ކޭން ސޭޓަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި
ކޭން ސޭޓަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި

މަޝްހޫރު ކޭން ސޭޓު (އަބްދުﷲ ޖަލީލް) އަށް ބަޔަކު ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ކޭން ސޭޓަށް ބަޔަކު ހަމަލާދީ ފައިސާތަކެއް ފޭރުނު މައްސަލައެއް ހުށަހެޅުމުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ. އިތުރު އެއްވެސް ތަފުސީލެއް މިވަގުތު ދެވެން ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

ކޭން ސޭޓަށް ހަމަލާދީފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ ގެ އަށް ވަންނަނިކޮށް މޫނަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު ކަމަށް ވެ އެވެ. އެ ހަމަލާ ދިން ވަގުތު ކޭން ސޭޓު އަތުގައި ނުވަ ލައްކަ އާއި 1.1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ފއަިސާ ހުރި ކަމަށް ވެ އެވެ. އޭގެ ތެރޭގައި 26،000 ޑޮލަރު ހިމެނޭ ކަމަށް ވެސް ބައެއް މީޑިއާތަކަށް އޭނާ ބުނެފައި ވެ އެވެ.

މި މައްސަލައާ ބެހޭ ގޮތުން ކޭން ސޭޓުގެ ބަހެއް ހޯދަން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދީފައެއް ނުވެ އެވެ.