03 އެޕްރީލް 2018 - 18:36

ބެއިޖިން (އެޕްރީލް 3) - ޗައިނާ މީހަކު އޭނާގެ އަންހެން ދަރިފުޅު ގެއްލިގެން ހޯދާތާ 24 އަހަރު ފަހުން ފެނިއްޖެ އެވެ.

ވަންގް މިންގްގިން ވަނީ ދަރިފުޅު ފެނޭތޯ ލައްކަ މަސައްކަތް ކޮށްފަ އެވެ. އެއް ދުވަސްވަރެއްގައި އޭނާ ވަނީ ޓެކްސީ ޑްރައިވަރުކަން ވެސްކޮށްފަ އެވެ؛ ޕަސިންޖަރެއްގެ ގޮތުގައި އޭނާގެ ދަރިފުޅު ކާރަށް އަރައިފާނެތީ އެވެ. އެންމެ ފަހުން ބައްޕަ އަށް ދަރިފުޅުގެ ޚަބަރެއްވީ މި އަހަރު ކުރީކޮޅު ޖެހި އޮންލައިން ޕޯސްޓަކުންނެވެ. އަދި މިއަދު ވަނީ އެ ދެބަފައިން ބައްދަލުވެފަ އެވެ.

ޗައިނާގެ މީޑިއާތަކަށް ވަންގް ދިން އިންޓަވިއުތަކުގައި ބުނެފައި ވަނީ ދަރިފުޅު ގިފެން ގެއްލިފައި ވަނީ އެ ކުއްޖާގެ އުމުރުން ތިން އަހަރުގައި ކަމަށެވެ. ވަންގް އާއި އޭނާގެ އަންހެނުންނަކީ މޭވާ ވިއްކާ ބައެކެވެ. އެ މީހުން މޭވާ ވިއްކަނީ މަގުގެ އެއް ފަރާތުގައި ކުޑަ ތަންކޮޅެއް ހަދައިގެންނެވެ. އެއް ދުވަހަކު މަސައްކަތް ނިންމާލި ފަހުން ވަނީ ދަރިފުޅު ނެތްކަން އެ މީހުންނަށް ރޭކާލައިފަ އެވެ.

އެ މީހުން ވަނީ ދަރިފުޅު ފެނޭތޯ ޗެންދޫ ސިޓީ އާއި ވަށައިގެންވާ ސަރަހައްދުތައް ވެސް އެތައް ފަހަރަކު ބަލައިފަ އެވެ. ނޫސްތަކުގައި އިޝްތިހާރު ވެސް ޖެހި އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ވަންގް ވަނީ، ދަރިފުޅު ހޯދުމުގެ މަސައްކަތް ފުޅާ ކުރުމުގެ ގޮތުން ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ފަށައިފަ އެވެ. ދަރިފުޅާ ބެހޭ މައުލޫމާތު ހިމެނޭ ބޯޑެއް އޭނާގެ ކާރުގައި ހަރު ކުރި އެވެ. އަދި ކާރަށް އަރާ ކޮންމެ މީހަކަށް އޭނާގެ އެޑްރެސް ކާޑެއް ދެ އެވެ. ދަރިފުޅު ގިފެންއާ ބެހޭ މައުލޫމާތެއް ލިބިއްޖެ ނަމަ ގުޅުމަށެވެ.
ގިފެންގެ ފޮޓޯއެއް ވަންގް އަތުގައި ނެތުމުން އިޝްތިހާރުތަކާއި ލީފްލެޓްތަކުގައި ބޭނުންކޮށްފައި ވަނީ އޭނާގެ ދެން ހުރި އަންހެން ދަރިފުޅުގެ ފޮޓޯ އެކެވެ. ދެ ކުދިން ވަރަށް ވައްތަރެވެ. ދަރިފުޅު ހޯދަން ވަންގް ކުރާ މަސައްކަތަށ ޗައިނާގެ މީޑިއާތަކުގެ ސަމާލުކަން ފަހުން ލިބުނެވެ.
ގިފެންއާ ވައްތަރު އެތައް އަންހެނުންނެއް ޗައިނާ ފުލުހުން ވެސް ވޭތުވެދިޔަ އަހަރުތަކުގައި ހޯދައިފައިވެ އެވެ. ނަމަވެސް އެއިން އެކެއްގެ ވެސް ޑީއެންއޭ ދިމަލެއް ނުވެ އެވެ. މިދިޔަ އަހަރު ވަނީ ޕޮލިސް ސްކެޗް އާޓިސްޓަކު ގިފެން މިހާރު ހުންނާނެ ގޮއތުގެ ކުރެހުމެއް ކުރަހާ އޮންލައިންކޮށް ދައުރު ކުރަން ފަށައިފަ އެވެ. އެ ކުރެހުން ފެނިގެން ޗެންދޫއާ އެތައް ހާސް ކިލޯ މީޓަރެއްގެ ދުރުގައި އުޅޭ ކަންގް ޔިންގް ކިޔާ މީހަކު ގުޅާ ވަނީ ގެއްލިގެން އުޅޭ ދަރިފުޅުގެ ބައެއް ސިފަތައް ވަންގަށް ކިޔައިދީފަ އެވެ. ގެއްލިފައިވާ ދަރިފުޅު ގިފެންގެ ނިތްކުރީގައި އުފަންލަކެއް އިންނަ ކަމަށް ވެސް ބުންޏެވެ. އެ ހިސާބުން ޑީއެންއޭ ޓެސްޓް ހެދި އެވެ. އަަދި ވަންގްގެ ޑީއެންއާ އެންމެ ފަހުން ދިމާވި އެވެ. އުތުރުގެ ޖިލިން ޕްރޮވިންސްގައި އުޅޭ ކަންގް ޔިންގް ވަނީ މިއަދު ވަނީ ޗެންދޫ އަށް ދަތުރުކޮށް އޭނާގެ ބައްޕަ ވަންގްއާ ބައްދަލުކޮށްފަ އެވެ. ކަންގް ޔަން ޗެންދޫ އަށް ދިޔައީ އޭނާގެ ފިރިމީހާ އާއި ދެ ދަރިން ވެސް ގޮވައިގެންނެވެ. އާއިލާއާ ބައްދަލުވުމާ އެކު އުފަލުން އެ މީހުން ރޯން ފެށި އެވެ.
ޗައިނާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ކަންގް ޔިން ގެންގުޅެ ބޮޑު ކުރީ އޭނާގެ މައިންބަފައިން އުޅުނު ސަރަހައްދާ 12 މޭލު ދުރުގައި އުޅުނު ދެމަފިިރިއެކެވެ. އެކަމަކު ކަންގް ޔަން ޖިލިން ޕްރޮވިންސަށް ދިޔަ ގޮތެއް ނޭނގެ އެވެ.