މަދޫރީގެ މަރާޓީ ފިލްމް ހިންދީ އޯޑިއަންސަށް ގެނެސް ދޭނީ ކަރަން ޖޯހަރް
މަދޫރީގެ މަރާޓީ ފިލްމް ހިންދީ އޯޑިއަންސަށް ގެނެސް ދޭނީ ކަރަން ޖޯހަރް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓްގެ ފުރަތަމަ މަރާޓީ ފިލްމް "ބަކެޓް ލިސްޓް" ހިންދީ އޯޑިއަންސަށް ގެނެސް ދިނުމުގެ ޒިންމާއާ ކަރަން ޖޯހަރް ހަވާލުވެއްޖެ އެވެ.

ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން އެ ފިލްމްގެ ޕްރެޒެންޓްކޮށް ދޭން ހަވާލުވިކަން އޭނާ ވަނީ ޓްވިޓާގައިި ވެސް ހިއްސާކޮށްފަ އެވެ.

އިއްތިފާގަކުން ނަމަވެސް "ބަކެޓް ލިސްޓް" ރިލީޒް ކުރަން އެ ފިލްމް އުފެއްދި ކުންފުނިން ނިންމާފައި އޮތީ ވެސް ކަރަންގެ އުފަން ދުވަސް ކަމަށްވާ މެއި 25 ވަނަ ދުވަހު އެވެ. މަދޫރީގެ އުފަން ދުވަސް ވެސް އަންނަނީ މެއި މަހުގެ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަދޫރީގެ 51 ވަނަ އުފަން ދުވަސް ފާހަގަކުރާނީ އަންނަ މަހުގެ 15 ގަ އެވެ.

ތޭޖާސް ވިޖޭ ޑިއޯސްކަރް ޑައިރެކްޓްކޮށްފައިވާ "ބަކެޓްލިސްޓް" އަކީ މެދުއުމުރުގެ "ކެއާފްރީ" އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި ފިލްމް ހިންދީ އޯޑިއަންސަށް ކަރަން ޕްރެޒެންޓްކޮށް ދޭން ނިންމިކަން އިއުލާން ކުރަމުން އޭނާ ބުނީ މިއީ ފަހުރެއް ކަމަށެވެ.

ކަރަންއަކީ ބޮކްސް އޮފީހުގައި ރެކޯޑްތައް ހެދި ތެލެގޫ ފިލްމް "ބާހްބަލީ" ގެ ވެސް ހިންދީ ވާޝަން ބެލުންތެރިންނަށް ޕްރެޒެންޓްކޮށް ދިން ޕްރޮޑިއުސަރެވެ. އަދި އޭނާ ޕްރޮޑިއުސްކޮށް އަންނަ ޖުލައި މަހު ރިލީޒްކުރާ ފިލްމް "ދަޅަކް" އާއި ނޮވެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" އަކީ ސައުތު ފިލްމް އިންޑަސްޓްރީގެ ދެ ރިމެކިންއެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.

ދެހާސް ފަނަރާގައި ރިލީޒް ކުރި ތަމަޅަ ފިލްމް "އޯކޭ ކަންމަނީ" ގެ ހިންދީ ރިމެކިން "އޯކޭ ޖާނޫ" ގެ ނަމުގައި މިދިޔަ އަހަރު ގެނެސް ދިން ކަރަންގެ "ދަޅަކް" އަކީ މަރާޓީ ފިލްމް "ސައިރާތު" ގެ ރިމެކިންއެކެވެ. މިއީ ޖާންވީ ކަޕޫރާއި އިޝާން ކައްތަރު ބޮލީވުޑަށް ތައާރަފު ކުރާ ފިލްމެވެ.

ރަންވީރް ސިންގް އާއި ސާރާ އަލީ ހާން ލީޑް ރޯލް ކުޅޭ "ސިމްބާ" އަކީ 2015 ގެ ތެލެގޫ ފިލްމް "ޓެމްޕާ" ގެ ރިމެކިންއެކެވެ.

މަދޫރީގެ "ބަކެޓް ލިސްޓް" ކަރަން ޕްރެޒެންކޮށް ދޭން ނިންމި އިރު، ކަރަން ޕްރޮޑިއުސް ކުރާ ފިލްމަކަށް މަދޫރީ މިހާރު ވަނީ ސޮއި ވެސްކޮށްފަ އެވެ. އެއީ "ޝިއްދަތު" ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، ކަރަން ދާދި ފަހުން ކުރި ޓްވީޓެއްގައި ބުނީ އެ ފިލްމްގެ ނަމަކީ "ޝިއްދަތު" ނޫން ކަމަށެވެ.

މަދޫރީ ވަނީ 2013 ގައި ކަރަން ގެނެސް ދިން ކާމިޔާބު ފިލްމް "ޔެ ޖަވާނީ ހޭ ދީވާނީ" ގެ ލަވައެއް ވެސް ކުޅެފަ އެވެ.