ރާއްޖެޓީވީ އާއި ސައިރިކްސް ގުޅިގެން ވީޑިއޯ ޖާނަލިޒަމްގެ ކޯހެއް ހިންގަނީ
ރާއްޖެޓީވީ އާއި ސައިރިކްސް ގުޅިގެން ވީޑިއޯ ޖާނަލިޒަމްގެ ކޯހެއް ހިންގަނީ

ވީޑިއޯ ޖާނަލިޒަމްގެ ކޯހެއް ހިންގަން ސައިރިކްސް ކޮލެޖާއި ރާއްޖެ ޓީވީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރާއްޖެޓީވީ އާއި ސައިރިކްސް ގުޅިގެން ވީޑިއޯ ޖާނަލިޒަމްގެ ކޯހެއް ހިންގަނީ
ރާއްޖެޓީވީ އާއި ސައިރިކްސް ގުޅިގެން ވީޑިއޯ ޖާނަލިޒަމްގެ ކޯހެއް ހިންގަނީ

ނޫސްވެރިކަމުގެ ދާއިރާ އިން ކުރިއަށް ދިއުމަށް ޝައުގުވެރިވާ އަދި މިހާރު ވެސް އެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ މީހުންނަށް އަމާޒުކޮށްފައިވާ ކޯސް ކުރިއަށް ގެންދިއުމުގެ އެއްބަސްވުުމުގައި ސޮއިކުރެއްވީ ސައިރިކްސް ކޮލެޖުގެ ޑީން އޮފް ސްޓޫޑެންޓްސް އަނިލް އާދަމް އަދި ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑީން އޮފް ސްޓޫޑެންޓްސް އަނިލް ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާ ކުރިއަރުވައި އެ ދާއިރާ އަށް އިތުރަށް މީހުން ނެރުމަށް އެފަދަ ޕްރޮފެޝަނަލް ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ސައިރިކްސް ކޮލެޖުން އަބަދު ވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމައަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ފުރިހަމަ އަށް މީހުން ތަމްރީނު ކުރުމަށް ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒު ވިދާޅުވީ އެ ޓީވީ ސްޓޭޝަންގެ ވިސްނުމަކީ ވީޑިއޯ ޖާނަލިޒަމް ކޯސް އިތުރަށް ތަރައްގީކޮށް އެކްރެޑިޓްކުރާ ކޯހެއްގެ ގޮތުގައި ފަރުމާ ކުރުމެވެ. އަދި އެއީ ނޫސްވެރިކަމުގެ ދާއިރާގެ އިތުރުން ޕަބްލިކް ރިލޭޝަންސްގެ ދާއިރާ އިން ހުނަރު އިތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފައިދާ ހުރި ކޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިހަ ދުވަހުގެ މުއްދަތަކަށް ހިންގާ އެ ކޯހުގެ ފުރަތަމަ ބެޗުގެ ތަމްރީނުތައް އަންނަ ބުރާސްފަތި ދުވަހު ފަށާނެ އެވެ. އެގޮތުން ފުރަތަމަ ބެޗުގައި 25 ދަރިވަރުން ބައިވެރިވެފައިވާއިރު، ލިބޭ ތަރުހީބަށް ބެލުމަށް ފަހު އިތުރަށް ހުޅުވާލާނެ ކަމަށް ސައިރިކްސް ކޮލެޖުން ބުންޏެވެ.