05 އެޕްރީލް 2018 - 08:30

ސިލްސިލާތައް ގެނެސްދީގެން ބެލުންތެރިން އުފާކޮށްދޭން އެކްތާ ކަޕޫރް ކުރަމުން އަންނަ މަސައްކަތްތަކަށް ދުވަހަކު ވެސް ފަނޑު ކަމެއް އަންނާނެ ހެނެއް ހިއެއް ނުވެ އެވެ. ޓީވީ އާއި ޑިޖިޓަލް ޕްލެޓްފޯމްގައި ވެސް އޭނާގެ ނުފޫޒު ވަރަށް ގަދަ އެވެ.
އެކްތާ މީގެ 19 އަހަރު ކުރިން އުފެއްދި "ކަސޯޓީ ޒިންދަގީ ކޭ" ގެ ދެވަނަ ސީޒަނެއް ގެނެސް ދޭން ނިންމާފައިވާ އިރު، މިހާރު އަނެއްކާ ވެސް ބެލުންތެރިން އުފަލުން ފޮޅޭ ކަހަލަ ވާހަކައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މުނިފޫހި ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ކަރަން ޖޯހަރް 2001 ގައި އުފެއްދި ކާމިޔާބު އާއިލީ ފިލްމް "ކަބީ ހުޝީ ކަބީ ޣަމް" ގެ ސިލްސިލާ ވާޝަނެއް ގެނެސް ދޭން އެކްތާ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި މިކަމާ ބެހޭ ގޮތުން ސޮނީ ޗެނެލާ އެކު އެކްތާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"ކަބީ ހުޝީ ކަބީ ޣަމް" އަކީ 1998 ގައި ކަރަން ޑައިރެކްޓް ކުރި ފުރަތަމަ ފިލްމް "ކުޗް ކުޗް ހޯތާ ހޭ" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އޭނާ ޑައިރެކްޓް ކުރި ދެވަނަ ފިލްމެވެ. "އިޓްސް އޯލް އެބައުޓް ލަވިން ޕޭރަންޓްސް" ގެ ޓެގް ލައިނާ އެކު ގެނެސްދިން ފިލްމްގެ އެންމެ ހާއްސަ އެއް ކަމަކީ މީގެ ކާސްޓެވެ. މިއީ ހިންދީ ސިނަމާ އިން ވަރަށް މަދުން ނޫނީ ނުފެންނާނެ ކަހަލަ ހުވަފެނީ ކާސްޓެއް ފެނިގެން ދިޔަ ފިލްމެކެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދުމުގެ އިތުރަށް ބެލުންތެރިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދި "ކަބީ ހުޝީ ކަބީ ޣަމް" ގައި ލީޑް ރޯލް ކުޅެފައި ވަނީ އަމީތާބް ބައްޗަން އާއި އަންހެނުން ޖާޔާ ބައްޗަން އާއި ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެއް ޖޯޑު ކަމަށްވާ ޝާހްރުކް ހާނާއި ކާޖޮލްގެ އިތުރުން ރިތިކް ރޯޝަނާއި ކަރީނާ ކަޕޫރެވެ.
މި ފިލްމްގެ މައިގަނޑު ވާހަކައަކީ އާއިލީ ގުޅެމެވެ. ލޯތްބާއި އުލަފާއި ހިތާމަ އެވެ.
މީގެ ވާހަކަ އިތުރަށް ދަންމާލައިގެން އެކްތާ ސިލްސިލާއެއް ގެނެސް ދޭ އިރު، ކޮން ކަހަލަ ބަދަލުތަކެއް ފެންނާނެ ކަމެއް ބުނާކަށް އަދިއެއް ނޭނގެ އެވެ. އެކަމަކު މީގެ ކާސްޓަކީ ކޮބައިތޯ ބަލައިލަން ބެލުންތެރިން މިހާރު ވެސް ތިބޭނީ ވަރަށް ބޭނުންވެފަ އެވެ. ޔަގީނުން ވެސް ޓީވީގެ އޭ ލިސްޓް ތަރިންތަކެއް ސިލްސިލާ އިން ފެންނާނެ އެވެ.