"ސްޓްރޭންޖާ ތިންގްސް" ގެ 14 އަހަރުގެ ބަތަލާ މިލީ އަށް 3.15 މިލިއަން ޑޮލަރުގެ އާމްދަނީއެއް
"ސްޓްރޭންޖާ ތިންގްސް" ގެ 14 އަހަރުގެ ބަތަލާ މިލީ އަށް 3.15 މިލިއަން ޑޮލަރުގެ އާމްދަނީއެއް

ނެޓްފްލިކްސްގެ ވެބް ސީރީޒް "ސްޓްރޭންޖާ ތިންގްސް" ގެ ތިން ވަނަ ސީޒަނަކަށް ތައްޔާރުވަމުން އަންނަ އިރު، އެ ސިލްސިލާގައި ވަރުގަދަ ރޯލެއް ކުޅޭ 14 އަހަރުގެ ބަތަލާ މިލީ ބޮބީ ބްރައުން އަށް ތިން ވަނަ ސީޒަނުން އާމްދަނީގެ ގޮތުގައިި ޖުމްލަ 3.15 މިލިއަން ޑޮލަރު ލިބޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ސްޓްރޭންޖާ ތިންގްސް" ގެ ތިން ވަނަ ސީޒަނުގައި 9 އެޕިސޯޑް ހިމެނޭ އިރު، ސިލްސިލާގައި އިލެވެންގެ ކެރެކްޓާ ކުޅޭ މިލީ އަށް ކޮންމެ އެޕިސޯޑަކުން 350،00 ޑޮލަރު (5،390،000ރ.) ލިބޭނެ އެވެ. އެއީ ނުވަ އެޕިސޯޑުން 3.15 މިލިއަން ޑޮލަރު (48,510,000ރ.) އެވެ.

އޭނާ ސިލްސިލާގެ ފުރަތަމަ ދެ ސީޒަން ކުޅެދިނީ އެޕިސޯޑެއް 225،000 ޑޮލަރު (3،465،000ރ.) އަށެވެ. ޓީއެމްޒީން ބުނާ ގޮތުން މިލީ ތިން ވަނަ ސީޒަން ކުޅެދޭ އަގު ބޮޑު ކުރީ މިދިޔަ މަހު ބޭއްވި ކިޑްސް ޗޮއިސް އެވޯޑްސްގައި ފެވަރިޓް ޓީވީ އެކްޓްރެސްގެ އެވޯޑް ލިބުމާ ގުޅިގެންނެވެ.

ޓީއެމްޒީން ބުނީ "ސްޓްރޭންޖާ ތިންގްސް" އިން ބިލީ މިހާރު ޗާޖް ކުރާ އަގަކީ އެ ސިލްސިލާގައި ހިމެނޭ ތަޖުރިބާކާރު އެކްޓަރުންގެ އާމްދަނީއާ ދާދި އެއްވަރުގެ އާމްދަނީއެއް ކަމަށެވެ.

ދަ ޑަފާ ބްރަދާޒް އިން ގެނެސް ދީ ބިރުވެރި ސިލްސިލާގެ ކާސްޓުންގެ ތެރޭގައި ހޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ވިނޯނާ ރައިޑާ އާއި ޑޭވިޑް ހާބާ އެވެ.

"ސްޓްރޭންޖާ ތިންގްސް" ގައި ބިލީއާ އެކު ދެން ކާސްޓުންގެ ތެރޭގައި ހިމެނޭ ޅަ އެކްޓަރުންނަށް ބަލާ އިރު، ނަތާލިއާ ޑަޔާ، ޗާލީ ހީޓަން އަދި ޖޯ ކީރީ ފަދަ އެކްޓަރުންނަށް އާމްދަނީގެ ގޮތުގައި އެޕިސޯޑަކަށް ލިބެނީ 150،00 ޑޮލަރު (2،310،000ރ.) އެވެ.

ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ހޯދާފައިވާ ސިލްސިލާގެ ތިން ވަނަ ސީޒަން ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ އިރު، ޑަފާ ބްރަދާޒުން ބުނެފައިވާ ގޮތުގައި "ސްޓްރޭންޖާ ތިންގްސް" އަށް ނިމުމެއް އަންނާނީ ހަތަރެއް ނުވަތަ ފަސް ވަނަ ސީޒަނާ ހަމައިންނެވެ.