މެކްސިކޯ ބޯޑަރު ކައިރިއަށް އެމެރިކާ ސިފައިން ފޮނުވަނީ
މެކްސިކޯ ބޯޑަރު ކައިރިއަށް އެމެރިކާ ސިފައިން ފޮނުވަނީ

ވޮޝިންޓަން (އެޕްރީލް 4) - މެކްސިކޯ ބޯޑަރު ބެލެހެއްޓުމަށް ސިފައިން ފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އަސްކަރިއްޔާ ބޭނުންކޮށްގެން ކަންކަން ކުރަމުން ގެންދާނެ ކަމަށާއި އެއީ ބޮޑު ފިޔަވަޅަކަށް ވާނެ ކަމަށެވެ. ޓްރަމްޕުގެ ކުރިން އެމެރިކާގައި ވެރިކަން ކުރެއްވި ދެ ރައީސުން ވަނީ ބޯޑަރު ބެލެހެއްޓުމަށް ނޭޝަނަލް ގާޑުގެ ސިފައިން ފޮނުވައިފަ އެވެ.

ބޯލްޓިކް ގައުމުތަކުގެ ލީޑަރުންނާ އެކު ވައިޓް ހައުސްގައި އޮތް މެންދުރުގެ ފަރިއްކޮޅެއްގައި ޓްރަމްޕް ވިދާޅުވީ މެކްސިކޯ އިން އެމެރިކާ އަށް ވަންނަ މީހުން ހުއްޓުވައިގެން ނޫނީ ނޯތު އެމެރިކަން ފްރީ ޓްރޭޑް އެގްރީމެންޓް (ނަފްޓާ) ގެ ބޭނުމެއް ނެތް ކަމަށެވެ.

މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕުގެ ކެމްޕޭން ވައުދުގެ މުހިންމު ބައެކެވެ. ނަމަވެސް ފާރު ރޭނުމަށް ބޭނުންވާ ފައިސާގެ މައްސަލަ އަށް ވަނީ ގާނޫނު ހަދާ މަޖިލީހުގެ ތެރޭން މަޑުޖެހުމެއް އައިސްފަ އެވެ. ބޯޑަރުގައި ފާރު ރޭނުމަށް ޚަރަދުވާނެ ކަމަށް ވައިޓް ހައުސް އިން ލަފާކޮށްފައި ވަނީ 25 ބިލިއަން ޑޮލަރެވެ.

ޕެންޓަގަންގެ ބަޖެޓް ބޭނުންކޮށްގެން މެކްސިކޯ ބޯޑަރުގައި ފާރު ރޭނުމާ ގުޅޭ ގޮތުން ޓްރަމްޕް މިދިޔަ މަހު ވަނީ ދިފާއީ ވަޒީރު ޖޭމްސް މަޓިސްއާ މަޝްވަރާ ކުރައްވައިފަ އެވެ.