05 އެޕްރީލް 2018 - 08:28

މީގެ ފަސް އަހަރު ކުރިން ސްޓާ ޕްލަސް އިން ގެނެސް ދިން މަގުބޫލު ސިލްސިލާ "އޭކް ހަޒާރޯ މޭ މޭރީ ބެހެނާ" ގައި މާންވީގެ ރޯލް ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ޒުވާން ބަތަލާ ނިއާ ޝަރްމާ ބޮލީވުޑްގެ ފިލްމަކަށް ވެސް ސޮއިކޮށްފި އެވެ.
"ރާޒް" އާއި "ހޯންޓެޑް" އަދި "1920" ފްރެންޗައިޒްތައް ގެނެސްދޭ ޑައިރެކްޓަރު ވިކްރަމް ބަޓްގެ ވެބް ސީރީޒް "ޓްވިސްޓެޑް" ގެ ދެ ސީޒަނުގައި ނިއާ، 27، ދެއްކި މޮޅު އެކްޓިންއާ އެކު، ވިކްރަމް މިހާރު ނިންމާފައި ވަނީ ނިއާ ބޮލީވުޑަށް ވެސް ނެރޭށެވެ.
އެކަން ވިކްރަމްގެ ތަރުޖަމާން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާ ބުނި ގޮތުގައި ވިކްރަމްގެ އާ ފިލްމްގެ ތައްޔާރީތައް ފަށާފައިވާ އިރު، އޭގައި ބަތަލާގެ ރޯލް ކުޅޭނީ ނިއާ އެވެ.
"އަދި ނިއާއާ އެކު ފިލްމްގައި ބަތަލުގެ ރޯލް ކުޅޭނެ އެކްޓަރަކު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން،" ފިލްމާ ބެހޭ ތަފުސީލަކަށް ނުގޮސް އޭނާ ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފަހަރު ވެސް ވިކްރަމް ހަދާނީ ބިރުވެރިކަން އެކުލެވޭ ކަހަލަ ތުރިލާއެކެވެ. އޭނާ އެންމެ ފަރިތަ ޖޯންރާއަކީ ވެސް އެއީ އެވެ. ވިކްރަމް ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ ޒަރީން ހާނާއި ޓީވީ އެކްޓަރު ކަރަން ކުންދްރާ ލީޑް ރޯލް ކުޅުނު އަދި މިދިޔަ މަހު ޖެނުއަރީ މަހު ރިލީޒް ކުރި ބިރުވެރި ފިލްމް "1921" އެވެ.
"އޭކް ހަޒާރޯ މޭ މޭރީ ބެހެނާ" ގައި ވަރަށް ގެވެހި އިންޑިއާވަންތަ އަންހެން ކުއްޖެއްގެ ރޯލް ނިއާ ކުޅުނު ނަމަވެސް "ޓްވިސްޓެޑް" ގައި އޭނާ ކުޅުނީ ވަރަށް ސްޓައިލިޝް ބޯލްޑް ކެރެކްޓާއެކެވެ. ޓީވީ ސިލްސިލާ ޖަމާއީ ރާޖާ" ގެ ބަތަލާގެ ރޯލް ވެސް ކުޅުނު ނިއާ ވަނީ މިދިޔަ އަހަރު ކަލާޒުން ގެނެސް ދިން ރިއަލިޓީ ޝޯ "ހަތުރޯންކާ ކިލާޅީ 8" ގައި ވެސް ވާދަކޮށްފަ އެވެ.