03 އެޕްރީލް 2018 - 13:54

ގާހިރާ (އެޕްރީލް 3) - މިސްރުގެ ރިޔާސީ އިންތިޚާބުގައި ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހު ވާދައެއް ނުކުރެ އެވެ. އެކަމަކު ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ހޯދާފައި ވަނީ ސަލާހެވެ.

މިސްރުގެ ރިޔާސީ އިންތިޚާބު އަބްދުލް ފައްތާހު ސީސީ ކާމިޔާބު ކުރެއްވީ 97 ޕަސެންޓް ވޯޓުންނެވެ. އެކަމަކު 27 އަހަރަށް ފަހު މިސްރު ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމުން އެ ގައުމުގައި 25 އަހަރުގެ ސަލާހަށް ދީފައި ވަނީ ބަތަލެއްގެ ދަރަޖަ އެވެ. މި އަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވީ އެންމެ ފަހު ސިކުންތުކޮޅުގައި ކޮންގޯ ކޮޅަށް ސަލާހު ޖެހި ޕެނަލްޓީންނެވެ.
އެހެންވެ ރިޔާސީ އިންތިޚާބުގައި ވާދަކުރި ސީސީ އާއި މޫސާ މުސްތަފާ މޫސާގެ ނަމުގެ އިތުރުން ބައެއް މީހުން ވަނީ ސަލާހުގެ ނަން ވޯޓު ކަރުދާސްކޮޅުގައި އަމިއްލަ އަށް ލިޔެ އޭނާ އަށް ވޯޓުދީފަ އެވެ. އެކަމަކު ސަލާހަށް ދިން ކޮންމެ ވޯޓެއް ވަނީ ބާތިލްވެފަ އެވެ. ސަލާހަށް ވަނީ މިލިއަނަކަށް ވުރެ ގިނަ މީހުން ވޯޓު ދީފަ އެވެ. ސީސީއާ ވާދަކުރަން އެންމެ ފަހު ވަގުތު ނަން ހުށަހެޅި މޫސާ މުސްތަފާ އަށް ވުރެ ގިނަ ވޯޓު ސަލާހު ހޯދި އެވެ.
ދެ ވަނަ ދައުރެއް ސީސީ ކާމިޔާބު ކުރެއްވި އިރު ވޯޓުލާން ނުކުމެފައި ވަނީ 41 ޕަސެންޓް މީހުންނެވެ. އިންތިޚާބަށް ނުކުންނަން ޝައުގުވެރިކަން ފާޅުކުރި އެންމެންނަށް ވަނީ ބިރު ދައްކައިގެން ނަން ނަގުވައިފަ އެވެ. މީގެ ތެރޭން ބައެއް ކެންޑިޑޭޓުން ވަނީ އިންތިޚާބުގެ ކުރިން ބަންދު ވެސް ކޮށްފަ އެވެ.