05 އެޕްރީލް 2018 - 10:12

ދަތުރުމައްޗަށް ނުކުންނައިރު އަގުބޮޑު ގަހަނާ އާއި ފައިސާ ފަދަ ތަކެތި އުފުލާ ނަމަ އެއަށް އެކަށީގެންވާ ވަރުގެ ރައްކާތެރިކަމެއް ބޭނުންވެއެވެ. މިކަމަށް އެކި ފެންވަރުގެ ފޮށްޓާއި ދަބަހާއި ވޮލެޓް ދުނިޔޭގެ ބާޒާރުގައި ވިއްކަން އެބަހުއްޓެވެ. އެކަމަކު ބޭނުންވަނީ ފެން ނުވަންނަ ވަރުގެ ރައްކާތެރި ފޮއްޓެއް ކަމަށްވާ ނަމަ އެކަމަށް އެންމެ ކަމުދާނީ ސްޓޭޝް ބޮކްސްއެވެ.
މިއީ 7.8 އިންޗި ދިގު، 4 އިންޗި ފުން، 2.2 އިންޗި ފުޅާ ފޮއްޓެކެވެ. މި ފޮށިމަތީ މީހަކަށް އިށީނދެވުނަސް ފަޅައިގެންނުދާހާ ވަރުގަދަ އެވެ. މި ފޮށި ލާފައިވާ ދަބަސް މޫދަށް ވެއްޓުނަސް ތިން ފޫޓު އަޑިއަށް ނުދާނަމަ، ފެން ނުވަދެ ބައި ގަޑިއިރުވަންދެން އޮންނާނެކަމަށްވެއެވެ.
މިއީ ޕްލާސްޓިކުން ހަދާފައިވާ ފޮށްޓަކަށްވާތީ ލުއިވާނެ އެވެ. އަދި މީގައި ހިމެނޭ މައުދަނުގެ ކޮންމެ އެތިކޮޅަކީވެސް ސްޓެއިންލަސް ސްޓީލުން ހަދާފައިވާ އެއްޗަކަށްވާތީ ދަބަރުޖަހާފާނެތީ، ނުވަތަ ނުބައިވަސް ދުވާފާނެތީ އުޅޭކަށް ވެސް ނުޖެހެއެވެ. މިއަށް އުފުލޭނީ ކިހާ ބަރުދަނެއްކަމެއް އަދި ސާފެއްނުވެއެވެ. އެކަމަކު އެނގޭ ކަމަކީ މީގެ ބޮޑުމިނަށް ބަލާއިރު މިއީ ފޮށީގައި ނުވަތަ ދަބަސްތެރޭގައި ރީތިކޮށް ބާއްވާލެވޭނެ ވަރުގެ އެއްޗެއްކަމެވެ.
ސްޓޭޝްބޮކްސް ފަރުމާކޮށްފައިވަނީ ތުނި ރަބަރު ފަށަލައަކުން އަނގަމަތި މުޅިން ބަންދުކުރެވޭނެ ގޮތަށެވެ. ތަޅުލެވޭނެ ވަކި ސިސްޓަމެއް މިއަކު ނުހުރެއެވެ. އެކަމަކު އާދައިގެ ޕެޑްލޮކެއް އަޅުވާލައިގެން ތަޅުލެވިދާނެއެވެ.
ސްޓޭޝް ބޮކްސްއަކީ ދަތުރުމަތީގައި އަގުބޮޑު މުދާ ރައްކާކުރެވިދާނެ ފޮށްޓެކެވެ. ކުއްލި ހާލަތުގައި ބޭނުންކުރަންޖެހޭ މުހިއްމު ތަކެތި ރައްކާކުރާ ފޮށްޓަކަށްވެސް މި ފޮށި ފުދޭނެއެވެ. ރަގަޅު މަޑިސީލައަކަށް ވެސް މިހެދިދާނެއެވެ.