތު. ޖޯންއަކީ އެހާ ރޫޑް މީހެއްކަން ކުރިއަކުން ނޭނގޭ،" ޕްރޭނާ ބުންޏެވެ. "ޖޯން ކޮންމެ ކަހަލަ ގޮތަކަށް ވާހަކަ ދެއްކިޔަސް މި ފިލްމްގެ މައްސަލާގައި ކްރިއާޖުން ކުރަން ޖެހޭ ކަމެއް ވިއްޔާ ކުރާނެ."

އެކަމަކު މިހާރު މިދާ ގޮތުން "ޕަރްމަނޫ" އަންނަ މަހުގެ 11 ގައި ވެސް ރިލީޒް ކުރެވިދާނެތޯ ޓްރޭޑް އެނަލިސްޓުން ދަނީ ސުވާލު އުފައްދަމުންނެވެ.

ފަންސާސް ކްރޯޑް ރުޕީސް ނުވަތަ 7.7 މިލިއަން ޑޮލަރުގެ ބަޖެޓަކުން އަބިޝެކް ޝަރްމާ ޑައިރެކްޓްކޮށްފައިވާ "ޕަރްމަނޫ" އަކީ 1998 ގައި އިންޑިއާގެ އަސްކަރިއްޔާ އިން ޓެސްޓް ކުރި ނިއުކްލިއާ ބޮމެއް ގޮވި ހާދިސާ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ދާދި ފަހުން ކްރިއާޖާއި ޑައިރެކްޓަރު އަބިޝެކް ކަޕޫރާ ދޭތެރޭ ވެސް އެގްރިމަންޓްގެ މައްސަލަ ޖެހި، ފިލްމް "ކެދަރްނާތު" ގެ މަސައްކަތް މިހާރު އޮތީ ހުއްޓިފަ އެވެ. އެއީ ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާނާއި ސުޝާންތު ސިންގް ރާޖްޕޫތު ލީޑް ރޯލް ކުޅޭ ފިލްމެކެވެ.