24 މެއި 2016 - 12:31

ކުރީގެ ވަރަށް މަޝްހޫރު ބަތަލާއެއް ކަމަށްވާ ވަހީދާ ރަހްމާންގެ ދަރިފުޅު ސުހައިލް ރެކީ އަންނަ މަހު ބޫޓާން އަންހެންކުއްޖަކާ ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.
ވަހީދާގެ ގޭގައި ގެންގުޅޭ މީހަކު އިންޑިޔާގެ ފިލްމީ ނޫހަކަށް ކިޔައިދީފައިވާ ގޮތުގައި ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ ވެސް ބޫޓާންގަ އެވެ.
ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވަނީ ދެ ފަރާތުގެ އާއިލާއިންނާއި ވަހީދާގެ ބައެއް ފިލްމީ ރައްޓެހިންނެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އާޝާ ޕަރެކް އާއި ހެލަން އަދި ސަލްމާ ޚާން ހިމެނެ އެވެ.
ޝަޝީ ރެކީ އާއި ވަހީދާ ކައިވެނި ކުރީ 27 އޭޕްރީލް 1974 ގައެވެ. ކައިވެންޏަށްފަހު ފިލްމު ކުޅުން ހުއްޓާލައި ބެންގަލޫރުގައި ހުންނަ ފާމްހައުސް އަކަށް ދިރިއުޅުން ބަދަލުކުރި އެވެ. މި ކައިވެންޏަށް ވަހީދާއަށް ދެ ދަރިން ލިބުނެވެ. ސުހައިލް އާއި ކަޝްވީ އެވެ. މި ދެ ދަރިންނަކީ ވެސް ލިޔުންތެރިންނެވެ.
ނޮވެމްބަރު، 21، 2000 ގައި ވަހީދާގެ ފިރިމީހާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު މަރުވެފަ އެވެ. އޭގެ ފަހުން އަނެއްކާ ވެސް އޭނާ މުމްބައިގެ ބާންދްރާގައި ހުންނަ އޭނާގެ ގެ އަށް ދިރިއުޅުން ބަދަލުކޮށް މިހާރު ވެސް ދިރިއުޅެނީ އެގޭގަ އެވެ. އަދި މަދުމަދުން ފިލްމުތަކުގައި ވެސް މަސައްކަތް ކުރަން ފެށި އެވެ.