04 އެޕްރީލް 2018 - 06:13

މާލޭ މީހެކޭ ބުނެފި ނަމަ ބައެއް މީހުންނަށް ހީވެފައި އޮންނާނީ އެއީ ބޮޑު މުއްސަންޖެކޭ އެވެ. މާލޭގައި ބޮޑުގެއެއް ހުންނަ ކަމަށެވެ. މުދަލާއި ވިޔަފާރިތައް ހުންނާނެ ކަމަށެވެ. އަހަރެންގެ ހާލަތު ބަޔާން ކޮށްދެންޏާ ކިޔައިދޭން އޮތީ އޭގެ މުޅިން އިދިކޮޅެވެ. ބައްޕައަކީ މާލެ މީހެކެވެ. އެކަމަކު އެއީ ހަމައެކަނި އަހަރެންގެ ބައްޕައެއް ނޫނެވެ.
އަހަރެންގެ މަންމައާ އިނުމުގެ ކުރިން ބައްޕަ ކައިވެންޏެއް ކުރި އެވެ. މަންމަ ވަރިކުރި ފަހުން މިހާރު އިތުރަށް ދެ ކައިވެނިކޮށްފި އެވެ. މިހާރު އިނދެގެން އުޅެނީ އަހަންނަށް ވުރެ ދެ އަހަރު ދޮށީ ކުއްޖަކާ އެވެ.
ކޮންމެ ބަނޑަކަށް ދަރިން ތިބެ އެވެ. އެކަމަކު އާއިލާއަކީ އަހަރެން އެންމެ ބޮޑަށް އުނިކަން އިހްސާސްކުރާ އެކައްޗެވެ. އެއްބަފާ ކުދިން ތިއްބަސް އާއިލީ ގުޅުމެއް ނެތެވެ. ލީނާ ފިޔަވަ އެވެ.
ލީނާއަކީ ބައްޕަގެ ފުރަތަމަ ކައިވެނިން ލިބުނު ދެ ކުދީންގެ ތެރެއިން އެކަކެވެ. ލީނާ އަހަންނަށްވުރެ ދޮށީ ދެތިން އަހަރެވެ. ދައްތައަކަށް ވުރެ ބޮޑަށް ލީނާއަކީ އަހަރެންގެ އެކުވެރިއެކެވެ.
ގެ ބަހާފައި އަހަންނަށް ލިބުނު ދެ ކޮޓަރީގެ އެޕާޓްމެންޓަކީ އަހަރެންގެ މުޅި ދުނިޔެ އެވެ. އަމިއްލަ އޮފީހެއްގައި ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިން ގޭގެ ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ކެއުމާއި އެހެނިހެން ޚަރަދުތައް ކޮށްފައި ރައްކާކުރާނެ އެއްޗެއް ނޯވެ އެވެ. އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަރެން ފިކުރު ބޮޑު ވަނީ މީހަކާ ނީނދެ ހުހަށް ހުންނަން ޖެހޭތީ އެވެ.
ތޭވީސް އަހަރު ވީއިރު ލީނާ އަށް ފުރަތަމަ ދަރިފުޅު ލިބިއްޖެ އެވެ. އެކަމަކު 28 އަހަރުގައި އަހަރެން އަދިވެސް މި ހުރީ ހުސްހަށިބަޔަށެވެ. ރައްޓެހިވާނެ މީހުން ނުވަނީއެއް ނޫނެވެ. އިންނާނެ މީހަކު ނުވަނީ އެވެ. އިންނަ ވާހަކަ ބުނާއިރަށް ބިރުން ރުޅިވެދާނެ އެވެ. މިހާރު މިއުޅޭ ފިރިހެނުން ބޭނުންވަނީ ހަޔާތުގެ ބައިވެރިއެއް ނޫނެވެ. ޓައިމް ޕާސްކޮށްލަން ލޯބިވެރިއެކެވެ.
މާތް ފާޑު ޖަހާ މީހަކާ ރައްޓެހިވެގެން ކައިވެނީގެ ތާރީހު ކަނޑައެޅިތަނާ އޭނަގެ އަނބިމީހާ ދަރިންނާ އެކު ފެނުނީ އަހަރެންގެ އެޕާޓްމެންޓް ދޮރުމަތީންނެވެ. ކައިވެންޏަކާ އެންމެ ކައިރިއަށް ދެވުނު ފަހަރަކީ އެއީ އެވެ.
އަމިއްލަ ބަދުނަސީބާ މެދު ހިޔާލުކުރަން ހުރެގެން ރީތިވެ ނިމިއްޖެ އެވެ. ފަހު ފަހަރަށް ލޯގަނޑަށް ބަލާލައިފައި އެނބުރުނުއިރު ކޮޓަރިތެރެ ހީވަނީ ގޮނޑެއްހެންނެވެ. ލާނެ ވަކި ހެދުމެއް ނުހޮވިގެން އަލަމާރި އެކީ އޮތީ ނަގައި އެނދުމައްޗަށް އަޅައިލެވިފަ އެވެ. ދާދި ކައިރީގައި ހުރި ގޮނޑިއެއް ފުރެންދެން ދާ އެއްޗެހި ހުއްޓެވެ. އެއްޗެހި ނުދޮވެވޭތާ ހަފްތާއެއް ވީ އެވެ. އަރަން ގެންގުޅޭ ފައިވާންތަކާއި ބޫޓުތަކުން ހަރު ފުރިގެން ހަރު ކައިރީގައި ވެސް އެ އެއްޗިއްސެވެ. ވަށައިގެން ލޯ ހިންގާލެވުމުން އަނބުރައިގަންނަން އުޅުނުހެން ހީވި އެވެ.
"ސާފު ކުރާނީ ފަހުން. މި ގަޑީގަ އޮތީ ގަޑިނުޖެހި ދިއުން..." ގަޑިއަށް ނަޒަރެއް ދީފައި އަހަރެން ޖެހިލީ ފައިވާން ހަރުކައިރިއަށެވެ. ކުރިއްސުރެ ނަގައިފައި ހުރި ބޫޓަށް އަރައިގެން ދަބަސް ކޮނޑުގައި އަޅުވަމުން ނިކުމެއްޖައީމެވެ.
ސަބާ ގުޅަން ފެށީ ދޮރު ތަޅުލަން ހުއްޓަ އެވެ. ތަޅުދަނޑި ދަބަހަށް ލައިފައި ނަގައި ފޯނަށް ޖަވާބު ދިނީމެވެ. ސަބާ ހުރީ ތިރީގަ އެވެ. ތާޒާކަން ގެއްލިދާނެތީ ސިޑިން ނާރަންވެގެން މަޑުކުރީ އެވެ.
އަހަރެން ފޭބިތަނާ ސަބާ އައިސް އަހަންނާ އަރާ ހަމަކުރި އެވެ. މަގުގެ އެއްފަރާތުގައި ޕާކްކޮށްފައި ހުރި ސައިކަލު ނަގައިގެން އަހަރުމެން ދަތުރަށް ފެށީމެވެ. ސަބާ އިނީ ފަހަތުގަ އެވެ.
ސަބާ އާއި އަހަރެން ފުރަތަމަ ބައްދަލުވީ ގްރޭޑް އަށެއްގައި އުޅުނު އަހަރެވެ. ސަބާގެ އާއިލާ އައިސް އުޅެން ފެށީ އަހަރުމެން ގޭ ކުރިމަތީގައި ހުރި ގޭގެ ބައެއްގަ އެވެ. އޭގެ ފަހުން އަހަރުމެން ދެ މީހުންނަކީ ގާތް އެކުވެރީންނެވެ. އަހަންނާ އެކު އެ ގެއަށް ގޮސް، ލީނާ ވެސް އަހަރެން ދެކެ ވާ ލޯބި ސަބާ ދެކެ ވެސް ވެއެވެ. އަހަރުމެން ތިން މީހުންނަކީ ކުޑަ އާއިލާއެކެވެ.
އަހަރެންގެ ފަހަތުގައި ސަބާ ނެތް ނަމަ، އެކުވެރިންނާއި އާއިލާ މީހުން މީހަކާ ނީނދެގެން ދައްކާ ވާހަކައިން އަހަރެން ބޯ ގޮވީހެވެ. އަހަރެން ފަދައިން ސަބާ ވެސް ހުރީ ހުސްހަށިބަޔަށެވެ. އެއީ އަނެއްކާ ވެސް އަހަރެން ފަދައިން ކައިވެނި ކުރާ ހިތުން ކެތްމަދުވެފައި ހުރި އަންހެނެކެވެ. އެކަމަކު މިވީހާތަނަށް އަދި ނަސީބު އަތަކު ނުހިފަ އެވެ.
ސަބާ އެކަމަށް ބޭނުން ވެފައިވާވަރު އަންގައިދިން ހެއްކަކަށް އޭނަ އެންމެފަހުން ގުޅިގެން އުޅުނު ޒުވާނާ ހިމެނެ އެވެ. މަސްތުވާތަކެތި ބޭނުންކުރާކަން އަހަރުމެންނަށް އެނގުމުން ވަރަށް ނަސޭހަތް ދިނީމެވެ. ސަބާ އުޅުނީ އޭނަ އިސްލާހުކޮށްގެން ކުރިއަށްދާށޭ ކިޔައިފަ އެވެ. އޭނަގެ ލޯބީގެ ދަލުގައި ސަބާ ހުރީ ރަނގަޅަށް ހައްޔަރުވެފަ އެވެ. ފިރިއަކު އަންބަކަށް ޚަރަދު ކުރާހެން ސަބާ އޭނަ އަށް ޚަރަދު ކުރި އެވެ. އެވަރުން ނުވެގެން ސަބާގެ ގެއިން ވައްކަން ކުރި އެވެ. އެކައުންޓްގައި ހުރިއްޔާ ހުރި ފައިސާއެއް ކަހާލި އެވެ.
ސަބާ ރުޅިވީ ދޮގު ހަދައިގެން އުޅެނިކޮށް މަސްތުވާތަކެތި ބޭނުންކުރާކަން އެނގުނީމަ އެވެ. އޭނަ ޖަލުން ނިކުންނަހާ އަވަހަކަށް ސަބާ އަނެއްކާ ވެސް އޭނަގެ ދަލުގައި ނުޖެހޭނެއެކޭ އަހަރެން ނުބުނާނަމެވެ. އަންހެން ކުދިންގެ ހިތް އަތުލަން އެ ޒުވާނާ އެއީ ހަމަ މަރެކެވެ.
ލީނާމެން ދެމަފިރިން އުޅޭ ބައިގެ ދޮރުމައްޗަށް ހުއްޓި ބެލް ޖަހައިލީމެވެ. ސިކުންތުކޮޅެއް ފާއިތުވީފަހުން އެތެރެއިން ހިނގާ އަޑު އިވުނެވެ. ސަބާ ހުރީ ފޯނަށް މެސެޖެއް އައިސްގެން ޖަވާބު ލިޔާށެވެ.
ދޮރު ހުޅުވީ ލީނާގެ ފިރިމީހާ އެވެ. ޒައިދުބެ އެވެ.
"ނަސީބެއް ސާޖީމެން ތަންކޮޅެއް ކުރިން އައިކަން. ލީނާ އެބައުޅޭ ލަޔާލް ތައްޔާރު ނުކުރެވިގެން،" ޒައިދުބެ ފަހަތަށް ޖެހިލާފައި އަހަރުމެން ވަންނަން ތަން ދެއްކި އެވެ.
އަހަރުމެން ވަންއިރު ސިޓިންރޫމް ހުރީ ހަފްލާ އަށް ތައްޔާރުކޮށްފަ އެވެ. ފާރުގެ އެއްކޮޅުން އަނެއްކޮޅަށް ހުރި ދިގު މޭޒުމަތީގައި ކެއުންތައް އަތުރާފައި ހުއްޓެވެ. ފާރުގައި ނިކަން ފަރި ގޮތަކަށް "ލީނާސް ބޭބީ ޝަވާ" މި އަކުރުތައް ލިޔެ ހަރުކޮށްފަ އެވެ. ކުޅުދިޔާވާ ކަހަލަ ޗޮކްލެޓް ކޭކަކާއި އެކި ފާޑުގެ މަލާއި ފުއްޕާ ހަންތަކުން ހަފްލާ އަށް އެންމެ އެކަށޭނަ މާހައުލެއް އޮތީ ގާއިމު ކުރެވިފަ އެވެ. ކުރިން އެތާ ހުންނަ ސޯފާތައް ވެއްދީ ކޮންތާކަށް ބާއޭ ހިތަށް އެރި އެވެ.
ނިދާ ކޮޓަރިއަށް ވަންއިރު ލީނާގެ އަށް މަހުގެ ބޮޑު ބަނޑާ އެކު ލަޔާލް ފަހަތުން ދެކޮޅަށް ދުވެ އެވެ. އަށް އަހަރުގެ ލަޔާލްއަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ.
"ލަޔާލް ތިހެން އުޅޭތީ މަބުނަނީ އޭނަ މައްސަލައެއް ހުރެއޭ. އެހެން ނޫންނަމަ ތި އުމުރުގެ ކުދިން ތިހާ ބޭބީކޮށް އުޅޭނެތަ؟" ސަބާ އެތެރެއަށް ވަން ގޮތަށް ދުލަށް އައި ފުރަތަމަ ބަސް ބޭރުކޮށްލި އެވެ.
ލީނާ އާއި ލަޔާލް އަށް އަހަރުމެން ފެނުމުން ހުއްޓުނެވެ. އަހަރެން ސަބާއާ ދިމާއަށް ލޯ އަޅައިލުމަށް ފަހު ހިނިތުންވުމާ އެކު ގޮސް ލަޔާލްގެ ކައިރިއަށް ގޮސް ހުއްޓުނީމެވެ. އަހަންނާ އެކު ރީތިވާން ހުށައެޅުމުން ލަޔާލް ބަހަކުން ބަހެއްނެތި އައެވެ. ލީނާ ފުން ނޭވައެއް ދޫކޮށްލައިފައި އަހަރެން އަތަށް ފުނާ ދިނެވެ.
ވަރުބަލިކަން ފިލުވާލުމަށްޓަކައި ލީނާ އިށީންދެލީ އެނދުގަ އެވެ. ސަބާ ފޯނާ ކުޅެމުން ގޮސް އަހަރެން ކުރާ ކަމެއް ބަލަން ކައިރިވި އެވެ. އޭނަ އަށް އިނގޭނީ ގޮތް ކިޔާށެވެ. ކަމެއް ކުރާކަށް ނޭނގޭނެ އެވެ. އަހަރެން ހަމަ ފުނާއަޅައި ނިމެން އުޅެނިކޮށް މާ މޮޅުގޮތެއް ކިޔައިދީފި އެވެ.
"ގަޑިޖެހެން ވާއިރަށް ދެން ނުވާނެ،" އަހަރެން ދެކޮޅު ހެދީމެވެ.
ސަބާ ކޮނޑު އަރުވާލައިފައި ލީނާ ފަހަތުން ކޮޓަރިން ނިކުތެވެ.
އަހަރެން މަޑުކުރީ ލަޔާލް މޭކަޕްކޮށްދިނުމަށެވެ.
ހަފްލާ އަށް ގިނައިން އައީ ޒައިދުބެ އާއި ލީނާއާ އެކު އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. ސަބާ އެންމެ މިނިޓެއް ވެސް ބޭކާރެއް ނުކުރެ އެވެ. އަހަރެން ލަޔާލްގެ ބޯކޮޅު ބަލަމުން ދިޔައިރު ޒުވާނަކާ ވާހަކަ ދައްކަން ދުރުގައި ހުއްޓެވެ. ސަބާ އިރުއިރުކޮޅާ ކޮންމެވެސް އެއްޗެކޭ ކިޔާފައި ހީނގަނެ އެވެ. ދޭތެރެއަކުން އަތުގައި އަތްލަ އެވެ. ނޫނީ ކޮނޑުގައި މަޑުމަޑުން ޖަހާލަ އެވެ. އަހަރެންނަށް ދެ ފަރާތަށް ބޯ ހޫރައިލެވުނެވެ.
އަހަރެން އަނެއްކާ ވެސް އެނބުރުނީ ލަޔާލްއާ ދިމާއަށެވެ. ލަޔާލް އެންމެފަހުން ގޮސް އިން ސޯފާ ބަލާލިއިރު ނެތެވެ.
ލަޔާލް ހޯދަމުން ދަނިކޮށް ލީނާއާ ދިމާވި އެވެ.
"ލަޔާލްތަ ތި ހޯދަނީ؟" ލީނާ އެހި އެވެ.
އަހަރެން ބޯޖަހާލީމެވެ.
"އޭނަ ޓެބްލެޓް ހިފައިގެން ކޮޓަރި އަށް ވަދެ އެބައިން. އެހެން މަޑުން އިނިއްޔާ އަޅައިނުލާ ބައިންދާ. މިހާރު މިތާ ނިކުމެ އުޅެވިއްޖެއެއްނު،" ލީނާ އެނބުރި ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލައިފައި ކުރިމަތިލަމުން ލަފާދިނެވެ.
އެކަނިވުމުން މޭޒުމަތިން ތައްޓަކަށް ކާއެއްޗެހި އަޅައިގެން ހުސްގޮނޑިއެއްގައި އިށީންދެލީމެވެ. އަހަރެންގެ ލޯ ހުރީ ހޯލްތެރޭގައި ތިބި މީހުންނަށެވެ. ގިނައީ ޖޯޑުޖޯޑަށް އައިސް ތިބި މީހުންނެވެ. ބައެއް މީހުން އުޅެނީ އެ މީހުންގެ ކުދި ދަރިން ވެސް ގޮވައިގެން އައިހެވެ. އެ މޫނުތަކުގައި ވީ ހިނިތުންވުމެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ބައެއް މީހުން އެތައް މަސައްކަތަކުން ހާސިލް ވުމުގެ ކުޑަ ވެސް އުންމީދެއް ނެތް ކަމެއް އެ މީހުންނަށް އެވަނީ ހާސިލްވެފަ އެވެ.
ލީނާގެ އޮފީހުގައި އުޅޭ ދެމަފިރިއެއްގެ ވާހަކަ އޭނަ ކިޔައިދިނެވެ. އެ ދެ މީހުން އަލަށް ދިމާވީ އޮފީހުންނެވެ. އެކަމަކު ފުރަތަމަ އެކުވެރިއެއް ނުވެ އެވެ. ގުޅުން ބަދަހިވީ ވިއްސާރަ ރެއެއްގައި އެއް ކުޑައިގައި ދިޔަ ފަހުންނެވެ. އެރޭ އެ އަންހެންކުއްޖާ ވާރޭގައި ޖެހި ގެއަށް ނުދެވިފައި ނެތްނަމަ އެ ދެ މީހުންގެ ގުޅުން އުފެދުނީސް ބާ އެވެ؟ ނޫނީ އެ ފިރިހެންކުއްޖާގެ ބަދަލުގައި އެހެން ފިރިހެނަކާ ދިމާވި ނަމަ އެ ދެ މީހުންގެ ވާހަކަ އަށް ވާނެ ގޮތަކީ ކޮބައި ހެއްޔެވެ؟
އަހަރެން މިއޮތްހާ ދުވަހު އޮފީހުގައި އުޅުނުއިރު އެފަދަ ނަސީބެއް ލައްވައެއްނުލަ އެވެ. ފަހަރެއްގައި އަހަންނަށްޓަކައި ހުރި މީހާ އަދި އަހަރެންގެ ކުރިމައްޗަށް ނާންނަނީ ކަންނޭނގެ އެވެ. ކޮންމެ ކަމަކަށް ވެސް ވަގުތެއް ވާނެއޭ މީހުން ބުނެ އެވެ. އެ ބުނާ ވަގުތެއް އަދި ނާންނަނީ ކަމަށް ވެދާނެ އެވެ. މިއަދު މިހެން އިނދެފައި މީގެ މަހެއްހާ ދުވަސް ފަހުން އަހަރެން ހުންނާނީ އަހަރެންގެ ފިރިމީހާގެ އަތުގައި ހިފައިގެން ނޫން ކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟
"ކޮންކަމަކާ ތިހެނީ؟" ސަބާގެ އަޑުން އަހަރެންގެ ހިޔާލުތައް ހުއްޓުނެވެ.
ހިނިއައިސްފައި އިނދެވުނުކަން އަހަރެންނަށް ރޭކައިލީ ވެސް ދެނެވެ. މޫނަށް ވެރިވި ލަދުވެތިކަން ފޮރުވަން އަހަރެން ކާން ފެށީމެވެ. ސަބާ އައިސް އަހަރެންގެ ކައިރީގައި އިށީންދެފައި ފުން ނޭވައެއް ލި އެވެ.
"އޭނަ ސެޓު ވީތަ؟" އަހަރެން އުޅަބޮށިން އޭނަގެ އަތުގައި ކޮށްޓާލައިފައި އެހީމެވެ.
"ސިކުނޑީގަ ވެޑިން ޑްރެސް ވެސް އިންނާނެ ގޮތް ޑިސައިޑްކޮށް ނިމުނުތަނާ ގާލް ފްރެންޑް އައިސް އަތުގައި ހިފީ،" ސަބާ ފޫހި އަޑަކުން ޖަވާބުދިނެވެ.
އެ އަޑު އަހާފައި އަހަރެން އަނގަ އަށް އެޅި ފެންފޮދު ކުއްލިއަކަށް ދިރުވައިލެވިއްޖެ އެވެ. ހީގަތްތަނާ ކޮށިއެރި އެވެ. ހީވީ ކަރުތެރެ ފިހޭ ހެންނެވެ. ލޮލުން ހޯސްލާފައި ފެންތައް ފައިބައިގަތެވެ. އެންމެންގެ ސަމާލުކަން އަހަރެނަށް ހުއްޓުމުން ލަދުން މަރުނުވީ ކިރިޔާ އެވެ. އުނގުގައި ހުރި ތަށި ސަބާ އަތަށް ދީފައި ޓިޝޫއަކުން އަނގަ ނިވާކޮށްގެން ތެދުވެއްޖައީމެވެ. އެންމެންގެ ލޯތަކުން ނެއްޓިގެން ގޮސް ލަޔާލް ކޮޓަރި އަށް ވަންތަނާ ފާޚާނާގެ ދޮރު ހުޅުވިއްޖެ އެވެ.
އަހަރެންގެ ފިޔަވަޅުތައް ހުރި ހިސާބުން ހުއްޓުނެވެ. ކެއްސުންވަރު ވެސް ދިޔައީ ކޮންތާކަށް ކަމެއް ނޭނގުނެވެ.
ފާޚާނާ އިން ނިކުމެ އަހަރެންގެ ކުރިމަތީގައި ހުއްޓުނީ އިސްކޮޅުން ދިގު ޒުވާނެކެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ ދިގުކޮށްފައި ފަހަތަށް ހުޅި ޖަހައިފަ އެވެ. އަހަރެން ފެނިގެން އެ ވަރުގަދަ ދެބުމަ ކައިރިކޮށްލެވުނުތަން ފެނުނެވެ. ކަޅުކުލަ ގަދަ ލޮލުގައިވި ހައިރާންކަން އެހެން ކުލައެއް އިޚުތިޔާރު ކުރިތަން ފެނުނެވެ. އޭނަ ކުރިމަތީން ދުވެ ފިލަން އަހަރެން ބޭނުންވީ އެ ވަގުތެވެ.
"ސާޖީ..." އަހަރެން އަވަސް އަވަހަށް ފުރަގަސްދިނުމާ އެކު ފަހަތުން އަޑު އައެވެ.
"ސާޖީ... ސާޖިޔާތަ ތީ؟" ޒުވާނާ ޔަގީން ނުވެގެން އުޅޭ ކަހަލަ ގޮތަކަށް އަހައިލި އެވެ.
އަހަރެންގެ މަގުސަދަކަށް ވީ އެތަނުން ނިކުތުމެވެ. އެހެންވެ އެންމެ ތަންފުކެއް ވެސް ހިނގުން މަޑެއް ނުކުރަމެވެ. ދެ ފަޔަށް ލެވުނުހާ ބާރެއްލައިފައި ގޮސް ތަޅުގައި ހިފައި އަނބުރާލީމެވެ. އެކަމަކު ދޮރު ހުޅުވޭވަރެއް ނުވި އެވެ. ފަހަތުގައި ހުރި ޒުވާނާ ދިގު ފިޔަވަޅުތަކެއްގައި އައިސް ހުއްޓުނީ އަހަރެންގެ ފުރަގަހުގަ އެވެ. އޭނަ އަތް އުފުލާލައިފައި ދޮރުފަތުގައި ވިއްދާލުމުން އިތުރަށް ގުޑައެއްނުލި އެވެ.
"އެހާ އަވަހަކަށް ނޫން ސްވީޓް ހާޓް. ވީ ގޮޓް އަ ލޮޓް ޓު ކެޗް އަޕް،" އަޔާން އަހަންނާ ކުރިމަތިލަމުން ބުނެލި އެވެ.
އެ ތުންފަތުގައިވި ހިނިތުންވުން ފޭރިގަންނަން އަހަރެން ބޭނުންވި އެވެ. އިރެއްގައި އެއީ އަހަރެން ފިދާވި ރީތި ހިނިތުންވުމެކެވެ.
"އަހަރެމެން ދައްކަން ޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ،" އަހަރެން ލޯ އަޅައިލީމެވެ.
ބޭކާރު ކަމެއްކަން އެނގި ހުރެ ވެސް ތަޅަށް ދަމާލީމެވެ. އަޔާން ފެށީ ހޭށެވެ. އެ ބަރު ހުނުން ކަންފަތުގައި ޖެހިފައި ގައިން ހީބިހި ނެގި އެވެ. އަހަރެން މޮޔަވީކަން ޔަގީނެވެ. އެ ހުނުމުން އަހަރެން އަންނަން ޖެހޭނީ ރުޅި އެވެ. މިގޮތަށް އަސަރުކޮށްގެން ނުވާނެ އެވެ.
ފޯނު ރިންގްވާން ފެށުމުން ބެލިއިރު ލީނާ އެވެ. އެހީއަކަށް އެދޭ މީހަކު ފަދައިން އަހަންނަށް ބަލައިލެވުނީ އަނެއްކާ ވެސް އަޔާންއަށެވެ. ހިތާ ދެކޮޅަށް މި ޖެހުނީ އާދޭސް ކުރާށެވެ. އެއީ އެކަމަކު އަހަރެން ކުރަން އެދޭ އެންމެ ފަހު ކަންތަކެވެ.
"އަޔާން ޕްލީޒް އަހަރެން ދާން ވެއްޖެ. ލީނާ އެ ގުޅަނީ ބޮޑުކަމެއް ވެގެން ކަންނޭނގެ،" އަހަރެން އަޔާން އަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ.
އެކަމަކު އޭނަ ކުރިކަމަކުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.
"ހެލޯ ފަހަރީ. ކީއްކުރަން ސާޖީ އަށް ތި ގުޅަނީ؟" އަޔާން އަހަރެންގެ ފޯނު ނަގާފައި ވާހަކަދައްކަން ފެށި އެވެ.
އަހަންނަށް އަތް އަޅައިލެވުނީ އަނގަމަތީގަ އެވެ. ދެވަނަ ސިކުންތުގައި ދަތްކުނޑިވިކާލެވުނެވެ. ތަޅުން ދޫކޮށްލައިފައި ފޯނު އަތުލަން ވެގެން ކޮރާލެވުނީ މޮޔަކަމުންނެވެ. އަޔާންގެ ދިގު އިސްކޮޅާ ބަލާފައި އަހަރެން މީ މާ ކުރު ކުއްޖެކެވެ. އަޔާން ހުއްޓައިނުލާ ވާހަކަދައްކާތަން ފެނުމުން ދެއަތުން އޭނަގެ އަތުގައި ތަޅައިގަތީމެވެ. އެވަރުން ވެސް ގުޑައެއް ނުލި އެވެ.
"ފަހަރިއަށްޓަކައި ނޫން ނަމަ މިދޮރު ހުޅުވާނީ އަހަރެން ދައްކަން ބޭނުން ހުރިހާ ވާހަކައެއް ނިމުނީމަ،" އަޔާން އަތް ތިރިކޮށްލަމުން ވާހަކަދެއްކި އެވެ.
އަހަންނަށް ތަކުރާރުކޮށް އެސްފިޔަ ޖަހައިލެވުނެވެ. އަޔާންއަކީ ޒައިދުގެ ތިމާގެ މީހަކަށް ވީ ކޮންއިރަކު ހެއްޔެވެ؟
ފޯނު ކަންފަތުން ނައްޓާލިތަން ފެނިގެން އޭގައި ހިފަން އަތްދިއްކޮށްލީމެވެ. އޭނަ ފުރަތަމަ ބަލައިލީ އަހަރެންގެ އަތަށެވެ. ދެން ފޯނަށެވެ. އެ ތުންފަތަށް ވެރިވި ހިނިތުންވުން ދެކެފައި އިތުރަށް ކިޔައިދޭކަށް ނުޖެހުނެވެ. އޭނަގެ މަގުސަދު ހުރީ ލޮލުން ފެންނާށެވެ.
"މަގޭ ފޯނު ގެނޭ،" އަހަރެން ފޯނުގައި ހިފަން އަތް އެއްލުމުން އަޔާން އަތް ހިއްލައިލީ މައްޗަށެވެ.
ގޮތް ހުސްވެގެން ނިތުގައި ހިފަހައްޓާލެވުނެވެ. އެ ވަގުތު އަނެއް ފަރާތުން ދޮރު ހުޅުވޭ އަޑު އިވުމުން އެ ދޮރަށް ސަމާލުކަން ދެވުނެވެ. ޒައިދުބެއާ ލީނާ ފެނުމުން އަހަރެން ހިތްހަމަޖެހުނެވެ.
"އިންޓްރޮޑިއުސް ނުކޮށްދެނީސް ދެ މީހުން ދިމާވީ ދޯ،" ޒައިދުބެގެ ތުންފަތުގައި ހިނިތުންވުމެއް ވި އެވެ.
ލީނާ އަހަރެންގެ މޫނުން އަޔާން އަށް ބަލަން ހުރީ ޝައުގުވެރިވެފަ އެވެ. އަހަންނާ ހަތަރުކަޅި ހަމަވުމުން ސުވާލު އުފައްދާ ގޮތަށް އެއްބުމަ އަރުވައިލި އެވެ. ލީނާގެ ސުވާލުތަކުގެ ޖަވާބު ދޭން އަހަރެން ހުރީ ތައްޔާރަށެވެ. އެކަމަކު ދެ މީހުން އެކަނިވީމަ އެވެ.
ނުނިމޭ